ޚަބަރު

މިއީ އެމެރިކާގެ ރަން ޒަމާނުގެ ފެށުން: ޓްރަމްޕް


އެމެރިކާ އެމެރިކާގެ ފުރިހަމަ ހައިބަތުގައި އަލުން އިޢާދަ ކޮށް އެ ޤައުމަށް ރަން ޒަމާނެއް ގެންނަވާނެ ކަމަށް އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ އެމެރިކާގެ 47ވަަނަ ރައީސްގެ މަޤާމާ ޙަވާލުވެވަޑައިގަންނަވާ ދެއްވި އިފްތިތާހީ ޚިޡާބުގައެވެ.

ޓްރަމްޕްގެ ޚިޡާބުގައި ޤަވާއިދާ ޚިލާފަށް އެެމެރިކާއަށް އެތެރެވާ މީހުންގެ މައްސަލައާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ސިޔާސަތުތަކާއި ސަރުކާރު އިސްލާހު ކުރުމާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކަވާފައެވެ.

ވެރިކަމާ ޙަވާލުވެވަޑައިގަންނަވާތާ މަދު އިރުކޮޅެއްގެ ތެރޭގައި މުހިންމު ރިޔާސީ ޤަރާރުތަކެއްގައި ޓްރަމްޕް ސޮއި ކުރައްވާނެއެވެ. ޓްރަމްޕްގެ ޚިޡާބުގައި ވިދާޅުވީ އެމެރިކާގެ ދެކުނު ސަރަޙައްދީ ރޮނގުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރައްވާނެ ކަމަށެވެ. އެމެރިކާއަށް ޤަވާއިދާ ޚިލާފަށް ވަނުމަށް ކުރާ ކޮންމެ މަސައްކަތެއް ވަގުތުން ވަގުތަށް ހުއްޓުވާނެ ކަމަށާއި އެމެރިކާއަށް ޤަވާއިދާ ޚިލާފަށް އެތެރެވައިފާ އެތައް މިލިޔަން މީހުން އެމީހުންގެ ޤައުމުތަކަށް އަނބުރާ ފޮނުވައިލުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ދެކުނު ސަރަޙައްދީ ރޮނގު ކައިރިއަށް ހަތިޔާރު އެޅި ސިފައިން ފޮނުވުމަށް ވެސް ޓްރަމްޕް ވަނީ ނިންމަވާފައެވެ. އެމެރިކާގެ ހިމާޔަތް ހޯދުމަށް އެދި އެ ޤައުމަށް ދަތުުރު ކުރާ މީހުން ކޯޓަށް ހާޒިރު ކުރަންދެން މެކްސިކޯގައި މަޑުކުރަންޖެހޭ ގޮތަށް ވެސް އޭނާ ވަނީ ނިންމަވައިފައެވެ. އޭގެ އިތުރުން އެމެރިކާގައި އުފަންވާ ކުދިންނަށް އެމެރިކާގެ ރަށްވެރިކަން ދިނުމުގައި އެ ކުދިންގެ މައިންބަފައިންނަކީ ޤަވާއިދުގެ ތެރެެއިން އެމެރިކާގައި ދިރިއުޅޭ ބައެއްތޯ ބެލުމަށް ވަނީ ނިންމަވާފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޓްރަމްޕް އަވަހާރަކޮށްލުމަށް ދީފައިވާ ބަޑީގެ ޙަމަލާއާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވީ އެމެރިކާ, އެމެރިކާގެ ގޮތުގައި އަނބުރާ އިޢާދަ ކުރުމަށް ކުރި މަސައްކަތަކީ ފަސޭހަ މަސައްކަތެެއް ނޫން ކަމަށެވެ. އެ ހާދިޘާގައި އޭނާ ސަލާމަތްވެވަޑައިގަތީ އެމެރިކާގެ ރައީސްގެ މަޤާމާ އަލުން ހަވާލުވެވެން އިރާދައިގައި އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ މިހާރުން ފެށިގެން އެމެރިކާގެ ރަން ޒަމާން ފެށުނީކަމަށެވެ. އެމެރިކާގެ ތިޔާގިކަން އިތުރުވެ އެ ޤައުމު ދާނީ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ޤައުމަކީ އެ ޤަައުމަކާމެދު މުޅި ދުނިޔެއިން ހަސަދަވެރިވާވަރުގެ ޤަައުމަށް ހައްދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.