ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ "ގަނެ ވިކޭ" ބައެއްގެ ގޮތުގައި ލޭބަލްވެ، މެންބަރުން މާލީ މަންފާތަކެއް ނަގައިގެން ޕާޓީ ބަދަލުކުރާ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. މިކަމުގެ ސަބަބުން ޤާނޫނު ހަދާ މަޖިލީހުގެ މައްޗަށް ރައްޔިތުންގެ އޮންނަ އިތުބާރު ގެއްލިގެން ދެއެވެ. މިމައްސަލައިގެ އެންމެ ހޫނު ބަހުސްތަކެއް ކުރެވުނީ 18 އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައެވެ.
މިގޮތުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން އޭރު ވެރިކަން ކުރަމުންދިޔަ ޕީޕީއެމްގެ ސަރުކާރުން، ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް އެކުލަވާލި އެންޓި-ޑިފެކްޝަންގެ ޤާނޫނަކީ އޭރު މެންބަރުންގެ މައްޗަށް ގެއްލެމުން ދިޔަ އިތުބާރު އަނބުރާ ހޯދުމަށް އެކުލަވާލި ޤާނޫނެކެވެ. އޭރު އިދިކޮޅު އެމްޑީޕީންވެސް މި ޤާނޫނަކީ މުހިންމު ޤާނޫނެއްކަމަށް ޤަބޫލުކުރިނަމަވެސް، އެއީ ސިޔާސީ މަންފާތަކެއް ހާސިލްކުރުމަށް އެކުލަވާލި ޤާނޫނެއްކަމަށް ބުނަމުން ދިޔައެވެ.
ވުމާއެކު އެމްޑީޕީއަށް އެންޓި ޑިފެކްޝަން ޤާނޫނެއް އޭރު މުހިންމެއް ނުވިއެވެ. ނަމަވެސް 19 ވަނަ މަޖިލީހުގެ މެންބަރުން ފްލޯ ކްރޮސް ކުރުމުން ނުވަތަ ޕާޓީ ބަދަލުކުރަން ފެށުމުން އެ ޤާނޫނު އެމްޑީޕީއަށް 2023 ވަނަ އަހަރު އަލުން މުހިންމު ވެއްޖެއެވެ. އެމްޑީޕީ ދެބައިވެ އެޕާޓީގެ ސިޔާސަތުތައް ޤާބޫލުނުކުރެވި މެންބަރުން ޕާޓީ ބަދަލުކުރަން ފެށުމުން، އެއްކަލަ 2018 ގައި އުވާލި ޤާނޫނު މަތިން ހިރަފުސްފޮޅައި، އެ ޤާނޫނު އަލުން އެކުލަވާ ފާސްކުރަން މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީން ތެޅިގަތެވެ. އެހާ ހިސާބުން މެންބަރުންގެ މައްޗަށް ރައްޔިތުންގެ ގެއްލިފައިވާ އިތުބާރު މަތިންވެސް އެ ޕާޓީއަށް ހަނދާވެއްޖެއެވެ. ރައްޔިތުން ހޮވީ ވަކި ސިޔާސީ ފިކުރެއްގައިކަން ޤަބޫލުކުރެވެންވެސް ފެށިއެވެ.
މިއާއެކު 19 ވަނަ މަޖިލީހުގެ ދައުރު ހަމަވާން ވަރަށް ގާތްވެފައި އޮތްވައި އެންޓި ޑިފެކްޝަން ޤާނޫނު އެކުލަވާލުމަށް ބޭނުންވާ ބިލު އެމްޑީޕީން މަޖިލީހަށް ވެއްދިއެވެ. އަދި އެމްޑީޕީގެ އަޣްލަބިއްޔަތު އޮތް މަޖިލީހުން އެ ބިލު ފާސްވެސްކުރިއެވެ. އެއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ތަސްދީގުކުރެއްވި އެއް ޤާނޫނެވެ. މިއާއެކު އެމްޑީޕީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވި ހުރިހާ މެންބަރުން ލައްވައި ޕާޓީ ބަދަލު ނުކުރާނެ ކަމުގެ ހުވާވެސް ކުރުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި އެމްޑީޕީގެ ކެނޑިޑޭޓުން ލައްވާ ހުވާ ކުރުވާފައިވަނީ އެ ޕާޓީން މަޖިލިސް އިންތިހާބުގެ ކެމްޕޭނު ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައެވެ. މެމްބަރުންނަށް އެ ހުވާލައިދިނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލެވެ. އެގޮތުން ކެނޑިޑޭޓުންނަށް އިތުބާރު ނުކުރެވޭތީ ކުރުވި ހުވާގައި، މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެވިއްޖެ ނަމަ މަޖިލީހުގެ ދައުރުގެ މުއްދަތުގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރުމަށާއި، ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ އުސޫލުތަކާއި ނިންމުންތަކާއި، ޕާލިމެންޓްރީ ގްރޫޕްގެ ހިންގާ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އިގުރާރުވެ މާތްﷲ ގަންދީ ހުވާ ކުރުވިއެވެ.
