ކާރިސާގެ ކަންކަން މެނޭޖުކުރުމުގެ ޕްލޭން އެކުލަވާލުމާއި ކުއްލި ހާލަތެއްގައި ހަރަކާތްތެރިވާނެ މީހުން ތަމްރީން ކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ކުރިއަށް ގެންދާ ކޮމިއުނިޓީ ބޭސްޑްރެސިލިއަންސް ބިލްޑިންގ ޕްރޮގްރާމްގެ މަސައްކަތު ބައްދަލުވުން ތ. ވިލުފުށީގައި މިއަދު ފަށައިފިއެވެ.
މިމަހުގެ 18 - 22ގެ ނިޔަލަށް ކުރިއަށް ގެންދާ މި ބައްދަލުވުމުގެ ފުރަތަމަ 3 ދުވަސް ޚާއްސަކޮށްފައިވަނީ، ތ. ވިލުފުށީގެ އައިލޭންޑް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އައިޑީއެމްޕީ ނުވަތަ ކާރިސާގެ ކަންކަން މެނޭޖްކުރުމުގެ ޕްލޭން އެކުލަވާލުމަށެވެ. ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރަނީ، އެރަށުގެ ކައުންސިލާއި ރަށުގެ ހުރި މުއައްސަސާތަކުގެ ބޭފުޅުންނާއި އާންމު ރައްޔިތުންގެ ބައިވެރިވުމާއެކުގައެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން އެންޑީއެމްއޭގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް، ރިސާޗް އެންޑް އެޑްވޮކަސީ ޙަސަން ޒިޔާޢު ވިދާޅުވީ، ކާރިސާގެ ކަންކަން މެނޭޖްކުރުމުގެ ޕްލޭނެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އެންޑީއެމްއޭއިން މަސައްކަތް ކުރަމުން ދަނީ ހުރިހާ ރަށެއްގެވެސް ޕްލޭން އެކުލަވާލައި، ރަށު ފެންވަރުގައި ކަރިސީ ހިރާސް ކުޑަކޮށް، ކާރިސާތަކަށް ތައްޔާރުވެފައިވާ ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް ކަމަށް ޒިޔާޢު ވިދާޅުވިއެވެ.
NDMA, in partnership with UNICEF Maldives, has commenced a five-day workshop in Th. Vilufushi to develop the Island’s Disaster Management Plan (IDMP) and provide initial training for Community Emergency Response Teams (CERT). The initiative is part of NDMA’s flagship Community-Based Resilience Building (CBRB) Programme.
— NDMA Maldives (@NDMAmv) October 18, 2026
ރަށްރަށުގެ ވިލުންތެރިކަން އިތުރުކުރުމަށް އެންޑީއެމްއޭއިން ކުރިއަށް ގެންދާ ކޮމިއުނިޓީ ބޭސްޑް ރެސިލިއަންސް ބިލްޑިންގ (ސީބީއާރުބީ) ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގެ ފަހު ދެ ދުވަސް ޚާއްސަކޮށްފައިވަނީ ކުއްލި ހާލަތުގައި ފުރަތަމަ އިޖާބަދޭނެ ފަރާތްތައް ނުވަތަ ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމް (ސާޓް) އެކުލަވާލައި، އެ ބޭފުޅުން ތަމްރީން ކުރުމަށެވެ.
މީގެ އިތުރުން، މިއީ ރަށު ފެންވަރުގައި ކާރިސީ ހިރާސް ކުޑަކޮށް، ކާރިސާގެ ހާލަތަކަށް ތައްޔާރުވެ، ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ރަށްރަށުގައި ކުރިއަށް ގެންދާ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި އަމަލުކުރަމުން ދިޔަ ފްރޭމްވޯކް އިސްލާޙު ކުރުމަށްފަހު، އެކުލަވާލި ކޮމިއުނިޓީ ބޭސްޑް ރެސިލިއަންސް ބިލްޑިންގ ފްރޭމްވޯކުގެ ދަށުން ބާއްވާ ޕްރޮގްރާމެއް ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
މި މަސައްކަތުގައި ތ.ވިލުފުށީ ކައުންސިލާއި ރަށުގެ މުއައްސަސާތަކާއި އާންމުން ހިމެނޭހެން 40 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވިއެވެ.
ޔުނިސެފްގެ އެހީތެރިކަމާއެކު އެންޑީއެމްއޭއިން ކުރިއަށްގެންދާ މި މަސައްކަތް އެހެން ރަށްރަށަށް ފުޅާކޮށް، ރަށްރަށުގެ ކާރިސާގެ ކަންކަން މެނޭޖްކުރުމުގެ ޕްލޭން އެކުލަވާލައި، ރަށު ފެންވަރުގައި ކާރިސީ ހިރާސް ކުޑަކޮށް، ވިލުންތެރި ރާއްޖެއެއް ބިނާކުރުމަށް އެންޑީއެމްއޭއިން ދަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދާދިފަހުން އެންޑީއެމްއޭއިން ވަނީ، ގުރައިދޫގައިވެސް މިފަދަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްތައް ކޮށްފައެވެ.