ޚަބަރު

ޔޫނިއަން ބާލިން އަތުން ހޯދީ މޮޅާއެކު ބަޔާނުން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި


ޖަރުމަން ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޔޫނިއަން ބާލިން އަތުން 0-3 އިން ހޯދީ މޮޅާއެކު ބަޔާން މިއުނިކުން ތާވަލްގެ ކުރީގައި ތިން ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.

މިއީ ލީގުގައި ބައިކޮޅަށް ލަނޑެއްވަނަނުދީ ޖެހިޖެހިގެން ބަޔާން މޮޅުވި ތިންވަނަ ފަހަރެވެ. އެ ޓީމުން ވަނީ ލީގުގައި މިހާތަނަށް ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތް މެޗު ކާމިޔާބުކޮށްފައެވެ. އަނެއް ދެ މެޗުން ވީ އެއްވަރެވެ. މިހާތަނަށްއައިއިރު ޖަރުމަން ލީގުގައި މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ވެސް ބަޔާނެވެ.

މި ނަތީޖާއާއެކު ބަޔާނުން އެއްވަނައިގައި އޮތީ ނުވަ މެޗުން 23 ޕޮއިންޓް ހަމަކޮށްގެންނެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އާރްބީ ލީޕްޒިގު އޮތްއިރު، ތިންވަނައިގައި އޮތް އެއިންޓްރަކްޓް ފްރޭންކްފާޓަށް ނުވަ މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ. ހަތަރެއްގައި ބަޔާ ލެވަކޫސަން އޮތީ ނުވަ މެޗުން 16 ޕޮއިންޓް ލިބިގެންނެވެ.

އެލިއާންޒް އެރީނާގައި ރޭ ކުޅުނު މެޗުގައި ބަޔާނުން ލީޑްނެގީ 15 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ކާމިޔާބުކުރި ގޯލުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ބަޔާންގެ ފްރާންސް ވިންގް، މައިކަލް އޮލީސޭ އަށް ޔޫނިއަން ބާލިންގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

އޭގެފަހުން، މެޗުގެ 43 ވަނަ މިނެޓުގައި ކޭން ދިން ޕާހަކުން ކިންގްސްލީ ކޯމަން ވައްދާލި ލަނޑާއެކު ބަޔާނުން ފުރަތަމަ ހާފު ނިންމާލީ 2-0 އިން ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަވަނަ މިނެޓުގައި ބަޔާންގެ ތިންވަނަ ލަނޑުޖަހައިދިނީ ކޭން އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ކޯމަން އެވެ. މިއީ މި ފަހަރުގެ ސީޒަނުގެ ލީގުގައި ކޭން ޖެހި 11 ވަނަ ގޯލެވެ. އަދި، މިއީ ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް އޭނާ ޖެހި 17 ވަނަ ލަނޑެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި ދެވަނައިގައި އުޅޭ ލީޕްޒިގާ ދެކޮޅަށް ޑޯޓްމުންޑުން ވަނީ ފަހަތުންއަރައި 1-2 އިން މޮޅުވެފައެވެ. މި މެޗުގެ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ސްލޮވީނިއާގެ ފޯވާޑް، ބެންޖަމިން ސެޝްކޯގެ ގޯލުން ލީޕްޒިގު ލީޑްނަގާފައިވަނިކޮށް، އޭގެ ތިން މިނެޓުފަހުން ޑޯޓްމުންޑްގެ މެކްސިމިލިއަން ބެއިއާ ވައްދާލި ލަނޑާއެކު ދެ ޓީމުން މި ހާފު ނިންމާލީ 1-1 އިން އެއްވަރުވެގެންނެވެ.

ޑޯޓްމުންޑުން މޮޅުވި ލަނޑު، 65 ވަނަ މިނެޓުގައި ސެރްހޫ ގިރާސީ ކާމިޔާބުކޮށްދިނީ ބެއިއާ ނަގައިދިން ހުރަހެއްގެ އެހީގައެވެ. ޕެނަލްޓީއޭރިޔާގެ މެދާ ހިސާބުން ގިރާސީ މި ލަނޑުޖެހީ ބޮލުންނެވެ.