ޚަބަރު

ސްރީ ލަންކާގައި ނިރުބަވެރި ޙަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރު ދީފި


ސްރީ ލަންކާގައި ނިރުބަވެރި ޙަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފިއެވެ. ސްރީ ލަންކާގައި ހުންނަ އެމެރިކާގެ އެންބަސީން ވަނީ އެ ޤައުމުގެ ރައްޔިތުން ސްރީ ލަންކާއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެދިފައެވެ. އަދި ސްރީ ލަންކާގެ އިރުމަތީގައި އޮންނަ އަރުގަމް ބޭގައި ނިރުބަވެރި ޙަމަލާތަކެއް ދޭން ރާވަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމުގައި ވެސް އެ އެންބަސީން ބުނެފައިވެއެވެ.

އަރުގަމް ބޭއަކީ ސްރީ ލަންކާއަށް ދަތުރުކުރާ ފަތުރުވެރިންގެ މެދުގައި މަޤްބޫލް ސަރަޙައްދެކެވެ. އެއީ ރާޅާއެޅުމަށް މަޝްހޫރު ސަރަޙައްދެކެވެ. ނަމަވެސް އެ ސަރަޙައްދުގައި ޔަހޫދީން ހިންގާ ވިޔަފާރިތައް ބޮއިކޮޓް ކުރުމަށް ގޮވާލާ އަޑުތައް ފާއިތުވި ދުވަސްތަކުގައި ވަނީ ގަދަވެފައެވެ. ފަލަސްޠީނާއި ލުބްނާނުގައި ޔަހޫދީން ހިންގަމުންދާ ޤަތުލްޢާންމާ ދެކޮޅަށް ސްރީ ލަންކާގެ މުސްލިމުން ކުރަމުންދާ މުޒާހަރާތަކަށް އެ ޤައުމުގެ ގިނަ ބުޑިސްޓުން ވެސް ތާޢީދުކުރެއެވެ.

އަރުގަމް ބޭގައި ނިރުބަވެރި ޙަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރާ ގުޅޭ ގޮތުން ސްރީ ލަންކާގެ ފުލުހުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އެ ސަރަޙައްދުގައި ފުލުހުން ފޯރިމަރަމުންދާ މިންވަރު ވަނީ އިތުރުކޮށްފައެވެ.

ސްރީ ލަންކާގައި އެންމެ ފަހުން ނިރުބަވެރި ޙަމަލާތަކެއް ދީފައި ވަނީ 2019ވަނަ އަހަރުގެ ތެރޭގައެވެ. ތިން ހޮޓަލަކަށާއި ނަޞާރައިންގެ ތިން ފައްޅިއަކަށް ދިން އެ ޙަމަލާތަކުގައި 279 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 45 ބިދޭސީން ވެސް ހިމެނެއެވެ.

2022ވަނަ އަހަރު ސްރީ ލަންކާއަށް ކުރިމަތިވި އިޤްތިޞާދީ ކާރިސާގެ ސަބަބުން އެ ޤައުމުގެ ފަތުރުވެރިކަން ވަނީ ވަރަށް ބޮޑަށް އަޑިއަޅާލައިފައެވެ.