ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކޮށް ރިފޯމް ކުރުމުގެ މަސައްކަތަކީ މީގެ ކުރީ ސަރުކާރުތަކުގައި އެވާހަކަ ދެއްކި ނަމަވެސް، އެއްވެސް ބަޔަކަށް ކުރަން ނުކެރުނު މަސައްކަތެއްކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިސަރުކާރުން އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "ހަފްތާ 52" އަށް ދެއްވި ޚާއްސަ އިންޓަވިއުގައި ވާހަކަފުޅުދައްކަވަމުނެވެ.
ދައުލަތުގެ ވުޒާރާތަކާއި ކުންފުނިތަކުގެ ޚަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރުމަށް، ވަރަށް ގިނަ މުހިންމު ބަދަލުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ގެންނަވާފައެވެ. މާލީ ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނިންމެވި އެންމެ މުހިންމު ނިންމެވުމަކީ ފައިސާ ޗާޕުކުރުން ހުއްޓާލަން ނިންމުންކަމަށެވެ. އެއީ އުނދަގޫ ނިންމުމެއް ނަމަވެސް، ރާއްޖޭގެ އިޤްތިޞާދު ހަމަޔަކަށް އެޅުވުމަށް ކޮންމެހެން ނަގަންޖެހުނު ފިޔަވަޅެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޓެކްސްއާ އެކި ގޮތްގޮތުން ދައުލަތަށް ފައިސާ ވައްދާނެ ގޮތްތައް ހޯދިނަމަވެސް، އިޤްތިޞާދު ކުރަން ނޭގޭނަމަ އޭގެ އެއްވެސް ބޭނުމެއް ނެތްކަމަށެވެ. އެހެންކަމުން ރައީސްގެ ކޮންމެ ނިންމެވުމަކީ ފައިސާ އިޤްތިޞާދުކޮށް، މާލީ ނިޒާމަށް ހެޔޮބަދަލުތަކެއް ގެނުވާނެ ކަންކަން ކަމަށް ވިދާޅުވިއެވެ.
"2022 އަދި 2023 ގައިވެސް ރިފޯމްގެ ވާހަކަ ދެއްކި. ނަމަވެސް މިއިން އެއްވެސް ކަމެއް ކުރަން ފިޔަވަޅެއް ނޭޅި. މިހާރު އަލުންބަލުން މި ފެށީ މި ބޮޑު މަސައްކަތް. މިހާރު މިއޮތީ ވަރަށް ގިނަ ރިފޯމްތަކެއް ތަންފީޒުކުރަން ފަށަން ތައްޔާރުވާ މަރުހަލާގައި. ބައެއް މުހިންމު ރިފޯމްތައް ގެނައުމަށް ނިންމާ އޭގެ ފިޔަވަޅު އަޅާފަވެސް އެބަހުރި." މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޚާއްސަކޮށް ޓާގެޓް ސަބްސިޑީގެ ނިޒާމަކަށް ދިއުމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް އަމަލުކުރަމުންދާ ނިޒާމުކަމަށެވެ. އަދި މިމަސައްކަތް ފަށައިގަންނައިރު ދަތިތައް ކުރިމަތިވީނަމަވެސް، ދުރު ރާސްތާގައި މިކަމުން ބޮޑު މަންފާއެއްވާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އާސަންދަ ޚަރަދު ކުޑަކުރުމަށް ބަލްކުކޮށް ބޭސް ގެނައުމުގެ މަސައްކަތަކީވެސް ފާހަގަކޮށްލެވޭ ކަމެއްކަމަށް ވިދާޅުވެ، ވަޒީރު ވަނީ ރާއްޖޭގައި ބޭހަށް ކުރާ ހޭދަ ސަރަހައްދީ ޤައުމުތަކާ އަޅާބަލާއިރު %70 އިތުރުކަމަށެވެ.
މީގެއިތުރުން ޓީޖީއެސްޓީން %1 ބޮޑުކުރަން ނިންމި ނިންމުމަކީވެސް ވިޔަފާރިތަކަށް އޭގެ ގެއްލުން އެންމެ ކުޑަވާނެހެން ނިންމި ނިންމުމެއްކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މި ބަދަލާއެކު އަންނަ އަހަރު ދަޢުލަތަށް އިތުރު 200 މިލިއަން ރުފިޔާ ވަންނާނެކަމަށެވެ.
މީގެއިތުރުން ދަރަނީގެ މައްސަލަ ހައްލުކުރުމަށް އަޅުއްވަމުންދާ އިތުރު ފިޔަވަޅުތަކާއި ދައުލަތަށް ލިބެންހުރި ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި ދައުލަތުގެ ޚަރަދުތައް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއްވެސް މިހާރު އެކުލަވާލާފައިވާކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.