ޚަބަރު

އޮމަދޫއިންވެސް ރައީސްއަށް ދެންނެވީ ހޫނު މަރުޙަބާއެއް


  • ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅަށް ކުރައްވާ ދަތުރުފުޅަކީ 2 ދުވަހުގެ ދަތުރުފުޅެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އޮމަދޫއަށް ވަޑައިގެންނެވުމުން އެރަށުން އެ މަނިކުފާނަށް ހޫނު މަރުޙަބާއެއް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅަށް ކުރައްވާ ދަތުރުފުޅަކީ 2 ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ އިއްޔެ އދ. ދަނގެއްޗަށެވެ. އަދި މިއަދު ހެނދުނު މަހިބަދޫއަށް ވަނީ ވަޑައިގަންނަވާފައެވެ.

ރައީސް އޮމަދޫއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވުމަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް އެއްވެފައެވެ. އަދި ރަށް ވަނީ ވަރަށް ބޮޑަށް ރައީސްއަށް މަރުހަބާ ދެންނެވުމަށް ޒީނަތްތެރިކޮށްފައެވެ.

އޮމަދޫގައިވެސް ރައީސުލްޖުމްހޫރިއްޔާ އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކޮށް އެރަށްރަށުގެ ކައުންސިލްތަކާއި އަދި ރައްޔިތުންނާއި ބައްދަލުކޮށް އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ރައީސް ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުގެ ތެރެއިން މިހާތަނަށް 190އަށް ވުރެ ގިނަ ކައުންސިލަކާ އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅުތަކުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.