އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އާއި ދެކޮޅަށް ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު މެޗު ފަހަތުން އަރާ 4-1ގެ ނަތީޖާ އަކުން ޓޮޓްންހަމް ހޮޓްސްޕަރ މޮޅުވެއްޖެ އެވެ.
މި ނަތީޖާ އާއިއެކު ޓޮޓްންހަމް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން 16 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނަ މަގާމް ލިބިފަ އެވެ. އަދި އެސްޓަން ވިލާ އޮތީ 18 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގަ އެވެ.
ލަންޑަނުގެ ޓޮޓްންހަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެސްޓަން ވިލާ އިންނެވެ. އެސްޓަން ވިލާ އަށް މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 32 ވަނަ މިނިޓުގައި މޯގަން ރޮޖާރސް އެވެ.
މެޗުގެ ފުރަތަމަ ހާފް 1-0 ގެ ނަތީޖާއަކުން ކުރީގައި އޮވެ އެސްޓަން ވިލާ ނިންމާލި ނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ބްރެނަން ޖޯންސަން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު ޖަހަން ބްރެނަން ޖޯންސަން އަށް އެސިސްޓްކޮށްދިން ކެޕްޓަން ކޮރެއާގެ ސޮން ވަނީ ލަނޑު ޖެހިތާ ގިނައިރުތަކެއް ނުވެ ބަދަލުކޮށްފަ އެވެ. އަދި އެ ބަދަލާއި ގުޅިގެން އޭނާގެ ހިތްހަމަނުޖެހުންވަނީ ފެނިގެން ގޮސްފަ އެވެ.
މި މެޗުގައި ފުރަތަމަ ފަހަރަށް ޓޮޓްންހަމް އަށް ލީޑު ނަގައިދީފައިވަނީ މެޗުގެ 75 ވަނަ މިނިޓުގައި ޑޮމިނިކް ސޮލާންކޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ހަތަރު މިނިޓް ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.
ޓޮޓްންހަމް އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖޭމްސް މެޑިސަން އެވެ.