ލުބްނާންގައި ހަރަކާތްތެރިވާ އދގެ ސުލްޙަ ބަލަހައްޓާ ފައުޖު (ޔުނިފިލް)ގެ މަރުކަޒުތަކަށް ޙަމަލާދީ، އެ ފައުޖުގެ ހަތަރު ސިފައިން ޒަޚަމު ކޮށްލައިފިއެވެ. ރޮކެޓުތަކެއް ބޭނުން ކޮށްގެން ޙަމަލާ ދީފައި ވަނީ ލުބްނާންގެ ދެކުނުގައި އޮންނަ ރާމިޔާގައި ހުންނަ ޔުނިފިލްގެ މައި މަރުކަޒަށެވެ. އެ ޙަމަލާގެ ފަހަތުގައި އޮތީ ކޮން ބަޔެއް ކަން ސާފެއް ނޫނެވެ.
ޔުނިފިލުން ބުނީ، އެ ފައުޖުގެ މައި މަރުކަޒާއި، އެ ތަނުގައި ތިބި ސިފައިންނަށް އަމާޒުކޮށް ތިން ފަހަރު ޙަމަލާ ދީފައިވާ ކަމުގައެވެ. ޔަހޫދީ ފައުޖުން ބުނީ، ޔުނިފިލްގެ މަރުކަޒަށް ރޮކެޓު ޙަމަލާތައް ދީފައި ވަނީ ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهން ކަމުގައެވެ. ރާމިޔާގެ އިތުރުން ޝަމްޢާގައި ހުންނަ ޔުނިފިލްގެ މަރުކަޒަކަށް ޙަމަލާތައް ދީފައިވާ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، ޔުނިފިލްގެ ސިފައިންނަށް އަމާޒުކޮށް ޙަމަލާތަކެއް ދީފައިވާނެ ކަން ޙިޒްބުاللهން ކަށަވަރު ކޮށްދީފައެއް ނެތެވެ.
ލުބްނާންގެ ދެކުނު ޝާމާގައި ހުންނަ ޔުނިފިލްގެ މަރުކަޒަށް ރޮކެޓު ޙަމަލާތަކެއް ދީފައިވާ ކަމުގައި އިޓަލީވިލާތުން ވެސް ބުންޏެވެ. އެއީ، ޔުނިފިލްގައި ހިމެނޭ އިޓަލީވިލާތުގެ ސިފައިން ތިބޭ މަރުކަޒެއް ކަމުގައި އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ހާމަކުރިއެވެ. އެ މަރުކަޒަށް ޙަމަލާ ދިނުމަށް އަށް ރޮކެޓު ބޭނުން ކޮށްފައިވާއިރު، ޔުނިފިލްގެ އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ.
ލުބްނާންގެ ދެކުނުގެ ސަރަޙައްދުގައި ޔުނިފިލްގެ ފައުޖަކުން ހަރަކާތްތެރިވަމުން ދަނީ، 'ބްލޫ ލައިން' ނުވަތަ ނޫ ރޮނގުގެ ނަން ދީފައިވާ އިސްރާއީލާއި ލުބްނާން ގުޅޭ ސަރަޙައްދީ ރޮނގުގެ ސަރަޙައްދުގައި އަމަން ބެލެހެއްޓުމަށް، އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރެއްގެ ދަށުންނެވެ. ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން ޔުނިފިލްގެ މައި މަރުކަޒާއި ސިފައިންނަށް އަމާޒުކޮށް މީގެ ކުރިން ނުރައްކާތެރި ޙަމަލާތަކެއް ދީފައިވެއެވެ.
ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން މީގެ 13 މަސް ކުރިން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފެށުމާ ގުޅިގެންނެވެ. ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކަށް ޙިޒްބުاللهން ޙަމަލާ ދޭން ފަށާފައި ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއި، އެ ޤައުމުގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންނަށް ވާގިވެރިވުމުގެ ގޮތުންނެވެ. އެ ޖަމާޢަތުގެ އަމާޒަކީ ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ޔަހޫދީންނަށް ބާރު އެޅުމެވެ.
ނަމަވެސް، ސެޕްޓެންބަރު 23ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޖަރީމާތަކެއް ފަށާފައެވެ. އަދި، ވެރިރަށް ބައިރޫތާއި ދެކުނުގެ ރަށްތަކުގެ އިތުރުން އަލް-ބިޤާޢު ވާދީގެ ސަރަޙައްދުތަކަށް ބޮންއަޅަން ފަށާފައެވެ. އެއަށްފަހު، އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން، ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަރައިގަނެ، ޤަތުލުޢާންމު އިތުރަށް ފުޅާކުރިއެވެ.
ނޮވެންބަރު މަހު ލުބްނާންގެ ޞަޔިދާއަށް ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ވައިގެ ޙަމަލާތަކެއްގައި ޔުނިފިލްގެ ހަތަރު ސިފައިން ޒަޚަމުކޮށްލިއެވެ. އެ ޙަމަލާގައި ޒަޚަމުކޮށްލާފައިވާ ޔުނިފިލްގެ ސިފައިންގެ ތެރޭގައި ހިމެނެނީ މެލޭޝިޔާގެ ސިފައިންނެވެ. ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޗެކް ޕޮއިންޓް ހުރަސްކޮށް ދަތުރު ކުރަމުން ދިޔަ ކާރަކަށެވެ. ޒަޚަމުވެފައިވާ ޔުނިފިލްގެ ސިފައިންނަކީ, އެ ވަގުތު އެ ސަރަޙައްދުން ދަތުރު ކުރަމުންދިޔަ އދގެ އުޅަނދެއްގައި ތިބި ޔުނިފިލްގެ ސިފައިންނެވެ.
އޮކްޓޫބަރު މަހު ވެސް ޔަހޫދީ ފައުޖުން ވަނީ ޔުނިފިލްގެ މައި މަރުކަޒަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. ޔުނިފިލުން ބުނީ, ޔަހޫދީ ފައުޖުގެ މިރްކަވާ މަރުކާގެ ދެ އަސްކަރީ ޓޭންކު އެ މަރުކަޒުގެ މައި ދޮރާށީގައި ޖައްސައި, ގެއްލުން ދީފައިވާ ކަމުގައެވެ. އަދި, އެއަށްފަހު އެ ދެ ޓޭންކު މަރުކަޒުގެ ގޯތިތެރެއަށް ވައްދައި, ޔުނިފިލްގެ ސިފައިންނަށް ބިރުދައްކާފައިވާ ކަމުގައެވެ. އަދި, މަރުކަޒުގެ ތެރެއަށް ވަތް ދެ ޓޭންކު ބޭރަށް ނެރުމަށް ފަހު, ޔަހޫދީ ފައުޖުން ޔުނިފިލްގެ މަރުކަޒު ހުންނަ ސަރަޙައްދަށް ވަރުގަަދަ ޙަމަލާތަކެއް ދީފައިވާ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.
ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 3,544އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 15,036އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.