ޚަބަރު

ޔަހޫދީންގެ ޢުދުވާނުގައި 1950ގެ އަހަރުތަކުގެ ހާލަތަށް ޣައްޒާ ވައްޓައިލައިފި: ޔޫއެންޑީޕީ


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ އެކު, 1950ގެ އަހަރުތަކުގެ ހާލަތަށް އެ ސަހަރު ވައްޓައިލާފައިވާ ކަމުގައި އދގެ ތަރައްޤީއާ ބެހޭ ޕުރޮގުރާމު (ޔޫއެންޑީޕީ)ން ހާމަކޮށްފިއެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ފެށި ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 42,000އަށް އުފުލިފައެވެ. އަދި, ޣައްޒާގެ 2.3 މިލިޔަން އާބާދީގެ ބޮޑު އިންސައްތައެއް ވަނީ ގެދޮރު ނެތިކޮށްލައި, މަގުމަތި ކޮށްލާފައެވެ.

ޔޫއެންޑީޕީން ބުނީ ޣައްޒާގެ އިޤުތިޞާދު ފުނޑުފުނޑު ކޮށްލައި, މުޅި އާބާދީ ފަގީރުކަމުގެ ތެރެއަށް ވައްޓައިލާފައިވާ ކަމުގައެވެ. އަދި, ތަޢުލީމާއި ޞިއްޙީ ޚިދުމަތުގެ ފެންވަރު, މީގެ 70އެއްހާ އަހަރު ކުރީގެ ހާލަތަށް ވައްޓައިލާފައިވާ ކަމުގައެވެ. ޔޫއެންޑީޕީގެ އިސްވެރިއެއް ކަމުގައިވާ ޗިތޯސޭ ނޮގޮޗީ ވިދާޅުވީ ފަލަސްޠީނުގެ އިޤުތިޞާދު %35ން ހީނަރު ކޮށްލާފައިވާ ކަމުގައެވެ. އަދި, ވަޒީފާ ނެތް މީހުންގެ އަދަދު %80ށް އުފުލިފައިވާއިރު, ޣައްޒާގެ އާބާދީގެ %100 މީހުން ފަގީރު ހާލުގައި ޖައްސައި, ނިކަމެތި ކޮށްލާފައިވާ ކަމުގައެވެ.

”ފަލަސްޠީނުގެ ހާލަތު ވަނީ އެތަކެއް އަހަރެއް ފަހަތަކަށް ޖައްސާފައި. ތަރައްޤީ ވަނީ މީގެ 70 އަހަރު ކުރީގެ ހާލަތަށް, 1955ގެ ހާލަތަށް ވައްޓައިލާފައި،“ ޗިތޯސޭ ވިދާޅުވިއެވެ. ޣައްޒާއާއި ހުޅަނގު އައްސޭރިއަށް އިންސާނީ އެހީ ފޯރުކޮށްދެމުން ދިޔަ ނަމަވެސް, ޣައްޒާގެ އިޤުތިޞާދީ ހާލަތު ކުރިން އޮތް ހާލަތަށް ރުޖޫއަވާން ދަހަރެއްހާ ދުވަސް ހޭދަވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. ނަމަވެސް, ޢުދުވާން ފެށުމާ އެކު ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް, އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަން ޔަހޫދީން ވަނީ ހުރަސް އަޅާފައެވެ.

ޗިތޯސޭ ވިދާޅުވީ, ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު 3.3 މިލިޔަނަށް އަރާ ކަމުގައެވެ. އޭގެ ތެރެއިން 2.3 މިލިޔަން މީހުންނަކީ ޣައްޒާގެ ރައްޔިތުންނަށްވީއިރު, ހާލުގައި ޖައްސައި ނިކަމެތި ކޮށްލާފައިވާ މީހުންގެ ތެރޭގައި 1.5 މިލިޔަން ކުޑަކުދިން ހިމެނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޣައްޒާގައި ސުންނާފަތި ކޮށްލާފައިވާ ރަަށްތައް އަލުން އާރާސްތު ކުރަން 18.5 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައި ވެސް ޗިތޯސޭ ނެރުއްވި ރިޕޯޓެއްގައި ހާމަކޮށްފައިވެއެވެ.

ޔަހޫދީންގެ ލާއިންސާނީ ޢުދުވާނާ ގުޅިގެން ޣައްޒާގެ އިޖުތިމާޢީ ހާލަތު ދަށްވެފައިވާ ކަން ފާހަގަ ކުރައްވައި, އެ ކަމުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރަމުން ދަނީ ޣައްޒާގެ ކުޑަކުދިންނަށް ކަމުގައި ޗިތޯސޭ ވިދާޅުވިއެވެ. މި ގޮތުން, ޣައްޒާގައި ތަޢުލީމުން މަހުރޫމު ކުރުވާފައިވާ ދަރިވަރުންގެ އަދަދު 625,000އަށް އަރާ ކަމަށާއި, ޣައްޒާގެ %93 މަދަރުސާތަކަށް ބޮންއަޅައި, އެ ތަންތަން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ކަން ޗިތޯސޭ ހާމަކުރެއްވިއެވެ. އަދި, ޣައްޒާގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން 986 މީހަކު ޝަހީދު ކޮށްލާފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ޔަހޫދީ ފައުޖުން މި ވަގުތު އެންމެ ބޮޑެތި ޢުދުވާންތައް ހިންގަމުން ދަނީ ޣައްޒާގެ އުތުރުގައިވާ ސަރަޙައްދުތަކުގައެވެ. މި ގޮތުން, ޔަހޫދީންގެ ނިރުބަވެރި ސިފައިން ވަނީ ބަރުހަތިޔާރާ އެކު ޖަބާލިޔާ ރެފިއުޖީ ކޭމްޕާއި, އެ ސަރަޙައްދުގައި އޮންނަ ބަޔިތު ލާޙިޔާއާއި ބަޔިތު ހާނޫން ވަށައިލާފައެވެ. އެ ސަރަޙައްދުގައި އެތަކެއް ސަތޭކަ ހާސް ބަޔަކު ތާށިވެފައިވާ ކަން އދން ހާމަކުރިއެވެ.

ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (އުންރްވާ)ން ބުނީ, ޣައްޒާގެ އުތުރުގެ ރަށްތަކުގައި ތާށިކޮށްލާފައިވާ މީހުންނަށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމުގެ ފުރުޞަތު ދޭން ޖެހޭ ކަމުގައެވެ. އަދި, އެ ފުރުޞަތު ދިނުމުގެ ގޮތުން, އެ ސަރަޙައްދަށް ދެމުންދާ ނިރުބަވެރި ޙަމަލާތައް ވަގުތީ ގޮތުން ނަމަވެސް މެދުކަނޑައިލަން ޖެހޭ ކަމުގައެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ހުސްވެ, އެ ސަރަޙައްދުގައި ހުރި ހަސްފަތާލުތަކުން ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނެތް ކަމުގައެވެ.

މި ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވަމުން އުންރްވާގެ ވެރިޔާ ފިލީޕް ލެޓްޒަރީނީ ވިދާޅުވީ އެ ސަރަޙައްދުގައި ތާށިކޮށްލާފައިވާ މީހުންގެ އިންސާނިއްޔަތު ކަމުގެ ހާލަތު ދަށު ދަރަޖައަކަށް ވައްޓައިލާފައިވާ ކަމުގައެވެ. އަދި, ޝަހީދު ކޮށްލާފައިވާ މީހުންގެ ހަށިތައް, ވަޅުނުލެވި, މަގުތަކަށް ގިނަވަމުންދާ ކަމުގައެވެ. ”ޣައްޒާގެ އުތުރުގައި ތާށިކޮށްލާފައިވާ މީހުން މިހާރު ތިބީ މަރުގެ އިންތިޒާރުގައޭ ދެންނެވިދާނެ. އެ މީހުންނަށް ކުރެވެނީ, އެހީތެރިކަމާއި އަޅައިލުން ނުލިބޭނެ ކަމުގެ, އެއްވެސް އުންމީދެއް ނެތް ކަމުގެ އިހުސާސް. އަޅުގަނޑުގެ ގޮވައިލުމަކީ, މަދު ގަޑިއިރުތަކަކަށް ނަމަވެސް, ޢުދުވާންތައް މެދުކަނޑައިލައި, ރައްކާތެރި ހިސާބުތަކަށް ބަދަލުވާން އެ ޢާއިލާތަކަށް ފުރުޞަތު ދިނުމަށް،“ އޭނާ ވިދާޅުވިއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 42,718އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 100,282 މީހުން ޒަޚަމު ކޮށްލާފައެވެ.