ޚަބަރު

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތް ހެދުމަކީ ހުރިހާ ޕާޓީތަކަށްވެސް ފައިދާކުރާނެކަމެއް: ވަޒީރު ސަޢީދު


  • ޕާޓީ ބަދަލުކޮށްފިނަމަ މަޖިލިސް މެންބަރުކަން ގެއްލޭގޮތަށް އިސްލާޙު ވަނީ ހުށައަޅާފައި

  • ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް އެމްޑީޕީންވެސް ޤާނޫނު އިސްލާޙުކުރި

  • ނަމަވެސް އެމްޑީޕީން މިހާރު ދަނީ ޤާނޫނުއަސާސީއަށް ގެންނަ އިސްލާޙާ ދެކޮޅު ހަދަމުން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ މެންބަރުކަން ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމަކީ \ހުރިހާ ސިޔާސީ ޕާޓީއަކަށްވެސް އެކަމުގެ ފައިދާކުރާނެކަމެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ނިމިިދިޔަ މަޖިލީހުގައި މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި އަދި މިހާރު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރުކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު ސަޢީދު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ޤާނޫނުއަސާސީއަށް ހުށައަޅާފައިވާ އިސްލާޙާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.

ޤާނޫނުއަސާސީއަށް ހުށައަޅާފައިވާ އިސްލާޙުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މެންބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އަމިއްލަ މެންބަރަކު ޕާޓީއަކާ ގުޅިއްޖެނަމަ މެންބަރުކަމުން ވަކިވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނިމިދިޔަ 19 ވަނަ މަޖިލީހުގައި މާވަށު ދާއިރާގެ މެންބަރުކަންވެސް ކުރެއްވި އިޤުތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ 19 ވަނަ މަޖިލީހުގައިވެސް މެންބަރު ތަމްސީލްކުރަމުންދާ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް އެންޓި ޑިފެކްޝަންގެ ޤާނޫނަށް އިސްލާޙު ގެނައި ކަމަށެވެ. އަދި އޭރު އެމްޑީޕީގެ މަޖިލިސް މެންބަރުން އެކަމަށް ތާޢީދުކުރެއްވިކަން ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މަޖިލީހުގައި މެންބަރު ތަމްސީލްކުރާ ޕާޓީ ބަދަލުކޮށްފިނަމަ، މެންބަރުކަމުން ވަކިވާނެކަމަށް ބަޔާންކޮށް މިސަރުކާރުން ޤާނޫނުއަސާސީއަށް އިސްލާޙު ގެންނަނީ، އޭރު އެންޓި ޑިފެކްޝަންގެ ޤާނޫނަށް ގެނައި އިސްލާޙުގައި ހިމެނޭ ކަންކަމަށް އިތުރު ބާރުވެރިކަމެއް ދިނުމުގެ ގޮތުން ކަމަށެވެ.

ވަޒީރު ވިދާޅުވީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތް ހެދުމަށް އެމްޑީޕީގެ މެންބަރުން މީގެކުރިން ތާޢީދުކޮށްފައިވާއިރު، މިހާރު އެކަމަށް ދެކޮޅު ހެދުމުން ދޭހަވަނީ މީގެ ކުރިން އެންޓި ޑިފެކްޝަންގެ ޤާނޫނަށް އެމްޑީޕީން އިސްލާޙު ގެނައީ ރަނގަޅު ނިޔަތެއް އޮވެގެން ނޫންކަންކަމަށެވެ.

"2017 ވަނަ އަހަރު ރައީސް ޔާމީން ސަރުކާރުގައި އެންޓި ޑިފެކްޝަންގެ ޤާނޫނަށް އިސްލާޙު ގެންނަން އުޅޭތީ އެމްޑީޕީން އެކަމާ ދެކޮޅު ހެދި. އޭގެ ފަހުން 2023 ވަނަ އަހަރު މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލެން އުޅޭހެން ހީވިމަ، އަވަސް އަރުވާލައިގެން އެ ޕާޓީން ޤާނޫނު އިސްލާހުކުރީ. އެހެންވީމަ ޙަޤީޤަތުގައި މި އިސްލާހުގެ ސަބަބުން ހުރިހާ ޕާޓީއަކަށްވެސް ފައިދާކުރާނެ. އެއްވެސް ސިޔާސީ ޕާޓީއަކަށް ނޯންނާނެ މި އިސްލާޙާ ދެކޮޅަށް ވާހަކަދެއްކުމުގެ ލައިސަންސެއް." ވަޒީރު ވިދާޅުވިއެވެ.

ޤާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށައަޅާފައިވާ ބިލުގައި އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ އެއްވެސް ސަރަޙައްދެއް އަސްކަރީ ބޭނުމަށް ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިންބައިގެ އަޤުލަބިއްޔަތުން ފާސްކޮށްގެންކަމަށްވެސް ބަޔާންކޮށްފައިވެއެވެ. މި އިސްލާޙުގެ ސަބަބުން މަޖިލީހުގެ ހުއްދަ ނެތި ރާއްޖޭގެ ސަރަހައްދެއް އަސްކަރީ ބޭނުންތަކަށް ދޫކުރުމުގެ ފުރުޞަތު ހަނިވާނެއެވެ.

ސަޢީދުގެ ވާހަކަފުޅުގައި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގެ ސަރަހައްދުތައް ބޭނުންކުރުމުގެ ހުއްދަ ބޭރުގެ ފަރާތްތަކަށް ދީފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކުރީ ސަރުކާރުން އެގޮތަށް ކަންކުރީ މަޖިލީހުގެ މެންބަރުންގެ ރުހުން ނުހޯދައިކަންވެސް ސަޢީދު ވިދާޅުވިއެވެ. އަދި މާޒީގައި މިގޮތަށް ކަންކަން ހިނގާފައި އޮތުމުން ޤާނޫނުއަސާސީ އިސްލާޙުކުރަން މިސަރުކާރަށް މަޖުބޫރުވާކަމަށް ސަޢީދު ވިދާޅުވިއެވެ.