ފަލަސްޠީނާއި ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވޭ މަގެއް ހޯއްދެވުމުގެ ނަމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން އަނެއްކާ ވެސް މެދުއިރުމައްޗަށް ވަޑައިގަންނަވައިފިއެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފަށާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އަދި, ސެޕްޓެންބަރު 23ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ރައްޔިތުން ޝަހީދު ކުރަން ޖަރީމާތައް ފުޅާކޮށްފައެވެ.
ޣައްޒާ ޢުދުވާން ފެށި ފަހުން 11ވަނަ ފަހަރަށް ބްލިންކަން މެދުއިރުމައްޗަށް ވަޑައިގަންނަވާފައި ވަނީ, ޣައްޒާއާއި ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ދެމުންދާ ޙަމަލާތައް އިތުރު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. ޢުދުވާނީ ޙަމަލާތަކުގައި ޔަހޫދީ ފައުޖުން ބޭނުން ކުރަމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތަކަކީ އެމެރިކާއިން މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންދާ ހަތިޔާރުތަކެވެ.
ޣައްޒާ ޢުދުވާނުގެ ދަށުން އެންމެ ނުރައްކާތެރި ޙަމަލާތަކެއް މި ވަގުތު ދެމުން ދަނީ އެ ސަހަރުގެ އުތުރުގެ ރަށްތަކަށެވެ. ޔަހޫދީ ސިފައިން ދަނީ ޖަބާލިޔާ ރެފިއުޖީ ކޭމްޕާއި, ބަޔިތު ލާޙިޔާގެ އިތުރުން ބަޔިތު ހާނޫން ވަށައިލައި, އެ ސަރަޙައްދުތަކުގައި ތާށިކޮށްލާފައިވާ މީހުންނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތައް ދެމުންނެވެ. ޖަބާލިޔާއަށް އެންމެ ފަހުން ދިން ޙަމަލާތަކުގައި 18 މީހުން ޝަހީދުކޮށްލައި, ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލިއެވެ.
ލުބްނާންގެ ވެރިރަށް ބައިރޫތަށް ޔަހޫދީ ފައުޖުން އެންމެ ފަހުން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ރަފީޤު އަލް-ޙަރީރީ ޔުނިވަރސިޓީ ހަސްފަތާލަށެވެ. އެއީ, ބައިރޫތުގައި ހުންނަ މައި ހަސްފަތާލެވެ. އެ ޙަމަލާގައި ހަތަރު މީހުން ޝަހީދުކޮށްލައި, އިތުރު 24 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެއެވެ.
ހުސްވި މަހެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތާއި, ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ އިސް ވެރިންތަކެއް ޝަހީދު ކޮށްލާފައެވެ. އޭގެ ތެރެއިން, ޙަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ ޔަޙްހާ އަލް-ސިންވާރު ޝަހީދު ކޮށްލާފައި ވަނީ ޣައްޒާގެ ރަފަޙުގައި އޮކްޓޫބަރު 17ވަނަ ދުވަހު ހިންގި ޤަތުލުޢާންމުތަކުގައެވެ. އޭނާ ޝަހީދުކޮށްލުމަށް ފަހު ޔަހޫދީން ބުނީ, ޣައްޒާގެ މުސްލިމުން ޝަހީދު ކުރުމަށް ފަށާފައިވާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލުމުގެ އެއްވެސް ނިޔަތެއް ނެތް ކަމުގައެވެ.
