ޚަބަރު

ޕެރިސް މާސްޓާސް ޒްވެރޭވް ކާމިޔާބުކޮށްފި


ފްރާންސްގެ ޕެރިހުގައި ކުރިއަށްދިޔަ ޕެރިސް މާސްޓާސް ޓެނިސް މުބާރާތް އެލެކްޒެންޑަރ ޒްވެރޭވް ކާމިޔާބުކޮށް ފުރަތަމަ ދުނިޔޭގެ ރޭންކިންގެ ދެވަނަ މަގާމް އޭނާ ހޯދައިފި އެވެ.

މި މުބާރާތުގައި ތިންވަނައަށް ސީޑުކޮށްފައިވާ ޖަރުމަނުގެ ޒްވެރޭވް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފްރާންސްގެ އޫގޯ ހަމްބަރޓް އާއި ދެކޮޅަށް ކުޅުނު މެޗު ވަރަށް ފަސޭހަ ކަމާއެކު ހައެއް ދޭއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

އުމުރުން 27 އަހަރުގެ ޒްވެރޭވް ފުރަތަމަ ފަހަރަށް ޕެރިސް މާސްޓަރސް މުބާރާތް ކާމިޔާބު ކުރިއިރު އޭނާ ވެފައިވަނީ ޖަރުމަންގެ ބޮރިސް ބެކަރއަށް ފަހު މިމުބާރާތް ކާމިޔާބުކުރި ޖަރުމަނުގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މި އަހަރުގެ ތެރޭގައި ކުޅުނު އޭޓީޕީ މެޗުތަކުގެ ތެރެއިން 66 މެޗުން މޮޅުވެ އޭނާ ވެފައިވަނީ މި ސީޒަނުގެ ތެރޭގައި އެންމެ ގިނަ މެޗުން މޮޅުވި ކުޅުންތެރިޔާއަށް ވެފައެވެ. ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ޔަނިކް ސިނާރ އަށް މޮޅުވެވިފައިވަނީ 65 މެޗުންނެވެ.

މި މުބާރާތް ކާމިޔާބު ކުރުމަށްފަހު ޒްވެރޭވް ބުނެފައިވަނީ ފްރާންސްގެ ކުޅުންތެރިއަކާއި ދެކޮޅަށް އެގައުމުގައި ކުޅެން ޖެހުމުން ސަޕޯޓަރުންގެ ޕްރެޝަރ އޮންނާނެކަން ކުރިން ވެސް އެނގޭ ކަމަށާއި ނަމަވެސް އޭނާ ބެލީ އެކަމާއިމެދު ނުވިސްނާ މެޗަށް ފޯކަސްކޮށްގެން މެޗުން މޮޅުވެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ. އަދި އެކަން ކާމިޔާބުވުމުން އެކަމާއި ހިތްހަމަޖެހޭ ކަމަށްވެސް ޒްވަރޭވް ވަނީ ބުނެފަ އެވެ.