ކުޅިވަރު

މިރޭ ރަޝިޔާއާ ދެކޮޅަށް ކުޅޭ މެޗް ތަފާތުވާނެ- ސްލޮވާކިޔާ


މުބާރާތުގައި ކުޅުނު ފުރަތަމަ މެޗްގައި ވޭލްސް އަތުން ބަލިވި ނަމަވެސް މިރޭ ރަޝިޔާއާ ދެކޮޅަށް ކުޅޭ މެޗް ތަފާތުވާނެކަމަށް ސްލޮވާކިޔާގެ ކޯޗް ޕަވެލް ވަރްބާ ބުނެފިއެވެ.

ވަރްބާ ބުނީ ފުރަތަމަ މެޗް ވަރަށް ރަނގަޅަށް ބަލާ ދިރާސާ ކުރެވިއްޖެކަމަށާ މެޗުން ބަލިވެފައިވަނީ ޓީމަށް ހެދުނު މަދު ގޯހެއްގެ ފައިދާ ނަގައިގެން ކަމަށެވެ. އަދި އެކަން ކުރިއަށް އޮތް ރަޝިޔާ މެޗްގައި ތަކުރާރުނުކުރުމަށް ކުޅުންތެރިންނަށް ވަރަށް ބޮޑަށް ކިޔައިދެވިފައިވާނެކަމަށާ ރަޝިޔާގެ މައްޗަށް ކުރި ހޯދޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށް ވަރްބާ ވަނީ ބުނެފައެވެ.

ރަޝިޔާގެ ކޯޗް ލިއޮނިޑް ސްލަޓްސްކީ ބުނީ ޓީމަށް މިވަގުތު ބޭނުންވަނީ ސަޕޯޓަރުންގެ ފުރިހަމަ ސަޕޯޓް ކަމަށާ މުބާރާތުގެ ބޭރުން އެހެން ކަންކަމަށް ސަޕޯޓަރުން ފޯކަސް ނުކުރުމަށް ވަރަށް ބޮޑަށް އެދޭކަމަށެވެ. އަދި ދެވަނަ ބުރުން ފުރުޞަތެއް ހޯދަން ބޭނުންނަމަ ކުރިއަށް އޮތް ސްލޮވާކިޔާ މެޗުން 3 ޕޮއިންޓް ހޯދަން ކޮންމެހެން ޖެހޭކަމަށް ސްލަޓްސްކީ ވަނީ ބުނެފައެވެ.

ރަޝިޔާއާ ސްލޮވާކިޔާ ބައްދަލުކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެގަޑިން އިރުއޮއްސި ހައެއް ޖަހާއިރުގައެވެ. މިމެޗް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.