ޚަބަރު

ގުނަވަން ޓްރާންސްޕްލާންޓް ކުރުމާގުޅޭ ބިލު މަޖިލީހުން ފާސްކޮށްފި


  • ބިލު ފާސްކުރީ މެންބަރުންގެ އިއްތިފާގުން

  • ބިލު މަޖިލީހަށް ހުށައެޅުއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށައެޅުއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. ބިލު ދިރާސާކުރުމަށްފަހު އިޖުތިމާޢީ ކޮމިޓީގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކުރުމަށް ނިންމާފައެވެ.

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު މަޖިލީހަށް ހުށައެޅުއްވީ ރާއްޖޭގައި، އިންސާނުންގެ ގުނަވަންތަކާއި ގުނަވަންތަކުގެ ބައިތައް ޓްރާންސްޕްލާންޓު ކުރުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމަކަމަށް ބިލުގައި ވަނީ ބަޔާންކުރައްވާފައެވެ. މި ބިލާއެކު ރާއްޖޭގައި ފޯރުކޮށްދޭ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ޚިދުމަތަކީ އެންމެނަށް ވާސިލްވެވޭނެ ރައްކާތެރި، ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭ ޚިދުމަތަކަށް ވާނެ ކަމަށް ވަނީ ބަޔާންކުރައްވާފައެވެ.

މި ބިލުގައި ވަނީ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގައި ކަނޑައަޅަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، ޚިދުމަތްދޭ ފަރާތްތަކާއި އެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ޙައްގުތަކާއި ޒިންމާތައް ހިމަނުއްވާފައެވެ.

ބިލުގައި ބަޔާންކުރައްވާފައިވާގޮތުގައި ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހުއްދަ ދެވޭނީ ހަމައެކަނި ލައިވް-ޑޯނަރ އޯގަން ޓްރާންސްޕްލާންޓް ނުވަތަ ދިރިހުރި މީހެއްގެ ގުނަވަން ބަދަލުކުރުމަށެވެ. އަދި ގުނަވަން ހަދިޔާ ކުރެވޭނީ އުމުރުން 18 އަހަރުވެފައިވާ ދިވެހީންގެ ތެރެއިން އެކަމަށް އަމިއްލަ އިޚްތިޔާރުގައި ރުހޭ، ބުއްދި ސަލާމަތުން ހުރި މީހަކަށް ކަމަށްވެސް ވަނީ ބަޔާންކުރައްވާފައެވެ.

މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ ފަރާތްތަކަށް ގުނަވަން ހަދިޔާ ނުކުރެވޭނެ ކަމަށްވެސް ބިލުގައި ވަނީ ހިމަނުއްވާފައެވެ.

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު ފާސްވެ، ޤާނޫނަކަށްވުމާއެކު 9 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ "ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލް" އުފައްދާނެއެވެ. އެ ކައުންސިލަކީ ޓްރާންސްޕްލާންޓް ޚިދުމަތް ދިނުމުގެ ހުއްދަ ދިނުމާއި ހުއްދަ ބާތިލުކުރުމާއި ޤާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކައުންސިލެކެވެ. އަދި މި ޚިދުމަތްދޭ މަރުކަޒުތަކުގައި ޝަރުތުތައް ފުރިހަމަވެފައިވޭތޯ ކައުންސިލުން ބަލަންޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކުރައްވާފައެވެ.

މި ޤާނޫނާއެކު 5 މެންބަރުންގެ މައްޗަށް އެކުލަވައިލެވޭ "ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ" އެއްވެސް އުފައްދާނެއެވެ. ގުނަވަން ޓްރާންސްޕްލާންޓް ކުރުމަށް ހުއްދަ ދޭނީ މި ކޮމިޓީންކަމަށް ބިލުގައި ވަނީ ބަޔާންކުރައްވާފައެވެ.

ބިލުގައިވާގޮތުން އެއްވެސް މީހެއްގެ ނުރުހުމުގައި އޭނާގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގައި އެހީތެރިވުމާއި އެ ކަމެއް ކުރުމަކީވެސް ކުށެކެވެ. އެފަދަ ކަމެއްގައި އެހީތެރިވާ މީހުންނާއި ސިއްޙީ ޚިދުމަތްތެރިން ޖޫރިމަނާ ކުރުމުގެ އިތުރުން ޖަލު އަދަބު ވަނީ ކަނޑައަޅުއްވާފައެވެ. އަދި އެފަދަ ކުށެއް ކުރި ސިއްޙީ ޚިދުމަތް ދޭ ތަނެއް ޖޫރިމަނާ ކުރުމަށްވެސް ވަނީ ބިލުގައި ހިމަނުއްވާފައެވެ.

މި ބިލުގައި ބުނެފައިވާގޮތުގައި ޓްރާންސްޕްލާންޓް ކުރުމަށް ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ވިއްކުމާއި ގަތުމަކީވެސް ކުށެކެވެ.

މިބިލު މަޖިލީހުން ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ވޯޓު ދެއްވި 68 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލު ޤާނޫނަކަށްވާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރެއްވުމުންނެވެ.