ޚަބަރު

މަސްވެރިކަމުގެ ދާއިރާގައި ހުރި ފުރުޞަތުތަކުގެ މައުލޫމާތު ޗައިނާ ވިޔަފާރިވެރިންނާ ހިއްސާކޮށްފި


  • މެރިކަލްޗަރ އަދި ބްލޫ އިކޮނޮމީ ދާއިރާއިން ހުރި ފުރުޞަތުތައް ހިއްސާކުރެއްވި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި އިންވެސްޓް ކުރުމަށް ހުރި ފުރުޞަތުތަކުގެ މައުލޫމާތު ޗައިނާގެ ވިޔަފާރިވެރިންނާ ހިއްސާކޮށްފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގައި ބޭއްވި ބައްދަލުވުމެއްގައި ޗައިނާގެ ވިޔަފާރިވެރިންނާ އެމައުލޫމާތު ހިއްސާކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމްއާއި އެވުޒާރާގެ އިސްވެރިންނެވެ.

ޗައިނާގެ ވިޔަފާރިވެރިންތަކެއް ރާއްޖޭގައި ހުރި އިންވެސްޓުމަންޓުތަކުގެ ފުރުސަަތުތަކާއި ގުޅޭ މައުލޫމާތު ހޯދުމަށް ކުރަމުންދާ ދަތުރުގައި ވަޒީރު ޝިޔާމު ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި، މެރިކަލްޗަރ އަދި ބްލޫ އިކޮނޮމީ ދާއިރާއިން ހުރި ފުރުޞަތުތަކުގެ މައުލޫމާތު ހިއްްސާކުރައްވާފައެވެ.

އަދި ސަރުކާރުން މިދާއިރާ ކުރިއެރުވުމަށް ކުރައްވަމުގެންދަވާ މަސައްކަތްތުގެ މައުލޫމާތުގެ އިތުރަށް ސްޕޯޓްސް ފިޝިންގ ބަނދަރުތައް ތަރައްޤީކުރުމުގެ މަސައްކަތާއި، މެރިކަލްޗަރ ސިނާއަތުގެ ދާއިރާއިންވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން މެރިކަލްޗަރ ދާއިރާއިން ތަމްރީންތައް ހިންގުމާއި ގުޅިގެން ދިރާސާތައް ކުރުމާއި ގުޅޭގޮތުން ޗައިނާގެ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސްގެ ފަސްޓް އިންސްޓިޓިއުޓު އޮފް އޮޝަނޮގުރަފީގެ ޓީމަކާއިއެކުވެސް ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުގައިވަނީ ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާއިގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން މޯލްޑިވްސް މެރިން ރިސަރޗު އިންސްޓިޓިއުޓާއި ފަސްޓް އިންސްޓިޓިއުޓު އޮފް އޯޝަނޯގުރަފީއާއި ދެމެދު އެއްބަސްވުމެއް ސޮއިކުރުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

މަސްވެރިކަމުގެ ސިނާއަތު އެހެން ހަރުފަތަކަށް ގެންދިޔުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒަކަށްވާއިރު، މިދާއިރާއިން ލިބޭ ނަފާ ފަތުރުވެރިކަމާއި އެއް ހަމައަކަށް ގެންދިޔުމުގެ މަސައްކަތްތައް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.

މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އެކު، ބޭރު ފައިސާ ރާއްޖޭގެ އިޤްތިސާދަށް ވައްދާނެ މައި ސިނާއަތަކަށް އެ ސިނާއަތު ވެގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.