ށ. މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމާލައިފިއެވެ.
ލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އާރް.ޑީ.ސީއާއި ޙަވާލުކުރެއްވީ 2021 ވަނަ އަހަރުގެ މާރޗުމަހުގެ 12 ވަނަ ދުވަހުއެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 13 ވަނަ ދުވަހުއެވެ. މި މަސައްކަތް 520 ދުވަހުން ނިންމާގޮތަށް ހަވާލުކުރެވުނު ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތް ވަނީ ލަސްވެފައެވެ.
ސޯޝަލް މީޑިޔާގައި ހިއްސާކުރި ޕޯސްޓެއްގައި އާރުޑީސީން ވިދާޅުވީ ށ. މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިހާރު ނިމި، ޢިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ޢިމާރާތްކުރުމާބެހޭ ވުޒާރާއިން މަޝްރޫޢުގެ ފައިނަލް އިންސްޕެކްޝަން ހަދަމުންދާކަމަށް އާރުޑީސީގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ށ. މިލަންދޫގެ މަގުތައް ޒަމާނީ ފެން ވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ އިމާރާތް ކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން މި މަޝްރޫޢުގެ "ފައިނަލް އިންސްޕެކްޝަން" ހެދުމުގެ މަރުޙަލާއެވެ.#TeamRDC pic.twitter.com/XKxo70nUl9
— Road Development Corporation Ltd (@rdcmaldives) December 15, 2024
ޒަމާނީ ފެންވަރަށް މިލަންދޫގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 8 މަގެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ވަނީ ތަރައްޤީކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން 6.15 ކިލޯ މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި ތަރައްޤީކޮށްފައިވެއެވެ. އަދި މި މަޝްރޫޢަށް ދަޢުލަތުގެ ބަޖެޓުން 156.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
2500 އެއްހާ މީހުން ދިރިއުޅޭ ށ. މިލަންދޫއަކީ މަގުތައް އަޑިގުޑަންވުމާއި، ވިއްސާރަ ދުވަސްވަރު މަގުތަކުގައި ފެންބޮޑުވާ މައްސަލަ ދިމާވާ ރަށެކެވެ. އަދި ވިއްސާރަ ދުވަސްވަރު ފެން ނުހިނދި ގިނަ ދުވަސްވުމުގެ ސަބަބުން މަގުތައް ޗަކަވެ ބޭނުންކުރުމަށް ދަތިވާ ހިސާބަށްދެއެވެ. އެހެންކަމުން އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުންވާނީ އެރަށުގެ ރައްޔިތުން ދެކެމުން އައި ޒަމާންވީ ހުވަފެނަކަށް ނިމުން ގެނެސްދޭނެ ކަމަކަށެވެ.