އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އަންނަ އަހަރުގެ ނިޔަލަށް ނިމޭނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ކަންކަން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވީ މިމަޝްރޫއު ފެށުމާއެކު މިއަދަކީ ދިވެހި ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ދުވަހެއް ކަމަށެވެ.
ރައްޔިތުންނާ ގާތުން އައިޑީ ކާޑާއި ޕާސްޕޯޓް ލިބޭނެ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅަކަށްވާއިރު އެވުޒާރާ އެކުލަވާލުމުން އެމަސައްކަތަށް ފަސޭހަކަމާއެކު މަގުފަހިވެގެންދިޔަކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިހުސާން ވިދާޅުވީ އައިޑީކާޑުގެ ޚިދުމަތުގެ ތެރެއިން އަތޮޅުތަކަށް ފުރުސަތުދީފައިވަނީ އައިޑީކާޑު ޕްރިންޓް ކުރުމަށް އެކަނި ކަމަށެވެ. އެހެންކަމުން މައުލޫމާތު ރައްކާތެރިވެގެންދާނެކަމަށް ވިދާޅުވިއެވެ.
"ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ރާއްޖޭގެ އެއްވެސް ކަންކޮޅަކުން އެޕްލިކޭޝަނެއް އައުމުން އެއެޕްލިކޭޝަން ޕްރޮސެސްކޮށްފައި ޕްރިންޓާއި ހިސާބަށް ދިޔައިމަ ހަމައެކަނި އެ ޕްރިންޓް އޮޕްޝަން ދީފައި، އޮތޮރައިޒް ކުރެވޭ އައިޑީކާޑު އެކަނި ޕްރިންޓް ކުރެވޭގޮތަށް އަތޮޅުތަކަށް ފުރުސަތު ދީފައި އޮންނާނީ. މައުލޫމާތު ރައްކާތެރިވެގެންދާނެ. އެއްވެސް އިތުރު ކާޑެއް ޕްރިންޓެއް ނުކުރެވޭނެ. ކާޑެއް ދެ ފަހަރަކަށް ޕްރިންޓެއް ނުކުރެވޭނެ. މިކަންކަން އަޅުގަނޑުމެންވާނީ ޔަޤީންކޮށްފައި" ވަޒީރު އިހުސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިއީ ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ޚިދުމަތް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވިސްނުންފުޅު ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ފައިދާ ލިބިގެންދާނެ ކަމަށެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު މިހާރު ޤާއިމު ކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފެށީ ކޯވިޑާ ގުޅިގެން 2021 ގައެވެ. ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ޤާއިމުކޮށް އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތް ހަމަޖެހުނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އަދި ކާޑު ޕްރިންޓުކުރުމަށް ފަހު، ޑީއެންއާރުން އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވޭނެ ޚިދުމަތްވެސް ވަނީ މިއަހަރު ތަޢާރަފްކޮށްފައެވެ.