ސޫރިޔާގެ ކުރިމަގުގައި ކުރުދީ ހަނގުރާމަވެރިންނަށް އެއްވެސް ޖާގައެއް ނެތް ކަމަށް ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ޙަކާން ފިދާން ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމުން އެ ޤައުމު ހިންގުމާ ޙަވާލު ވެެފައިވާ ހަނގުރާމަވެރި ޖަމާޢަތް ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ވެރިޔާ އަބޫ މުޙައްމަދު އަލް-ޖޫލާނީއާ ބައްދަލު ކުރެއްވުމަށް ފަހުގައެވެ.
ސޫރިޔާގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ޕީޕަލްސް ޑިފެންސް ޔުނިޓްސް ނުވަތަ ވައިޕީޖީއަކީ ތުރުކީވިލާތުގެ ސަރުކާރާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ ކުރްދިސްތާން ވަރކަރސް ޕާޓީ (ޕީކޭކޭ)އާ ގުޅުން އޮތް ޖަމާޢަތެއް ކަމުގައި ތުރުކީވިލާތުން ޤަބޫލު ކުރެއެވެ. ވައިޕީޖީއަކީ އެމެރިކާގެ ވާގިވެރިކަމާ އެކު އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދިޔަ ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް)އާ ގުޅިފައިވާ ހަތިޔާރު އެޅި ޖަމާޢަތެކެވެ. ތުރުކީވިލާތުގެ ސަރުކާރާ ދެކޮޅަށް މީގެ 40 އަހަރު ކުރިން އަސްކަރީ ޙަރަކާތްތައް ފެށި ޕީކޭކޭއަކީ ތުރުކީވިލާތުގެ އިތުރުން އެމެރިކާއާއި ވިލާތުގެ އިއްތިޙާދު (އީޔޫ)ން ވެސް ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ދެކޭ ޖަމާޢަތެެކެވެ.
މީގެ ކުރިން ތުރުކީވިލާތުން ވަނީ ސޫރިޔާގެ އަސްކަރިއްޔާއާއި ތުރުކީވިލާތުން ވާގިވެރިވާ ސީރިއަން ނޭޝަނަލް އާމީ (އެސްއެންއޭ)ން އެ ޤައުމުގައި ތިބި ހުރިހާ ކުރުދީ ހަނގުރާމަވެރިން ބޭރު ކުރާނެ ކަމަށް ޤަބޫލު ކުރާ ކަމަށް ބުނެފައެވެ. ނަމަވެސް އެ ކަމުގައި ސޫރިޔާއިން ނާކާމިޔާބު ވެެއްޖެ ނަމަ ތުރުކީވިލާތުގެ މިނިވަންކަން ދިފާޢު ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރާނެ ކަމަށް ތުރުކީވިލާތުން ވަނީ ބުނެފައެވެ.
ބައްޝާރުގެ ވެރިކަން ނިމުނުތާ ދެ ހަފުތާ ފާއިތުވެފައިވާ އިރު އެ މުއްދަތުގެ ތެރޭގައި އެ ޤައުމަށް ފުރަތަމަ ޒިޔާރަތް ކުރެއްވި ޚަރިޖީ ވަޒީރަކީ ފިދާނެވެ. އެ ޒިޔާރަތުގެ ތެރެއިން ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ފިދާންއާއި އެ ޤައުމުގެ އައު އިންތިޤާލީ ސަރުކާރާ ވަނީ ބައްދަލު ކޮށްފައެވެ. ބައްދަލުވުން ބާއްވާފައި ވަނީ ސޫރިޔާގެ އިރުއުތުރުގައި ތުރުކީވިލާތުން ވާގިވެރިވާ ސޫރިޔާގެ ސިފައިންނާއި ވައިޕީޖީއާ ދެމެދު ކުރިމަތިލުންތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.
ސޫރިޔާގެ އައު އިންތިޤާލީ ސަރުކާރާއެކު ބޭއްވި ބައްދަލުވުން ނިންމަވައިލެއްވުމަށް ފަހު އަޙްމަދު އަލް-ޖޫލާނީއާއެކު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފިދާން ވިދާޅުވީ ސޫރިޔާގައި ވައިޕީޖީން ޙަރަކާތްތެރިވާތީ އެ ކަމާ ގުޅުންހުރި ކަންބޮޑުވުންތައް ސޫރިޔާގެ އިންތިޤާލީ ސަރުކާރާއެކު ޙިއްޞާ ކޮށްފައިވާ ކަމަށެވެ. ސޫރިޔާއިން އެ ޤައުމުގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލު ދަމަހައްޓަން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ވިދާޅުވަމުން ފިދާން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވައިޕީޖީއަކީ ސޫރިޔާގެ ޤައުމީ އެއްބައިވަންތަކަމަށް އޮތް ނުރައްކަލެއް ކަމުގަައި ވެގެން ނުވާނެ ކަމަށެވެ. އަދި ވައިޕީޖީ އުވައިލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސޫރިޔާއާއި ޢިރާޤުގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކުރި އައިއެސް ޖަމާޢަތުގެ ނިރުބަވެރިން ބަލިކަށި ކޮށްލުމަށް ކުރި ހަނގުރާމައިގައި އެސްޑީއެފުން ވަނީ އެމެރިކާގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ޖަމާޢަތާ ދެކޮޅަށް 2014ވަނަ އަހަރު ފެށި ހަނގުރާމައިގައި ކާމިޔާބީ ލިބިފައި ވަނީ 2017ވަނަ އަހަރުއެވެ. ހަނގުރާމައިގެ ތެރޭގައި ހައްޔަރު ކޮށްފައިވާ އައިއެސްގެ ނިރުބަވެރިން މި ވަގުތު ތިބީ އެސްޑީއެފްގެ ޖަލުތަކުގައެވެ. އައިއެސް ޖަމާޢަތް އަލުން އެކުލަވައިލައި، ނިރުބަވެރި ހަރަކާތްތައް ފެށުމަށް އެ ޖަމާޢަތުން މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވަނީ ވިދާޅުވެފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޑީއެފާ ގުޅޭގޮތުން ފިދާން ވިދާޅުވީ އެސްޑީއެފާއި ވައިޕީޖީން ޤާނޫނާ ޚިލާފަށް ސޫރިޔާގައި ޙަރަކާތްތެރިވާ ޙަރަކާތްތެރިވުމަށް ދުނިޔޭގެ ޤައުމުތަކުން އަޅައިނުލާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ޙަވާލުވެވަޑައިގަތުމުން އޭނާ ގެންގުޅުއްވާނެ ސިޔާސަތު ތަފާތުވާނެ ކަމަށް ޤަބޫލުކުރެވޭކަމަށް ފިދާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަސަދާ ދެކޮޅަށް ދުނިޔެއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވީ އެންމެ އަވަހަކަށް އުވައިލަންޖެހޭ ކަމަށާއި ސޫރިޔާ އަލުން ބިނާކޮށް އާރާސްތުކުރެވޭނީ އޭރުން ކަމަށެވެ. ތުރުކީވިލާތުގެ ފަރާތުން ސޫރިޔާއަށް ހަލުވިކަމާއެކު އުމްރާނީ ތަރައްޤީ ގެނައުމަށް އެހީތެރިވެދޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.