މަޖިލީހަށް ވާދަކުރެއްވި ކެނޑިޑޭޓުންނަށް އިތުބާރު ނެތުމުން، މަޖިލީހަށް ހޮވިއްޖެނަމަ އެމްޑީޕީން ވަކިނުވާނެކަމަށް އެ މެންބަރުން ލައްވައި ހުވާކުރުވުމުންވެސް އެނގެނީ އެޕާޓީންވެސް މެންބަރުން ޕާޓީބަދަލުކުރުމަށް ޤަބޫލު ނޫންކަމެވެ.
19 ވަނަ މަޖިލީހަށް އެންޓި-ޑިފެކްޝަންގެ މި ބިލު ހުށަހެޅުއްވި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ޢަބްދުﷲ ވިދާޅުވެފައިވަނީ ރައްޔިތުން އެތައް ގުރުބާނެއްވެގެން އިންތިހާބުކުރުމުން އެ ވިސްނުން ދޫކޮށް އެހެން ވިސްނުމަކަށް ދާކަމަށްވާނަމަ، ރައްޔިތުންގެ ވިސްނުމަށް އިޙްތިރާމްކުރަން ޖެހޭނެކަމަށެވެ.
"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މެންބަރުކަމުން އިސްތިއުފާ ދީފަ އެހެން މަޤާމަކަށް ދިއުމަކީ އެންމެ މުހިންމު ބޭނުންތެރި ގޮތް. ދެން އިތުރަށް ފުރިހަމަ ކުރެއްވުމަށް ޤާނޫނު އަސާސީއަށް ބަދަލު ގެނެސް ޤާނޫނު އަސާސީގައި އެކަން ކަނޑައަޅައިފިނަމަ އެކަން އިތުރަށް ފުރިހަމަ ވެގެންދާނެ." ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު އަބްދުﷲ ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވެފައިވެއެވެ.
ޕާޓި ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތް ހެދުމަށް އޭރު އެމްޑީޕީގެ މަޖިލިސް ގިނަ މެންބަރުން ތަޢީދުކުރެއްވިއެވެ.
މި ބިލު އެ ޕާޓީން ފާސްކުރިއިރުވެސް، ޤާނޫނު އަސާސީއާއި ފުށުން އެރުންތަކެއް ހުރިކަން އެ ޕާޓީއަށް އެނގެއެވެ. މިހާރު ޢަމަލުކުރަމުންދާ އެންޓި-ޑިފެކްޝަން ޤާނޫނުގައި، މެންބަރުން ގޮނޑި ގެއްލޭ ހާލަތްތަކެއް ބަޔާން ކޮށްފައިވާއިރު ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ނ. ގައި މެންބަރެއްގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތެއް ބަޔާންކޮށްފައި އެބައޮތެވެ. މިކަން މިގޮތަށް އޮވެ، އެ ބިލު ފާސްކޮށް ތަސްދީޤު ކުރުން ލަސްވެގެންވެސް އެމްޑީޕީގެ މެންބަރުން ވާހަކަ ދެއްކެވިއެވެ.
މިހާ ހިސާބަށް ކަންގޮސް އޮވެމެ، މިއަދު އަނެއްކާވެސް ޕާޓީގެ ރާގު ބަދަލުވެއްޖެއެވެ. ޤާނޫނު އަސާސީގައި އޮތް ފުށުއެރުމަކަށް ހައްލެއް ގެނައުމަށް، ސަރުކާރުން ކުރަމުންދާ މަސައްކަތާއި ދެކޮޅަށް މިއަދު ޕާޓީގެ މެންބަރުން ދަނީ ވާހަކަ ދައްކަވަމުންނެވެ.
ޤާނޫނު އަސާސީގައި މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށްފައި އޮތްވައި، ޤާނޫނެއް ފާސްކޮށްގެން އެ ޕާޓީން މަސައްކަތް ކުރީ މެންބަރުން ހިފެހެއްޓުމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން އެންމެ ފަހުން 20 ވަނަ މަޖިލީހުގެ މެންބަރުން ގަނެވޭތޯ މަސައްކަތްތަކެއް ފެށިކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. މީގެ 8 ވަރަކަށް މަސް ކުރިން ޤާނޫނު އަސާސީވެސް އިސްލާހުކުރަން ތައްޔާރުވެގެން އޮތް ޕާޓީއަށް ގިނަ ދުވަސްތަކެއް ނުވެ އެގޮތް ކަމުނުދިޔައީއެވެ.
އެންމެ ފަހުން މިހާރު މި ޤާނޫނުގެ ބައިތައް އުވާލުމަށް ހައިކޯޓަށް މައްސަލައެއް ވައްދާފައިވާއިރު، ސާފުވާ އެއް ހަޤީޤަތަކީ ޕާޓީއަށް ފައިދާ ނުވާނެހެން ހީވާ ނަމަ އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް އޮތް މައްސަލަތަކުގައިވެސް ޕާޓީން ދެކޮޅު ހަދާނެ ކަމެވެ.