ޚަބަރު

ޖަބާލިޔާ ރެފިއުޖީ ކޭމްޕާއި ހަސްފަތާލުތަކުގައި ޔަހޫދީންގެ ރަޙުމު ކުޑަ ޤަތުލުޢާންމެއް


ޣައްޒާގެ އުތުރުގައި އޮންނަ ރެފިއުޖީ ކޭމްޕުތަކާއި ހަސްފަތާލުތައް ވަށައިލުމަށް ފަހު ޔަހޫދީ ފައުޖުން އެ ސަރަޙައްދުގައި ހިންގަމުންދާ ޤަތުލުޢާންމު އިތުރަށް ފުޅާކޮށް, އެ ސަރަޙައްދަށް އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅަމުންދާ ކަން އދން ހާމަކޮށްފިއެވެ. ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ކޭމްޕާއި, އެ ސަރަޙައްދުގައި އޮންނަ ތިން ހަސްފަތާލެއް ވަށައިލައި, އެ ތަންތަނުގައި ތާށިކޮށްލާފައިވާ މީހުންނަށް އަމާޒުކޮށް މެދުކެނޑުމެއް ނެތި ޙަމަލާ ދެމުންނެވެ.

ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ބުނީ, ޖަބާލިޔާގައި ގިނަ ޢަދަދެއްގެ ބަޔަކު ދިރިއުޅެމުން ދިޔަ ގެއަކަށް ރަޙުމު ކުޑަ ވައިގެ ޙަމަލާތަކެއްދީ, ފަސް މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އެ ޙަމަލާގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލިއެވެ. އެ ސަރަޙައްދުގައި ތާށިކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ބައިނަލްއަޤުވާމީ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަށް ޔަހޫދީ ފައުޖުން ހުރަސް އަޅަމުންދާތީ, ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (އުންރްވާ)ން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ އިދާރާއިން ބުނީ, އެ ސަރަޙައްދުގައި ތާށިކޮށްލާފައިވާ މީހުންނަށް ކާބޯތަކެތީގެ އިތުރުން އިންސާނީ އެހީގެ ސާމާނުގެ އިތުރުން ބޭސްފަރުވާ ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވެސް ޔަހޫދީ ފައުޖުން ހުރަސް އަޅަމުންދާ ކަމުގައެވެ. "ޙަމަލާތަކުން ސަލާމަތްވާން އުޅޭ މީހުންނަށް ޙަމަލާދީ, [ޔަހޫދީ ފައުޖުން] ދަނީ އެ މީހުން ޝަހީދު ކުރަމުން, ޝަހީދު ކޮށްލާފައިވާ މީހުންގެ ހަށިތަކުން މަގުތައް ވަނީ ފުރިފައި،" އުންރްވާގެ ވެރިޔާ ފިލީޕް ލެޓްޒަރީނީ ވިދާޅުވިއެވެ.

ޣައްޒާގެ އުތުރުގައި ހުންނަ އިންޑޮނޭޝިޔާ ހަސްފަތާލުގެ އޮފިޝަލުން ބުނީ, އެ ސަރަޙައްދުގައި ގިނަ އަދަދެއްގެ ރެފިއުޖީން ދިރިއުޅެމުން ދިޔަ މަދަރުސާއަކަށް ޔަހޫދީ ފައުޖުން ވަދެ, ގިނަ އަދަދެއްގެ ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމުގައެވެ. އަދި, އެއަށްފަހު އެ މަދަރުސާގެ އިމާރާތުގައި ހުޅުޖަހާފައިވާ ކަމުގައެވެ. އެއީ, ހަސްފަތާލާ އިންވެގެން ހުރި މަދަރުސާއެކެވެ. އަލިފާނުގެ ހާދިސާގައި ހަސްފަތާލަށް ކަރަންޓު ދިނުމަށް ބޭނުން ކުރާ ޖަނަރޭޓަރު ހަލާކުވެ, އެ ތަނުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ކަމުގައި ވެސް އޮފިޝަލުން ބުންޏެވެ.

