މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުން އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާތީ، އެ ޓީމުގެ ކޯޗުގެ މަގާމުން އެރިކް ޓެން ހާގް ވަކިކޮށްފިއެވެ.
ޓެންހާގްގެ އިރުޝާދުގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑް އެންމެ ފަހުން ކުޅެފައިވާ މެޗަކީ މި ހަފްތާގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވި މެޗެވެ.
ލީގުގައި މިވަގުތު 14 ވަނައިގައި މެންޗެސްޓަރ ޔުނައިޓެޑް އޮތްއިރު އެ ޓީމަށް މި ސީޒަނުގެ ޕްރިމިއާ ލީގުގައި އަދި މޮޅުވެފައިވަނީ އެންމެ ތިން މެޗުންނެވެ. އަދި ޖުމްލަ 36 ޓީމު ވާދަކުރާ ޔޫއެފާ ޔޫރޮޕާ ލީގުގައި އެ ޓީމު އޮތީ 21 ވަނައިގަ އެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ޓެންހާގް މަގާމުން ވަކިކުރަން އެ ކްލަބުން ނިންމިކަން އޭނާއަށް އަންގާފައިވަނީ ކްލަބުގެ ޗީފް އެގްޒެކްޓިވް އުމަރު ބެރާޑާ އާއި ސްޕޯޓިންގ ޑިރެކްޓަރ ޑެން އެޝްވޯތް އެ ކްލަބުގެ ޓްރެއިނިންގ ކުރިއަށް ގެންދާ ކެރިންޓަންގައި ޓެންހާގް އާއި ބައްދަލު ކުރުމަށްފަހުގަ އެވެ.
މިދިޔަ އަހަރުގެ އެފް އޭ ކަޕްގައި މެންޗެސްޓަރ ސިޓީ ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑްއިން ޗެމްޕިއަންކަން ހޯދުމާއިއެކު ޓެންހާގްގެ ކޮންޓްރެކްޓްގެ މުއްދަތަށް ވަނީ އެއް އަހަރު އިތުރުކޮށްފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމުން އެރިކް ޓެންހާގް ވަކިކޮށްފައިވާއިރު ވަގުތީ ގޮތުން އެ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ދާދި ފަހުން އޭނާގެ އެސިސްޓެންޓް ކޯޗަކަށް ހަމަޖެއްސި ނެދަރލޭންޑްސްގެ ރޫޑް ވެންނިސްޓެލްރޫއީ އެވެ. ނިސްޓެލްރޫއީ ވަނީ ކުރިން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެ އެ ޓީމަށް އެތައް ކާމިޔާބީއެއް ހޯދަދީފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ ތާރީޚުގައި އެކްލަބުގެ އެންމެ ކާމިޔާބު ކޯޗު ކަމުގައިވާ އެލެކްސް ފަރގަސަން 2013 ވަނަ އަހަރު ރިޓަޔަރ ކުރި ފަހުން އެ ކްލަބުން މިހާރު މަސައްކަތް ކުރަމުންދަނީ 6 ވަނަ ދާއިމީ ކޯޗު ހޯދުމަށެވެ.