އއ. މަތިވެރީގެ ދެ ޖަމުއިއްޔާއެއް ގުޅިގެން ބޭއްވި ފިއުޗާ ޕްރޮމޯޝަން މަތިވެރި ވޮލީބޯލް ލީގުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މަތިވެރި ޕޮލިހުން ހޯދިއިރު، އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކުލަބުން ހޯދަައިފިއެވެ.
ދެ ޑިވިޝަަނަކަށް ބަހާލައިގެން ކުރިއަށްދިޔަ މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މަތިވެރި ޕޮލިހުން ހޯދީ ފައިނަލުގައި ގަންގެހި އައިލެންޑް ރިސޯޓް އެންޑް ސްޕާއާ ވާދަކޮށް ތިން ސެޓު އެއް ސެޓުންނެވެ.
ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ދެ ސެޓު ޕޮލިހުން ވަނީ 21-13 އަދި 21-9 އިން ގެންގޮސްފައެވެ. އެކަމަކު ތިންވަނަ ސެޓު 19-25 އިން ކާމިޔާބުކޮށްފައިވަނީ ގަންގެހިންނެވެ. ނަމަވެސް އެ ޓީމަށް ޗެމްޕިއަންކަން ހޯދުމުގެ އުއްމީދުތައް ގެއްލުނީ ހަތަރުވަނަ ސެޓު 21-19 ގެ ނަތީޖާއަކުން މަތިވެރި ޕޮލިހުން ކާމިޔާބުކުރުމާއެކުއެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކުލަބުން ހޯދާފައިވަނީ ރޭ ކުޅުނު ފައިނަލް މެޗުގައި ޔޫއެސްސީގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިގެންނެވެ. މެޗުގެ ސެޓުތައް އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 22-20، 21-16 އަދި 21-15 އިންނެވެ.
ފައިނަލް މެޗަށްފަހު އަންހެން އަދި ފިރިހެން ޑިވިޝަން ވަކިވަކިން ވަނީ އެވޯޑް ދީފައެވެ. އަދި މުޅި މުބާރާތުގައި ހިމެނޭ 18 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށްވެސް ވަނީ ހަނދާނީ ލިޔުމެއް ދީފައެވެ. ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ލަތީފެވެ.