ޚަބަރު

ޑިބާލާގެ ލަނޑުން ރޯމާއަށް މުހިންމު މޮޅެއް


އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި އާޖެންޓީނާ ފޯވާޑް ޕައުލޯ ޑިބާލާ ކާމިޔާބުކުރި ލަނޑުން އަމިއްލަ ދަނޑުގައި ޓޮރީނޯ އަތުން 0-1 ގެ ނަތީޖާއަކުން އޭއެސް ރޯމާ މޮޅުވެއްޖެއެވެ.

މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ރޯމާ މޮޅުވި ފުރަތަމަ ފަހަރެވެ. އަނެއް ދެ މެޗުން ބަލިވިއިރު، އެއްމެޗުން ވަނީ އެއްވަރުވެފައެވެ. ލީގުގައި އެ ޓީމު އެންމެ ފަހުން މޮޅުވީ މިދިޔަ ސެޕްޓެންބަރު މަހުގައި ވެނެޒިއާ އަތުން 1-2 ގެ ނަތީޖާއަކުންނެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ ވިހިވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިބާލާ އެވެ. މިއީ ޓޮރީނޯގެ ކުޅުންތެރިއަކަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޑިބާލާ ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުން ހޯދީ މޮޅާއެކު ރޯމާ ވަނީ މިހާތަނަށް 10 މެޗުން 13 ޕޮއިންޓް ހަމަކޮށް، 10 ވަނައަށް ޖެހިލާފައެވެ. ކޯމޯ އޮތީ 10 މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު 15 ވަނައިގައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ލާޒިއޯ ވަނީ ރަށުން ބޭރުގައި 5-1 ގެ ނަތީޖާއަކުން ކޯމޯ ބަލިކޮށް، ތާވަލްގެ ފަސްވަނައަށް ޖެހިލައިފައެވެ. މި މެޗުގައި ލާޒިއޯގެ ވަލެންޓިން ކަސްޓެޔާނޯސް ދެ ލަނޑުޖެހިއިރު، އަނެއް ލަނޑުތައް ޖަހައިދިނީ ޕެޑްރޯ ރޮޑްރިގޭޒް އާއި، ޕެޓްރިޗް އަދި ލޫމް ޗައޫނާ އެވެ. ކޯމޯގެ ހަމައެކަނި ލަނޑަކީ، އޯވަހެޑް ކިކަކުން ލޫކާ މަޒިޓެއްލީ ކާމިޔާބުކުރި ރީތި ގޯލެކެވެ.

މި މެޗުގެ ފަހު ހާފުގައި ލާޒިއޯގެ ނޫނޯ ޓަވަރޭސް އާއި ކޯމޯގެ މަތިއަސް ބްރައުނޯޑާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން ދެ ޓީމުންވެސް މެޗު ނިންމާލީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

މީގެ އިތުރުން ޖެނޯއާގެ ދަނޑުގައި ފިއޮރެންޓީނާ މޮޅުވީ، ފަހު ހާފުގައި ރޮބިން ގޮސެންސް ކާމިޔާބުކުރި ގޯލުންނެވެ. މި މޮޅާއެކު ފިއޮރެންޓީނާ ވަނީ ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފައެވެ. އެ ޓީމަށް 10 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ. ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ފަސްވަނައިގައި އޮތް ލާޒިއޯ އަށް ވުރެ ފިއޮރެންޓީނާއަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.