ޚަބަރު

"އަޅުގަނޑުގެ ސިޔާސީ ހިސާބުން ފެންނަނީ ދެވަނަ ދައުރެއް ފުރިހަމަކުރާނެ ފުރަތަމަ ރައީސަކަށް ރައީސް ޑރ. މުޢިއްޒުވާނެތަން"


  • އަންނަ އަހަރަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ މަޝްރޫއު ހިންގާނެ އަހަރަށް ވާނެ

އެމަނިކުފާނު ޖައްސަވާ ސިޔާސީ ހިސާބުން، ރާއްޖޭގައި ޢަމަލުކުރަމުން އަންނަ ފެހި ޤާނޫނު އަސާސީގެ ދަށުން ރިޔާސީ ދެވަނަ ދައުރެއް ފުރިހަމަކުރައްވާނެ ފުރަތަމަ ރައީސަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ހަފްތާ 52 ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރަށް އަހަރެއްވުމާއި ގުޅިގެން ގެނެސްދޭ "ހަފްތާ 52" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ އެމަނިކުފާނު ސިޔާސީ ހިސާބު ޖައްސަވަނީ ރާއްޖޭގެ ސިޔާސީ މަޞްރަޙު ވަރަށް ބޮޑަށް އެނގިވަޑައިގެންކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް، ކޮންމެ ރަށެއްގެ ސިޔާސީ ފިކުރާއި، ޢާންމު ރައްޔިތުންގެ ވިސްނުންތައް އެނގިވަޑައިގަންނަވާކަން ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް އެނގޭނެ ހއ. ވަށަފަރުގައި އިންތިޚާބެއްގެ ހިސާބު ޖަހާއިރު ވަށަފަރުގައި ތިބޭނީ ކޮން ވިސްނުމެއްގެ ކޮން ބައެއްކަން. އެއީ ކާކުކަން، އޭނާގެ ގެ ހުރީ ކޮންތާކުކަން، އޭނާގެ އިސްކޮޅަކީ ކޮބައިކަން، އޭނާ ވާހަކަ ދައްކާނީ ކޮންގޮތަކަށްކަން. އެހާވަރަށް އަޅުގަނޑަށް މިރާއްޖެ އެނގޭ. އެހެންވީމަ އެނގިގެން ހިސާބު ޖެހީމަ ހިސާބު ދިމާވަނީ." ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

ކުރިއަށް އޮތް ހަތަރު އަހަރަށް ހިސާބު ޖައްސަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު، ފެނިވަޑައިގަންނަވަނީ ވަރަށް ކާމިޔާބުކޮށްކަމަށެވެ. ނަމަވެސް ގޮންޖެހުންތަކެއް ހުންނާނެކަމަށާއި، ގޮންޖެހުންތަކާއި ކުރިމަތިލައިގެން އަދި ފާޑުކިޔުންތަކާއިވެސް ކުރިމަތިލައިގެން ކާމިޔާބު ހޯދަން ފަސޭހަވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ރައްޔިތުންގެ ތާޢީދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އިތުރުވަމުންދާއިރު، ބައެއް ސިޔާސީ ލީޑަރުން ސިޔާސީ މަޞްރަޙުން ގެއްލިގެންދާތަން ފެނިވަޑައިގަންނަވާކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އެހެން ދިމާވަނީ އެ ސިޔާސީ ލީޑަރުން އުޅުއްވާ ގޮތަކުންކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"އެއީ އިތުރުފުޅު ހެއްދެވުމާ، މާބޮޑަށް ޒާތީވެވަޑައިގަތުމާ، ސިޔާސީ ބުރަދަނެއް ނެތްބަޔަކު ބުނާގޮތަކަށް ކަންތައްތައްކުރުމާ، މިކަހަލަ ކަންކަންތައްތަކަކާހެދި ބައެއް ސިޔާސީ ލީޑަރުން ދިވެހިރާއްޖޭގެ ސިޔާސީ އުދަރެހުން އެބޭފުޅުންގެ ސިޔާސީ ތަރި އޮއްސެމުންދާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އަޅުގަނޑަށް ފެންނަނީ ވަރަށް ބޮޑަށް އެބޭފުޅާގެ ތާޢީދު އިތުރުވާ ބޭފުޅެއްގެ ގޮތުގައި." ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމަށްފަހު ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބުކުރުންކަމަށެވެ. ރާއްޖޭގައި ފެހި ޤާނޫނު އަސާސީގެ ދަށުން ފުރަތަމަފަހަރަށް ދެވަނަ ދައުރެއް ކާމިޔާބުކުރައްވާ ރައީސަކަށް ރައިސުލްޖުމްހުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާ މަންޒަރު ޖައްސަވާ ސިޔާސީ ހިސާބުތަކުން ފެނިވަޑައިގަންނަވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އަންނަ އަހަރަކީ ރާއްޖޭގެ ތާރިޚުގައި ދުވަހަކުވެސް ތަރައްޤީގެ މަޝްރޫޢުތައް ނުހިނގާ މިންވަރަށް ހިނގާނެ އަހަރެއްކަން ފެންނަން އެބައޮތްކަމަށެވެ. ދައުރުގެ ފުރަތަމަ އަހަރު ނިންމާލީ ވަރަށް ކާމިޔާޞުކޮށްކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ފުއްދަވައިދެއްވިކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.