އިޓާލިއަން ސެރިއާގައި ވެނޭޒިއާ އާއި ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން އިންޓަރ މިލާން ކުޅުނު މެޗު 1-0 ގެ ނަތީޖާ އަކުން އިންޓަރ މިލާން މޮޅުވެ ތާވަލުގެ ދެވަނަ މަގާމް ހޯދައިފި އެވެ.
މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމާއެކު އިންޓަރ މިލާނަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުން 24 ޕޮއިންޓާއެކު ދެވަނަ ލިބިފަ އެވެ. އެއްވަނައިގައި އޮތް ނަޕޮލީ އަށް 11 މެޗުން ލިބިފައިވަނި 25 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް އެޓްލާންޓާ އަށް ލިބިފައިވަނީ 22 ޕޮއިންޓެވެ.
ވިހި ފަހަރު މަތިން އިޓާލިއަން ސެރިއާގެ ޗެމްޕިއަންކަން ހޯދާފައިވާ އިންޓަރ މިލާނަށް މި މެޗުގެ ފުރަތަމަ ހާފްގައި ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވި ނަމަވެސް އެ ޓީމަށް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 65 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކެޕްޓަން ލައުޓާރޯ މާޓިނޭޒް އެވެ.
މެޗުގެ ފަހު ވަގުތުގައި ވެނޭޒިއާ އިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރި ނަމަވެސް ގިނަ އިރުތަކެއް ވަންދެން ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެ ބޯޅަ ގޯލަށް ވަނުމުގެ ކުރިން ވެނޭޒިއާގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހިފައިވާ ކަމަށް ނިންމާ ލަނޑު ބަދަލުކޮށްފަ އެވެ.