އެ ސަރަޙައްދުގައި ހުންނަ ކަމާލް ޢަދްވާނީ ހަސްފަތާލުގެ ވެރިޔާ ޙުސާމް އަބޫ ޞަފިއްޔާ ވިދާޅުވީ, ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ހުސްވުމާ ގުޅިގެން އެ ހަސްފަތާލުގެ އިންޓެންސިވް ކެއަރ ޔުނިޓުގައި ފަރުވާދެމުން ދިޔަ ދެ ބަލި މީހުން ޝަހީދުވެފައިވާ ކަމުގައެވެ. "ހަސްފަތާލުގެ ބްލަޑް ބޭންކުން ލޭގެ ސްޓޮކް ހުސްވެއްޖެ, ހުރިހާ ބަލިމީހުންނަށް އެންމެ ފުރިހަމަ ފަރުވާއެއް ނުދެވޭ. ޙަޤީޤަތަކީ މިއީ،" އޭނާ ވިދާޅުވިއެވެ. ޔަހޫދީ ފައުޖުން ދަނީ, އެ ސަރަޙައްދުގައި ހުރި ހަސްފަތާލުތަކަށް ދަތުރު ކުރުމަށް އދގެ މުވައްޒަފުންނަށް ވެސް ހުރަސް އަޅަމުންނެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ އޮފިޝަލުން ބުނީ, ފާއިތުވި 24ވަރަކަށް ގަޑިއިރުގެ ތެރޭގައި ޖަބާލިޔާއަށް ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި 18 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އަދި, ޣައްޒާގެ އެހެން ސަރަޙައްދުތަކަށް ދިން ރަޙުމު ކުޑަ ޙަމަލާތަކުގައި އިތުރު އަށް މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވެއެވެ.

ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ޔަހޫދީން ނުފަށައިފި ނަމަ, ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުމަށް ހުރަސް އެޅިދާނެ ކަމަށް ބުނެ, އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ހުސްވި ހަފުތާގައި އިންޒާރު ދިނެވެ. ނަމަވެސް, އޮކްޓޫބަރު 17ވަނަ ދުވަހު ޣައްޒާގެ ރަފަޙަށް ދިން ނިރުބަވެރި ޙަމަލާތަކެއްގައި, ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ ޔަޙްހާ އަލް-ސިންވާރު ޝަހީދު ކޮށްލުމަށް ފަހު, ޔަހޫދީ ފައުޖުން ދަނީ ޣައްޒާ ޢުދުވާން އިތުރަށް ފުޅާ ކުރަމުންނެވެ.

ޣައްޒާގެ މުސްލިމުން ޝަހީދުކޮށްލަން މީގެ އަހަރެއްހާ ދުވަސް ކުރިން ފެށި ލާއިންސާނީ ޖަރީމާތަކާ ގުޅީގެން އެ ސަހަރުގައި ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު 1.9 މިލިޔަނަށް އަރާފައިވާ ކަމުގައި އދން ހާމަކުރިއެވެ. އެ މީހުންނަށް ކާބޯތަކެތި ހޯދޭނެ ގޮތެއް ނެތް ކަމުގައި ވެސް އދން ބުންޏެވެ. އިންސާނީ ޙައްޤުތަކާ ބެހޭ އދގެ އިދާރާއިން ބުނީ, ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ކުރަމުންދާ މަސައްކަތްތަކަށް ޔަހޫދީ ފައުޖުން ގަސްދުގައި ހުރަސް އަޅަމުންދާ ކަމުގައެވެ. އަދި, ކާބޯތަކެއްޗަށް ހުރަސް އަޅައި, ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖެއްސުމަކީ ހަތިޔާރަކަށް ހަދާފައިވާ ކަމުގައެވެ.

ލެޓްޒަރީނީ ވިދާޅުވީ, ޔަހޫދީންގެ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންނަށް ފަރުވާ ދެވޭނެ ގޮތެއް ނެތް ކަމުގައެވެ. އަދި, ހަސްފަތާލުތަކުގެ ތަޅުންމަތީގައި ފަރުވާ ނުލިބި ގިނަ އަދަދެއްގެ މީހުން ތިބި ކަމުގައެވެ. "އުންރްވާން ހިންގާ ވަގުތީ ހިޔާތައް ވަނީ ފުރިބާރުވެފައި, ބައެއް މީހުންނަށް ވަނީ ފާޚާނާތަކުގައި ދިރިއުޅެން މަޖުބޫރުވެފައި،" އޭނާ ވިދާޅުވިއެވެ. ޙަމަލާތަކުގައި ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވެސް ޔަހޫދީ ފައުޖުން ހުރަސް އަޅަމުންދާ ކަން އޭނާ ހާމަކުރެއްވިއެވެ.

"އުންރްވާ ފަދަ އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ އިދާރާތަކަށް ޣައްޒާއަށް ވަދެވެން ޖެހޭނެ. އެ ކަމަށް ހުރަސް އަޅައި, އިންސާނީ އެހީގެ ސާމާނަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމުން ހާމަވަނީ ޔަހޫދީންގެ ހިތްތަކުގައި އެއްވެސް އިންސާނިއްޔަތު ކަމެއް ނެތް ކަން،" ލެޓްޒަރީނީ ވިދާޅުވިއެވެ. ޣައްޒާގެ ރައްޔިތުންނަށް ޖައްސާފައިވާ ނިކަމެތިކަމުން އެ މީހުން ސަލާމަތް ކުރެވޭނެ ހަމައެކަނި ގޮތަކީ ޢުދުވާން ހިންގުން ހުއްޓައިލުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 42,603އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 99,795 މީހުން ޒަޚަމު ކޮށްލާފައެވެ.