ޚަބަރު

ލިވަޕޫލަކީ ޔޫރަޕުގައި މި ވަގުތު އޮތް އެންމެ މޮޅު އެއް ކުލަބު: އަލޮންސޯ


އިނގިރޭސިވިލާތުގެ ލިވަޕޫލް އަކީ ޔޫރަޕްގައި މިވަގުތު އޮތް އެންމެ މޮޅު އެއް ކްލަބް ކަމުގައި ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ލިވަޕޫލް އާއި ދެކޮޅަށް ބަޔާ ލެވަކޫސަން ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އަލޮންސޯ ބުނެފައިވަނީ މިއީ ލެވަކޫސަން އަށް ބޮޑު އިމްތިހާނެއް ކަމަށާއި މިވަގުތު އެންމެ ރަގަޅު ފޯމެއްގައި އޮތް އެންމެ ވަރުގަދަ ކްލަބާއި ދެކޮޅަށް ކުޅޭއިރު ވިސްނަންޖެހޭ ގިނަ ކަންތައްތަކެއް ހުންނާނެކަމަށްވެސް އަލޮންސޯ ވަނީ ބުނެފަ އެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ލިވަޕޫލް އާއިއެކު އެތަކެއް ކާމިޔާބީތަކެއް ހޯދާފައިވާ އަލޮންސޯ ވަނީ އެ ޓީމަށް 2004 އިން 2009 އާއި ދެމެދު 210 މެޗު ކުޅެދީފަ އެވެ. އަދި 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ލިވަޕޫލްއިން ކާމިޔާބުކުރި ޓީމުގައިވެސް އަލޮންސޯ ހިމެނެއެވެ.

ލެވަކޫސަން އާއި ދެކޮޅަށް ލިވަޕޫލް ނިކުންނައިރު ޖުމްލަ 36 ޓީމު ވާދަކުރާ ޗެމްޕިއަންސް ލީގުގެ ދެވަނަ މަގާމުގައި މިވަގުތު އޮތް ލިވަޕޫލް ވަނީ މި މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެފަ އެވެ. އަދި ޕްރިމިއާ ލީގުގެ އެއްވަނަ މަގާމުވެސް މިދިޔަ ހަފްތާގައި އެ ޓީމުންވަނީ ހޯދާފަ އެވެ.

އަލޮންސޯ އިތުރަށް ބުނެފައިވަނީ ފުޓްބޯޅަ މެޗެއްގެ ފަހު ވަގުތާއި ހަމައަށް ކުޅުންތެރިންގެ ވިސްނުން މެޗުން މޮޅުވާން ބަހައްޓަން ޖެހޭ ކަމަށާއި މެޗެއްގެ ފުރަތަމަ 70 މިނިޓު ރަގަޅަށް ކުޅެ ލީޑު ނެގިނަމަވެސް ފަހު ވަގުތުގައި މެޗުގެ އޮއެވަރު ބަދަލުވުމަކީ ވަރަށް ފަސޭހައިން ވެދާނެ ކަމެއް ކަމަށެވެ.

އެހެންކަމުން ލިވަޕޫލް ކަހަލަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ނިކުންނައިރު ހުރިހާ ގޮތަކުންވެސް ކުޅުންތެރިން ތިބެންޖެހޭނީ މެޗަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.