ޚަބަރު

ދިއްފުށީގައި ފުލުހުންގެ ޚިދުމަތް ފަށައިފި


  • ދިއްފުށީގައި ޤާއިމްކުރި ޕޮލިސް ޕޯސްޓް ހުޅުވައިދެއްވީ ސީޕީ ޝުޖާޢު

  • މިއަހަރުގެ މިހާތަނަށް 24 ރަށެއްގައި ޕޮލިސް ޕޯސްޓްތައް ވަނީ ޤާއިމްކޮށްފައި

މާލެ އަތޮޅު ދިއްފުށީގައި ދިވެހި ފުލުހުންގެ ޚިދުމަތް ފަށައިފިއެވެ.

ދިއްފުށީގައި ޤާއިމްކުރި ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއާއި ދިއްފުށި ކައުންސިލު ރައީސް އިބްރާހީމް ސުނިލްއެވެ. ޕޮލިސް ޕޯސްޓުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލު ރައީސް އިބްރާހީމް ސުނިލްއެވެ. ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ.

ދިއްފުށީގައި ފެށި ފުލުހުންގެ ޚިދުމަތާއެކު މާލެ އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު ދަނީ ފުލުހުންގެ ޚިދުމަތް ދެމުންނެވެ.

ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން ދިއްފުށި ކައުންސިލާއި މުއްސަސާތަކުގެ މުވައްޒަފުންނާއި އާންމު ބައެއް ރައްޔިތުން ބައިވެރިވިއެވެ.

ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުމެވެ. މި އަމާޒަށް ވާޞިލްވުމަށް ދެން ފުލުހުންގެ ޚިދުމަތް ޤާއިމްކުރަންޖެހޭނީ 39 ރަށުގައެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އަލަށް 24 ރަށެއްގައި ފުލުހުންގެ ޚިދުމަތް ވަނީ ފަށާފައެވެ.

މިހާތަނަށް ރާއްޖޭގެ ޖުމްލަ 148 ރަށުގައި ފުލުހުންގެ ޚިދުމަތް ދަނީ ދެމުންނެވެ.