ކުޅިވަރު

ސްޓަރިޖްގެ ގޯލުން އިންގްލަންޑް ގުރޫޕުގެ އެއްވަނައަށް


މެޗުގެ ފަހު ވަގުތު ޑެނިއަލް ސްޓަރިޖް ކާމިޔާބުކުރި ގޯލުން ވޭލްސްގެ މައްޗަށް ކުރި ހޯދާ ގްރޫޕް ބީގެ އެއްވަނައަށް އިންގްލެންޑު ޖެހިލައިފިއެވެ.

ގްރޫޕް ބީގައި މިއަދު އިންގްލަންޑާއި ވޭލްސް ބައްދަލުކުރި މެޗް ކާމިޔާބުކުރީ ދެ ލަނޑު އެއް ލަނޑުން އިންގްލަންޑެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ވޭލްސްއިންނެވެ. މި ލަނޑު ފުރަތަމަ ހާފްގައި ވޭލްސްއަށް ކާމިޔާބުކޮށްދިނީ ގެރެތް ބޭލްއެވެ. 

ދެވަނަ ހާފްގައި މެޗުގެ ނަތީޖާ އިންގްލަންޑަށް ހަމަހަމަކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖެމީ ވާރޑީއެވެ. މެޗުން އިންގްލަންޑަށް ތިން ޕޮއިންޓް ހޯދައިދިން ލަނޑު ޑެނިއަލް ސްޓަރިޖް ކާމިޔާބުކޮށްދިނީ މެޗްގެ ނުވަދިހަވަނަ މިނެޓްގައެވެ. 

މި މެޗުން މޮޅުވެ އިންގްލަންޑް ގްރޫޕް ބީގެ އެއްވަނާގައި އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތް ސްލޮވާކިޔާ އާއި ތިންވަނާގައި އޮތް ވޭލްސްއަށް ލިބެނީ ތިން ޕޮއިންޓެވެ. ހަތަރުވަނާގައި އޮތީ އެއް ޕޮއިންޓާއެކު ރަޝިޔާއެވެ.