ބްލިންކަންގެ ދަތުރާ ގުޅޭ ގޮތުން އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ, ޔަހޫދީންނާއި ޢަރަބި ޤައުމުތަކުގެ ވެރިންނާ އެކު އޭނާ ބާއްވަވާ ބައްދަލުވުންތަކުގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓައިލުމުގެ މުހިންމުކަން ފާހަގަ ކުރައްވާނެ ކަމުގައެވެ. އަދި, ޢުދުވާން ހުއްޓައިލުމަށް ފަހު ޣައްޒާގެ ވެރިކަން ބައްޓަން ކުރާނެ ގޮތަކާއި, ޔަހޫދީންނާއި ޙިޒްބުاللهއާ ދެމެދު ފަށާފައިވާ ހަނގުރާމައަށް ޚާރިޖީ ޙައްލެއް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމުގައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ޚާއްޞަ މަންދޫބު އަމޮސް ހޮކްޝަތެއިން މިހާރު ވެސް ގެންދަވަނީ ބައިރޫތަށް ދަތުރެއް ކުރައްވަމުންނެވެ. ލުބްނާންގެ މުސްލިމުން ޝަހީދު ކުރަން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމާ ގުޅޭ ގޮތުން ލުބްނާންގެ ވެރިންނާ މަޝްވަރާ ކުރުމަށް ބައިޑަން ފޮނުއްވާފައި ވަނީ ޔަހޫދީ ފައުޖުގައި ކުރިން ޚިދުމަތް ކޮށްފައިވާ, ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކުގައި ބައިވެރިވެފައިވާ މީހެކެވެ.
ހޮކްޝަތެއިން ވިދާޅުވީ, 2006ވަނަ އަހަރު ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ކުރި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އދން ފާސްކުރި 1701 ނަންބަރު ޤަރާރަށް ދެ ފަރާތުން ވެސް އިޙުތިރާމުކޮށް, އެ ޤަރާރު ތަންފީޒު ކުރުމަކީ އެ ކަމަށް އޮތް ހަމައެކަނި ޙައްލު ނޫން ކަމުގައެވެ. އެ ޤަރާރަކީ, އިސްރާއީލާ ގުޅޭ ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކުގައި ހަތިޔާރު ގެންގުޅުން މަނާ ކުރުމަށް އދން ފާސް ކޮށްފައިވާ ޤަރާރެކެވެ. އެއީ, ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ މަޤުޞަދުގައި އދން ފާސް ކޮށްފައިވާ ޤަރާރެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
"އަޅުގަނޑުމެން މި ދަނީ ލުބްނާންގެ ސަރުކާރާއި, ލުބްނާންގެ ދައުލަތާއި, އިސްރާއީލުގެ ސަރުކާރާ ގުޅިގެން, މި މައްސަލަ ޙައްލު ކުރެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވިއެވެ. އޭނާ މިހެން ވިދާޅުވެފައިވާއިރު, އެއްގަމު މަގުން ލުބްނާންގެ ދެކުނުގައި އޮތް ރަށްތަކަށް އަރައިގަނެ, އޮކްޓޫބަރު 1ން ފެށިގެން ލާއިންސާނީ ޤަތުލުޢާންމުތައް ހިންގަމުން ދަނީ ޔަހޫދީންގެ ނިރުބަވެރި ސިފައިންނެވެ.
ބައިރޫތުގައި ހުންނަ އަލް-ސާޙިލް ހަސްފަތާލަށް ޙަމަލާ ދިނުމަށް ޔަހޫދީ ފައުޖުން މިހާރު ދަނީ ތައްޔާރުވަމުންވެ. އެ ގޮތުން, އެ ތަން ހުސް ކުރުމަށް ޔަހޫދީ ފައުޖުން ވަނީ އަންގާފައެވެ. އެ މީހުން ބުނީ, އެ ހަސްފަތާލުގެ ދަށުގައިވާ ބިންގަރާހެއްގައި ޙިޒްބުاللهން އެތަކެއް މިލިޔަން ޑޮލަރަކާއި ރަން ފޮރުވާފައިވާ ކަމުގައެވެ. ނަމަވެސް, އެ ކަން ސާބިތު ކޮށްދޭނެ އެއްވެސް ހެއްކެއް ދައްކާފައެއް ނެތެވެ. އެ ހަސްފަތާލުގެ އޮފިޝަލުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. ޙިޒްބުاللهއަށް މާލީ ގޮތުން އެހީތެރިވެދޭ ކަމަށް ބުނެ ބައިރޫތުގައި ހުންނަ ބޭންކުތަކަށް ވެސް ޔަހޫދީ ފައުޖުން ދަނީ ބޮންއަޅަމުންނެވެ.
ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,483އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 11,628އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް ވަނީ އުފުލިފައެވެ. އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުމަތީގައި ކަމުގައެވެ.