ޔަހޫދީންގެ އިސް ކޮމިއުނިކޭޝަން އޮފިޝަލެއް ކަމަށްވާ އީލީ ހަޒާން، އޭނާއަކީ ދޮގު ޚަބަރު އުފައްދާ މީހެއް ކަމަށް އިޢުތިރާފްވެއްޖެއެވެ.
މީސްމީޑިޔާގައި ހަލުވި ކަމާއެކު ދައުރުވަމުންދާ ވީޑިޔޯ ކްލިޕެއްގައި އީލީ ހަޒާން ބުނީ މި ޙާލަތުގައި ތެދަކީ ކޮބައިކަން މުހިންމު ނޫން ކަމަށާއި، ހަޤީޤަތަކީ ކޮބައިކަން ބަލަން ނުޖެހޭ ކަމަށެވެ. އަދި އޭނާއަކީ ތެދު ހަޤީޤަތްތަކާ ވިއްދައިގެން ދޮގު ޚަބަރުތައް އުފައްދާ ފަތުރާ މީހެއް ކަމަށް ވެސް އޭނާ ބުނެއެވެ. ޔަހޫދީންގެ މުއާސަލާތީ އިސްތިރާޖަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ދާއިރާގައި ގެންގުޅުއްވާ އިސްތިރާޖާ އެއްގޮތް ނިޒާމަކަށް ހަދަން ޖެހޭ ކަމަށް ވެސް އެނާ ބުނެފައިވެއެވެ.
މީޑިޔާއާ ގުޅޭގޮތުން ޓްރަމްޕް ގެންގުޅުއްވާ ކަމަށް ހަޒާން ބުނެފައިވާ އިސްތިރާޖުގެ ދަށުން ޓްރަމްޕްއަކީ ވަރަށް ގިނައިން ހަޤީޤަތާ ޚިލާފަށް ނުވަތަ ހަޤީޤަތް އޮޅޭފަދަ ގޮތަކަށް ވާހަކަތައް ބަޔާންކުރައްވާ ބޭފުޅެކެވެ. އަދި ކަމުނުދާ ގޮތަކަށް ނޫސްތަކުން އެމެރިކާއާއި ޓްރަމްްޕްއާ ގުޅޭ ގޮތުން ކުރާ ރިޕޯޓުތަކަކީ ‘ފޭކް ނިއުސް’ ނުވަތަ ދޮގު ޚަބަރު ކަމަށް އޭނާ އަވަސްކަމާއެކު ވިދާޅުވެއެވެ. ޓްރަމްޕް ތަކުރާރުކޮށް ބޭނުންކުރައްވާ ‘ފޭކް ނިއުސް’ މި ބަސްތަކަކީ އޭނާ ނޫސްވެރިންނާއި އޭނާއަށް ފާޑުކިޔާ މީހުންނާ ދެކޮޅަށް ބޭނުންކުރާ ސިޔާސީ ހަތިޔާރަކަށް ވަނީ ވެފައެވެ.
ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި އޭނާ ހަޤީޤަތާ ޚިލާފާށް ދައްކަވާފައިވާ ވާހަކަތައް ވޮޝިންގޓަން ޕޯސްޓްއިން ވަނީ ތަފްޞީލްކޮށް ރެކޯޑުކޮށްފައެވެ. އެ ގޮތުން އެ ދައުރުގައި ހަޤީޤަތާ ޚިލާފަށް ނުވަތަ ހަޤީޤަތް އޮޅޭ ގޮތަށް 30،573 ކަމެއް އޭނާ ބަޔާންކުރައްވާފައިވެއެވެ. އެއީ ދުވާލަކު ގާތްގަނޑަކަށް 21 ހަޤީޤަތާ ޚިލާފު ވާހަކައެވެ.
ޓްރަމްޕްއެކޭ އެއްގޮތަށް ހަޒާން ވެސް މީސްމީޑީޔާ ސިފަކުރަނީ ހަނގުރާމައިގެ މައިދާނެއްގެ ގޮތުގައެވެ. ޔަހޫދީންގެ ދުޝްމަނުންނާ ދެކޮޅަށް އޮންލައިންކޮށް “ހަނގުރާމަ” ކުރަންޖެހޭ ކަމަށް އޭނާ ޤަބޫލުކުރެއެވެ. މަޢުލޫމާތުެ ހަނގުރާމައެއްގައި ޚަބަރެެއްގެ ޞައްޙަ ކަމަކީ އެންމެ މުހިންމު ކަން ނޫން ކަަމަށް އޭނާ ބުނެއެވެ.
ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ހަމަލާތައް ދޭން ފެށި ފަހުން ޔަހޫދީންގެ ޚަބަރުތައް ފަތުރާ އިދާރާ، ހަސްބަރާއަށް ޔަހޫދީ ދައުލަތުން ޚަރަދުކުރާ މިންވަރު ވަނީ އެތައް ގުނައަކަށް އިތުރުކޮށްފައެވެ. އެއީ ހަނގުރާމައިގެ ސަބަބުން ޔަހޫދީންނަށް އޮތް ބައިނަލްއަޤްވާމީ ތާއީދު ގެއްލުމުން އެ ކަން ފޫބެއްދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށެވެ. ހަސްބަރާގެ ބަޖެޓު 730 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، އެއީ އޭގެ ކުރީ އަހަރު ދިން 150 މިލިޔަން އެމެރިކާ ޑޮލަރުގެ ބަޖެޓަށްވުރެ ހަތަރު ގުނަ އިތުރު ޢަދަދެކެވެ. އަދި 109 މިލިޔަން ޑޮލަރުގެ ބަޖެޓަކީ ވެސް 2023ވަނަ އަހަރު ޢުދުވާން ފެށުމުގެ ކުރިން އެ ދާއިރާއަށް ޚަރަދުކުރަމުން ދިޔަ ޢަދަދަށްވުރެ ގާތްގަނޑަކަށް 20 ގުނަ އިތުރު ޢަދަދެކެވެ. އެ އިދާރާއަށް ލިބިފައިވާ މާސިންގާ ބަޖެޓު ބޭނުންކޮށްގެން ޑިޖިޓަލް ކެންޕޭންތައް ހިންގާ، ޔަހޫދީ ޕްރޮޕަގަންޑާ ފެތުރުމަށް އިންފްލުއެންސަރުންނަށް ފައިސާ ދީ، އެ ނޫން ވެސް ތަފާތު ގޮތްގޮތަށް ޚަރަދުކޮށް ބައިނަލްއަޤްވާމީ ދުނިޔެއިން ޔަހޫދީންނާ މެދު ދެކޭ ގޮތް ބަދަލުކުރުމަށް މަސައްކަތް ކުރެއެވެ. ޔަހޫދީންނަށް ތައުރީފް ކުރާ ޕޯސްޓުތައް މީސްމީޑިޔާގައި ޖެހުމަށް އިންފްލުއެންސަރުންނަށް ޕޯސްޓަކަށް 7،000 އެމެރިކާ ޑޮލަރު ވެސް ޔަހޫދީން ޚަރަދުކޮށްފައި އެބަ ހުއްޓެކެވެ.