ޚަބަރު

އެމެރިކާގެ ބާރުގެ ދަށަށް ޕެނަމާ ކެނޭލް ގެންދަވާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި


އެމެރިކާގެ ބާރުގެ ދަށަށް ޕެނަމާ ކެނޭލް އަލުން އަނބުރާ ގެންނަވާނެކަމުގެ އިންޒާރު އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. އޭނާ އެ އިންޒާރު ދެއްވީ އެ ކެނެލް ބޭނުންކުރުމަށް ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި ކަމަށް ބުނެ ނުރުހުން ފައުޅު ކުރައްވަމުންނެވެ.

އިންތިޚާބީ ރައީސް ޕެނަމާއާ ގުޅޭ ގޮތުން މި މޭރުމުން ވާހަކަ ދައްކަވާފައި މި ވަނީ ހަމަ އެ މޭރުމުން މީސްމީޑިއާގައި ވެސް ވާހަކަތަކެއް ދެއްކެވިތާ ގަޑިއިރުކޮޅެއް ފަހުންނެވެ.

ޕެނަމާ ކެނޭލަކީ ދުނިޔޭގެ ކަނޑުމަގުން ކުރާ ވިޔަފާރީގެ 2.5 އިންސައްތަ ޙިއްޞާކުރާ މައި މަގެކެވެ. އެ މަގު ހުރަސްކޮށް އަހަރަކު 14,000އަށްވުރެ ގިނަ ބޯޓު ދަތުރުކުރެއެވެ. އެމެރިކާއަށް އޭޝިއާއިން އެތެރެކުރާ ވިޔަފާރި މުދާ ގެންނަ މައި މަގަކީ ވެސް ޕެނަމާ ކެނޭލެވެ. ހަމަ އެހެންމެ އެމެރިކާއިން ބޭރުކުރާ ޤުދުރަތީ ގޭސް އޭގެ މަންޒިލާ ހަމައަށް ފޯރުކޮށްދޭ މައި މަގަކީ ވެސް ޕެނަމާ ކެނޭލެވެ.

ޓްރަމްޕަށް ތާޢީދު ކުރާ މީހުންނާ މުޚާތަބުކޮށް އެމެރިކާގެ އެރިޒޯނާ ސްޓޭޓުގައި ބޭއްވި އެމެރިކާފެސްޓުގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ ޕެނަމާ ކެނޭލަށް ޗައިނާގެ ނުފޫޒެއް އޮވެދާނެ ކަމަށް އިޝާރާތް ކުރައްވައިފައެވެ. ޕެނަމާ ކެނޭލް ނުބައި ބައެއްގެ އަތް ދަށަށް ދިއުމަށް އެދިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާގެ ބާރެއް ޕެނަމާ ކެނޭލްގެ މައްޗަށް ނެތަސް ކެރީބިއަންނާއި ޕެސިފިކް ކަނޑުން އެ ކެނޭލަށް ވަންނަ ދެ މައި ދޮރާށީގައި ހުންނަ ބަނދަރުތައް ހޮންގކޮންގގެ ސީކޭ ހަޗިސަން ހޯލްޑިންގުގެ ދަށުން ހިންގާ ކުންފުންޏަކުން ބަލަހައްޓައިތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ.

ޕެނަމާ ކެނެލްގެ ބޮޑު ބައެއް ތަރައްޤީ ކޮށްފައި ވަނީ އެމެރިކާއިންނެވެ. އަދި އެ ކެނޭލް ވަށައިގެންވާ ސަރަޙައްދުތައް އެތައް އަހަރެއް ވަންދެން ހިންގަމުން ދިޔައީ ވެސް އެމެރިކާއިންނެވެ. ނަމަވެސް 1977ވަނަ އަހަރު އެމެރިކާއާއި ޕެނަމާއާ ދެމެދު ސޮއި ކުރި ދެ އެއްބަސްވުމެއްގެ ސަބަބުން ޕެނަމާގެ ފުރިހަމަ ބާރުގެ ދަށަށް ޕެނަމާ ކެނޭލް ގެންދިއުމަށް މަގުފަހިވެގެން ދިޔައެވެ. އެގޮތުން އެ ކެނޭލްގެ ފުރިހަމަ ބާރު އެމެރިކާއިން ޕެނަމާއަށް ދޫކޮށްލީ އަހަރު ތަކެެއް ވަންދެން ދެ ޤައުމުން އެކުގައި އެ ކެނޭލް ހިންގުމަށްފަހު 1999ވަނަ އަހަރެވެ.

