ޚަބަރު

ދެކުނު ކޮރެޔާއާއި ޖަޕާނުގެ ވެރިންނާ ބައިޑަން ބައްދަލުކުރައްވައިފި


އެމެރިކާގެ ރައީސް ޖޯ ބައިޑަން، ދެކުނު ކޮރެޔާއާއި ޖަޕާނުގެ ވެރިންނާ ބައްދަލު ކުރައްވައިފިއެވެ. އޭނާ ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާއާއި ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔޯލާ ބައްދަލު ކުރައްވާފައި މި ވަނީ، އެމެރިކާގެ އިންތިޚާބީ-ރައީސް ޑޮނަލްޑް ޓްރަމްޕް، ވެރިކަމާ ހަވާލިލުވެ ވަޑައިގަތުމުގެ ކުރިން، އެ ޤައުމުތަކާ އެކު އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރެއްވުމުގެ ބޭނުމުގައެވެ.

ނޮވެންބަރު 5ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ކާމިޔާބީ ހޯއްދަވާފައި ވަނީ، ބައިޑަންގެ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް، ނައިބު ރައީސާ ކަމަލާ ހެރިސްގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއާއި ބޭރު ޤައުމުތަކާ ދެމެދު އޮތް ގުޅުންތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު، ބޭރު ޤައުމުތަކުން އެތެރެކުރާ މުދަލުން ނަގާ ފީތަށް ބޮޑު ކުރައްވާނެ ކަމުގައި ޓްރަމްޕް ވިދާޚުވެފައިވެއެވެ.

ޖަޕާނާއި ދެކުނު ކޮރެޔާއަކީ އޭޝިޔާ ބައްރުގައި އޮތް އެމެރިކާގެ އެންމެ ގާތް ދެ އެކުވެރިންނެވެ. ބައިޑަނާއި އިޝިބާގެ އިތުރުން ޔޫން ބައްދަލު ކުރައްވާފައި ވަނީ، ޕެރޫގެ ވެރިރަށް ލީމާގައި ބޭއްވި އޭޝިޔާ-ޕެސިފިކް އިކޮނޮމިކް ކޯޕޮރޭޝަން (އޭޕެކް)ގެ މެންބަރު ޤައުމުތަކުގެ ބައްދަލުވުމުގެ ހަވާސާގައެވެ. އެ ތިން ބޭފުޅުންގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވާ ދެވަނައަށް އެންމެ މުހިންމު ކަމަކީ އުތުރު ކޮރެޔާ (ޑީޕީއާރްކޭ)ން ރަޝިޔާއަށް ސިފައިން ފޮނުވާފައިވާ މައްސަލައެވެ.

ޑީޕީއާރްކޭގެ 10,000އަށްވުރެ ގިނަ ސިފައިން ރަޝިޔާގައި ހަރަކާތްތެރިވަމުންދާ ކަމުގައި އެމެރިކާއާއި ޔޫކްރެއިންގެ އިތުރުން ހުޅަނގުގެ ބާރުތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޑީޕީއާރްކޭގެ ސިފައިން ރަޝިޔާގެ ފައުޖުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް އެ ޤައުމުތަކުން ތުހުމަތު ކުރެއެވެ. މީގެ އިތުރުން، ޑީޕީއާރްކޭގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅިގެން ދެ ކޮރެޔާގެ ދެމެދުގައި ސުލްޙަ ޤާއިމު ކުރަން ކުރަމުންދާ މަސައްކަތްތަކަށް ހިޔަނި އެޅިފައިވާ ކަމަށް އެ ޤައުމުތަކުން ޤަބޫލު ކުރެއެވެ.

"ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އިތުރަށް ފުޅާ ކުރަން ރަޝިޔާއާއި ޑީޕީއާރްކޭން ނިންމާފައިވާ ނިންމުމާ މެދު ޖަޕާނާއި އާރްއޯކޭ (ދެކުނު ކޮރެޔާ) އަދި އެމެރިކާއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" ބައިޑަނާއި އިޝިބާ އަދި ޔޫންގެ ބައްދަލުވުމަށް ފަހު އެ ތިން ޤައުމުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުންޏެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވަން ވިދާޅުވީ، ތިން ޤައުމުގެ މެދުގައި މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމުގެ ބަދަލުގައި، އެ މަޝްވަރާތަކަށް ރަސްމީ ސިފައެއް ދިނުމުގެ ގޮތުން، ތިން ޤައުމުގެ މެދުގައި ޓްރައިލެޓެރަލް ސެކްރެޓޭރިއެޓެއް ނުވަތަ ޚާއްޞަ އިއްތިޙާދެއް އެކުލަވައިލަން ތިން ވެރިން ނިންމަވާފައިވާ ކަމުގައެވެ. ދެކުނު ކޮރެޔާއާއި ޖަޕާނާ އެކު ގުުޅުންތައް ބަދަހި ކުރުމަކީ، ބައިޑަންގެ ވެރިކަމުގެ ދައުރުގައި ޚާރިޖީ ދާއިރާއިން ހާސިލު ކުރެވިފައިވާ މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ބައިޑަންގެ ސަރުކާރުން ސިފަކުރެއެވެ. 1910-1945ވަނަ އަހަރާ ދެމެދު ޖަޕާނުން ދެކުނު ކޮރެޔާގައި އިސްތިޢުމާރީ ވެރިކަމެއް ހިންގާފައިވާއިރު، އެއީ އެ ދެ ޤައުމުގެ ދެމެދުގައި އަދިވެސް ނުތަނަވަސް ކަން އޮތް ބޮޑު މައްސަލައެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

އޭޝިޔާ ސަރަޙައްދުގައި ބާރާއި ނުފޫޒު ގަދަކުރަން ޗައިނާއިން ކުރަމުންދާ މަސައްކަތްތަކަކީ އެމެރިކާއަށް ހަޖަމު ކުރެވޭ ކަމެއް ނޫނެވެ. އަދި، ޖަޕާނާއި ދެކުނު ކޮރެޔާއާ އެކު ގުޅުންތައް ހަރުދަނާ ކުރުމަކީ، ޗައިނާއާ ދެކޮޅަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބައިޑަން ޤަބޫލު ކުރައްވައެވެ. "އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެންގެ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމަކީ އިންޑީ-ޕެސިފިކް ސަރަޙައްދުގައި ސުލްޙައާއި ހަމަޖެހުން ދަމަހައްޓަން މުހިންމު ގުޅުމެއް،" ބައިޑަން ވިދާޅުވިއެވެ.

އޭޕެކް ސަމިޓުގެ ހަވާސާގައި ދެކުނު ކޮރެޔާގެ ރައީސް ޔޫން ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ވެސް ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގެ ހަވާސާގައި، ބައިޑަނާއި އިޝިބާ ވެސް ޝީއާ ބައްދަލު ކުރައްވަން އޮތީ ހަމަޖެހިފައެވެ.