މިވޭތުވެދިޔަ 1 އަހަރު މާލެ ސަރަޙައްދަށް ރަޖިސްޓްރީކުރި އުޅަނދުތަކުގެ އަދަދު ވަރަށް ބޮޑަށް މަދުވެއްޖެއެވެ. މާލެ ސަރަޙައްދަށް އޮތް ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ޤާނޫނާއި ޤަވާއިދުގެތެރެއިން ނޫން ގޮތަކަށް އެއްގަމު އުޅަނދު ރަޖިސްޓްރީކުރުން ނިމުމަކަށް ގެނެސް، ގަރާޖުގެ ސައްހަކަން ކަށަވަރުކުރުމުގެ މުހިންމު މަސައްކަތްތަކެއް ފަށްޓަވާފައިވާކަމަށެވެ.
އެވުޒާރާއިން ވިދާޅުވީ މިމަސައްކަތުގެ މަޤުޞަދަކީ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގައި ޤާނޫނާއި ޤަވާއިދުގެ ތެރެއިން މިނިސްޓްރީގެ ޒިންމާ އަދާކުރުމަށާއި އަދި އުސޫލުން ބޭރުން ރަޖިސްޓްރީވަމުންދިޔަ ދިޔުން ނިމުމަކަށް ގެނައުންކަމަށެވެ.
އެގޮތުން މިހާތަނަށް ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، 2023ވަނަ އަހަރާ އަޅާބަލާއިރު މިއަހަރު، މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރި އުޅަނދުތަކުގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން މާލެ ސަރަހައްދަށް ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ނިސްބަތް %74.1 އަށް ދަށްވެފައިވާކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ދެ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރި ނިސްބަތް %8.1އަށް ވަނީ މަދުވެފައެވެ.
މިއަދަދުތަކުން ފެންނަނީ، މާލޭގެ ތޮއްޖެހުން ކުޑަކޮށް ދަތުރުފަތުރާ ގުޅޭ ނިޒާމު ހަރުދަނާ ކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ބަދަލު ކަމަށް އެވުޒާރާއިން ފާހަގަކުރައްވައެވެ.
އެވުޒާރާއިން ކުރަމުންދާ މުހިންމު މަސައްކަތްތަކުގައި ގަރާޖު ސިޓީ ދޫކުރުމުގައި މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ ނިޒާމު ވަނީ ހަރުދަނާކޮށްފައެވެ.
މީގެއިތުރުން މާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ހަލާކުވާން ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތްތައް ދަނީ ކުރިއަށްގެންދަމުންނެވެ. މީގެއިތުރުން ގަވާއިދާ ޚިލާފަށް ރަޖިސްޓްރީކޮށް ދުއްވާ އުޅަނދުތައް ޤަވާއިދުގެ ތެރެއަށް ވެއްދުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައެވެ.