ޚަބަރު

މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީގެ މެޗު އެއްވަރު


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެއްޖެ އެވެ.

މެންޗެސްޓަރގެ އޯލްޑް ޓްރެފަޑްގައި ހަތްދިހަ ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.

އެގޮތުން ޗެލްސީގެ ވެސްލީ ފޮފާނާ ބޮލުން ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާއިރު މާކަސް ރަޝްފޯޑް ފޮނުވާލި ހަމަލައެއްވެސް ޗެލްސީގެ ގޯލުގެ ދަނޑީގައި ވަނީ ޖެހިފަ އެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެންޗެސްޓަރ ޔުނައިޓެޑް އިންނެވެ. އެއީ މެޗުގފ 70 ވަނަ މިނިޓުގައި އެ ޓީމުގެ ރަސްމުސް ހޮއިލޮންގަށް އޭރިޔާ ތެރެއިން ޗެލްސީގެ ކީޕަރު ފައުލް ކުރުމާއި ގުޅިގެން ލިބުނު ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑޭޒް އެވެ.

ނަމަވެސް އޭގެ ހަތަރު މިނިޓު ފަހުން ޗެލްސީގެ ކައިސޭޑޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މިއީ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމުން އެރިކް ޓެންހާގް ވަކި ކުރުމަށްފަހު ވަގުތީ ގޮތުން ކޯޗު ކަމާއި ހަވާލުވެހުރި ރޫޑް ވެންނިސްޓެލްރޫއީ ގެ އިރުޝާދުގެ ދަށުން އެ ޓީމު ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. މިދިޔަ ހަފްތާގައި ލީގު ކަޕްގައި ކުޅުނު މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ.

މި ނަތީޖާ އާއިއެކު ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން 18 ޕޮއިންޓާއެކު ޗެލްސީއަށް ތާވަލުގެ ހަތަރުވަނަ މަގާމް ލިބިފައިވާއިރު މެންޗެސްޓަރ ޔުނައިޓެޑަށް ލިބިފައިވަނީ 12 ޕޮއިންޓާއެކު ތާވަލުގެ 13 ވަނަ އެވެ.