ނ.އަތޮޅުގެ ރަށްރަށުގެ ރައްޔިތުން ޑައިލިސިސްގެ ޚިދުމަތަށް ބަރޯސާވެފައިވަނީ ނ.މަނަދޫގައި ހުންނަ އެއަތޮޅު އަތޮޅު ހޮސްޕިޓަލަށެވެ. ޚިދުމަތްދިނުމަށް ދިމާވެފައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ކެޕޭސިޓީގެ މައްސަލައެވެ. އެހެންކަމުން ޚިދުމަތް އިތުރަށް ފުޅާކުރުމަށް ކުރެވުނު މަސައްކަތުން ސަރުކާރުން މިދިޔަ މަހުވަނީ ޑައިލިސިސްގެ ޚިދުމަތްދިނުމަށް އިތުރު އެނދު އެހޮސްޕިޓަލުގައި ޤާއިމުކޮށްދެއްވާފައެވެ. މިއާއެކު ޚިދުމަތް ހޯދާ ފަރާތްތަކާއި ޚިދުމަތް ދިނުމަށް ތިބި މުވައްޒަފުންނަށްވެސް ވަނީ ބޮޑު ލުޔެއް ލިބިގެންގޮސްފައެވެ.
ނ.އަތޮޅު މަނަދޫ ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތްފެށީ 2017 ވަނަ އަހަރުގެ މެދުތެރޭގައެވެ. 2 އެނދާއެކު ޚިދުމަތް ފެށިއިރު ޚިދުމަތަށް އެދި ރަޖިސްޓްރީ ކުރީ އެންމެ މީހެކެވެ. އެހެންނަމަވެސް މިވީ 7 އަހަރު ތެރޭގައި ޑައިލިސިސްގެ ޚިދުމަތަށް އެދޭ ފަރާތްތައް އިތުރުވެފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަނަދޫ ހޮސްޕިޓަލްގެ މެނޭޖަރ އަޙްމަދު މައިމޫން ވިދާޅުވީ މަނަދޫ ހޮސްޕިޓަލުން ޑައިލިސިސް ހެދުމަށް 10 ޕޭޝަންޓުން މިހާރު ރަޖިސްޓްރީ ކޮށްފައިވާކަމަށެވެ.
މިއާއެކު ދުވާލާއި ރޭގަނޑުވެސް ނަރުހުންނާއި ބަލި މީހުން އިންތިޒާރުކުރަންޖެހޭކަން މައިމޫން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މިޚިދުމަތަށް އިތުރު 2 އެނދު އިތުރުވުމުން ދުވާލުގެ ގަޑިތަކުގައި ހުރިހާ ބަލި މީހުންނަށްވެސް ޚިދުމަތްދެވޭކަން ފާހަގަކުރެއްވިއެވެ. އަދި ހަމައެއާއެކު އަތޮޅުގެ އެހެން ރަށްރަށުން ޑައިލިސިސް ހެދުމަށް މަނަދޫއަށް އަންނަ ބަލި މީހުންނަށް، ސެޝަން ނިންމާލުމަށްފަހު އިރުއޮއްސުމުގެ ކުރިން އަނބުރާ ރަށަށް ދެވޭކަމަށް ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ޗުއްޓީ ދުވަސްވަރާއި، ޢީދު ބަންދު ތެރޭގައި މާލެއިން އަންނަ ގިނަ ބަޔަކުވެސް މިޚިދުމަތް ހޯދުމަށް އެދޭ، އަދި ހަމައެއާއެކު ކައިރި ރިސޯޓުތަކަށް ބުކިންގ ހަދާ ފަތުރުވެރިންވެސް މިޚިދުމަތަށް އެދޭ. އެހެންކަމުން ސަރުކާރުން އިތުރުކޮށްދެއްވި 2 އެނދާއެކީ މިޚިދުމަތް ދިނުމަށް ހަރަކާތްތެރިވާ ނަރުހުންނާއި ބަލި މީހުންނަށްވެސް މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއް." މައިމޫން ވިދާޅުވިއެވެ.
މަނަދޫން ޚިދުމަތް ހޯދުމަށް އަތޮޅުގެ ލަންދޫއާއި ކުޑަފަރި އަދި މާފަރުން ބަލި މީހުންދާކަމަށް މަނަދޫ ހޮސްޕިޓަލުން ފާހަގަކުރައްވައެވެ. އަދި އެސަރަޙައްދުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމުން ހޮސްޕިޓަލަށް ފަރުވާ ހޯދަމުން އަންނަ މީހުން އިތުރުވަމުން އަންނަކަމަށް މަނަދޫ ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.
މަނަދޫ ހޮސްޕިޓަލުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ހޮސްޕިޓަލުންދަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ.