ޚަބަރު

ބޮޑު ކުރިއެރުމަކާއިއެކު ޗައިނާއިން ރާއްޖެއަށް 250،000 އަށްވުރެ ގިނަ ފަތުރުވެރިން


  • ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމު

އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 250،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޗައިނާއަކީ ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން ޗައިނާއިން ރާއްޖެއަށް ވަނީ 259,723 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ޖުމްލަ އަދަދާ އަޅާ ބަލާއިރު %38.8 އިތުރުއަދަދެކެވެ. މިދިޔަ އަހަރު ޗައިނާއިން ރާއްޖެއަށް އައިސްފައިވަނީ 187،118 ފަތުރުވެރިންނެވެ.

މިދިޔަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ. އަދި 2022 ވަނަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް 27 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ.

ޗައިނާގެ އިތުރުން ފަތުރުވެރިންގެ އަދަދަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވާ ޤައުމުތަކަކީ ރަޝިޔާ، ޖަރުމަންވިލާތް އަދި އިޓަލީވިލާތެވެ.

ފަތުރުވެރިންގެ އަދަދާއި ކުރިއެރުމުގެ އިންސައްތަ

ރަޝިއާ – 214،720 ފަތުރުވެރިން (%2.6 އިތުރު)
ޖަރުމަންވިލާތް – 149،998 ފަތުރުވެރިން ( %11.0 އިތުރު)
އިޓަލީވިލާތް – 131،295 ފަތުރުވެރިން ( %10.8 އިތުރު)

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 1.9 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1.7 މިލިޔަން ފަތުރުވެރިންނާއި އަޅާ ބަލާއިރު %8.8 އިތުރު އަދަދެކެވެ.

ސަރުކާރުން މިއަހަރަށް ހިފާފައިވަނީ 2 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމުގެ އަމާޒެކެވެ. މި އަމާޒު ހާސިލްކުރުމަށް ދެން ބޭނުންވަނީ 52،721 ފަތުރުވެރިންނެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،091 ފަތުރުވެރިން އާދެއެވެ. އެހެންކަމުން މިމަހުގެ ފަހުކޮޅު މިއަހަރަށް ހިފާފައިވާ އަމާޒު ހާސިލުކުރެވޭނެ ކަމަށް ލަފާކުރެއެވެ.