ޔޫކްރެއިންގެ އިތުރު ސަރަހައްދުތަކެއް ރަޝިޔާގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެސްފިއެވެ. މި ކަން ހާމަކޮށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ ޔޫކްރެއިންގެ ޚާކީވް ސަރަޙައްދުގެ އަވަށަކާއި ޑޮނެސްކް ސަރަޙައްދުގެ އިތުރު އަވަށްތަކެއް، ރަޝިޔާގެ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާއިން ޢާންމުކުރި ބަޔާނެއްގައިވާ ގޮތުން، އެ ޤައުމުގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ވަނީ ޑޮނެސްކް ސަރަޙައްދުގެ ލޮޒޯވާ ގެނެސްފައެވެ. އަދި ކުރަޚޮވްގެ ދެކުނުން ސޮންސިވްކާ އަވަށް ވެސް ވަނީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން، ކުރަޚޮވް ކައިރިން އިތުރު އަވަށެއް ވެސް ރަޝިޔާގެ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ރަޝިޔާގެ ޙަމަލާތައް މި ވަގުތު އެންމެ ބޮޑަށް އަމާޒުކޮށްފައި ވަނީ ޑޮނެސްކް ސަރަހައްދަށެވެ. އެސަރަޙައްދުގެ ދެ ރަށެއް ރަޝިޔާގެ ބާރުގެ ދަށަށް ގެންދިއުމަށް އެ ޤައުމުގެ ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ އެ ސަރަޙައްދުގައި ރަޝިޔާ އަސްކަރިއްޔާއިން މަޑުމަޑުން ނަމަވެސް ކާމިޔާބު ހޯދަމުންދާ ކަމަށް ބުނަމުންނެވެ. މިއާއެކު އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ޔޫކްރެއިންގެ ސިފައިން ފަހަތަށް ޖެހެން ފަށާފައިވާކަން ޔޫކްރެއިނުން ވަނީ ބުނެފައެވެ.
އިރުމަތީ ޔޫކްރެއިންގައި ރަޝިޔާގެ އަސްކަރިއްޔާގެ ޙަރަކާތްތައް ވަނީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. 2022 ވަނަ އަހަރު މި ހަނގުރާމަ ފެށުނު ފަހުން އެ ސަރަޙައްދުގައި ރަޝިޔާގެ އަސްކަރިއްޔާއިން ދަނީ ހަލުވި މިނެއްގައި ކުރިއެރުންތަކެއް ހޯދަމުންނެވެ.