އެމެރިކާފެސްޓުގައި ދެއްކެވި ވާހަކައިގައި ޓްރަމްޕު ވިދާޅުވީ ޕެނަމާ ކެނޭލް ބޭނުން ކުރުމަށް އެމެރިކާ އަތުން އާދަޔާ ޚިލާފަށް ގިނަ ޢަދަދެއްގެ ފައިސާ ޕެނަމާއިން ނަގަމުންދާ ކަމަށެވެ. އެ ޤައުމުން ނަގަމުންދާ އަގުތަކަކީ ޤަބޫލު ކުރެވޭ އަގުތަކެއް ނޫންކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ޕެނަމާއާއި ޕެނަމާގެ ރައްޔިތުންނަށް އެ ކެނޭލް ދިން ނަމަވެސް އެ ކަމަށް ޝަރުތުތަކެއް އޮތް ކަމަށެވެ. އެމެރިކާއާ މެދު އިންސާފުވެރިކޮށް ކަންތައް ކުރަން ޖެހުނު ނަމަވެސް ޕެނަމާއިން އެ ގޮތަށް ކަންތައް ނުކުރާ ކަމަށާއި އެ ގޮތުގައި އެ ކަން އޮންނަ ނަމަ ވަގުތުން ވަގުތަށް އިތުރު ސުވާލު ކުރުމެއް ނެތި އެ ކެނޭލް އެމެރިކާއަށް އަނބުރާ ދޭން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޕެނަމާ ކެނޭލް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށް ޓްރަމްޕް ވިސްނަވަނީ ކޮން ގޮތަކުންކަމެއް ސާފެއް ނުވެއެވެ. ނަމަވެސް އެއްވެސް ބައިނަލްއަޤްވާމީ ޤާނޫނަކުން އެމެރިކާއަށް އެ ކަމަށް އެއްވެސް ޤާނޫނީ ބާރެއް ނުލިބެއެވެ.

ޓްރަމްޕް ދެއްވި އިންޒާރަށް ޕެނަމާގެ ރައީސް ހޯސޭ ރައުލް މުލީނޯ ވަނީ ރައްދު ދެއްވައިފައެވެ. ރައީސް މުލީނޯ ޢާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ ޕެނަމާގެ މިނިވަންކަމަކީ އެއްވެސް ޙާލެއްގައި އެކަމާ މެދު މަޝްވަރާ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ޕެނަމާ ކެނޭލްގެ ހިންގުމުގެ މައްޗަށް ޗައިނާގެ އެއްވެސް ބާރެއް ނުވަތަ ނުފޫޒެއް ނޯންނަ ކަމަށެވެ. ޕެނަމާ ކެނެލަށް ނަގައި އަގުތައް ދިފާޢު ކުރައްވައި ރައީސް މުލީނޯ ވިދާޅުވީ އެ އަގުތަކަކީ ހިތުހުރި ގޮތަކަށް ކަނޑައަޅާފައިވާ ޢަދަދުތަކެއް ނޫންކަމަށެވެ. ޕެނަމާ ކެނޭލާއި ވަށައިގެންވާ ސަރަޙައްދުތަކުގެ ކޮންމެ އަކަމީޓަކަރީ ވެސް ޕެނަމާގެ ޙައްޤެއް ކަމަށާއި އެ ކަން އެ ގޮތުގައި ދެމި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ އެމެރިކާގެ ސަރަޙަައްދު ފުޅާ ކުރުމާ ގުޅޭގޮތުން ފައުޅުކަން ބޮޑު ގޮތަކަށް ޓްރަމްޕް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެއް ނޫނެވެ. ފާއިތުވި ހަފުތާތަކުގައި އޭނާ ވަނީ ކެނެޑާއަކީ އެމެރިކާގެ ސްޓޭޓަކަށް ހެދުމާ ގުޅޭގޮތުން އެކި ފަހަރު މަތިން ވާހަކަ ދައްކަވައިފައެވެ. ހަމަ އެ ގޮތަށް އެމެރިކާގެ ރައީސްގެ މަޤާމުގައި 2017ން 2021އަށް ހުންނެވިއިރު ޑެންމާކުގެ ބާރު ހިންގާ ސަރަޙައްދެއްކަމަށްވާ ގްރީންލޭންޑު ގަތުމުގެ ޝައުޤުވެރިކަން އޭނާ ފައުޅުކުރައްވައިފައިވެއެވެ. ޑެންމާކުގެ ސަރުކާރުން ވަނީ އޭނާގެ އެ ވިސްނުމަށް ވަރަށް ބޮޑަށް ފާޑު ކިޔައި ނުރުހުން ފައުޅު ކޮށްފައެވެ.

ޕެނަމާއާ ގުޅޭ ގޮތުން ޓްރަމްޕް ދެއްކެވި ވާހަކަތަކަކީ އެމެރިކާގެ ރައީސަކު މިނިވަން އިސްތިޤުލާލު ޤައުމެއްގެ ސަރަޙައްދެއް އެމެރިކާއަށް ދިނުމަށް ގޮވައިލާ ގޮވައިލުމުގެ އިންތިހާއަށް މަދުން ނޫނީ ނުފެންނާނެ މިސާލެކެވެ. ޓްރަމްޕް ދެއްކެވި ވާހަކަތަކުގެ ސަބަބުން ރައީސްކަމާ އޭނާ ޙަވާލުވެވަޑައިގަތުމުން އެމެރިކާގެ ޚާރިޖީ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. ތާރީޚު ހެކިދޭ ގޮތުގައި ޓްރަމްޕަކީ އެކުވެރި ޤައުމުތަކާ މުޢާމަލާތް ކުރެއްވުމުގައި ވެސް އިންޒާރުތައް ދެއްވުމަށް ފަސްޖެހިވަޑައި ނުގަންނަވާ އަދި ޤައުމުތަކަށް ގޮން ގައްސަވައި ޖެހިލުން ކުޑަގޮތަކަށް ބަސްމަގު ބަހައްޓަވައި ބޭފުޅެކެވެ.