ޚަބަރު

ޤައުމީ ދިރާސާ ފަންޑަށް މިހާތަނަށް 10 މިލިޔަން ރުފިޔާ


  • ގައުމީ ދިރާސާ ފަންޑަކީ ރާއްޖޭގައި ދިރާސާކުރުމުގެ ސަޤާފަތެއް ޤާއިމްކުރުމުގެ ބޭނުމުގައި އުފައްދާފައިވާ ފަންޑެއް

ޤައުމީ ދިރާސާ ފަންޑަށް މިހާތަނަށް 10 މިލިޔަން ރުފިޔާ ހަމަޖެހިފައިވާކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްޤީކުރުމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވެއްޖެއެވެ.

ގައުމީ ދިރާސާ ފަންޑަކީ ރާއްޖޭގައި ދިރާސާކުރުމުގެ ސަޤާފަތެއް ޤާއިމްކުރުމުގެ ބޭނުމުގައި އުފައްދާފައިވާ ފަންޑެކެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވީ، ޤައުމީ ދިރާސާ ފަންޑު މިހާރު ޤާއިމްކޮށްފައިވާކަމަށެވެ. އަދި އެ ފަންޑުގެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ފަންޑުގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި ޤައުމީ ދިރާސާ ކައުންސިލްގެ ނަމުގައި ކައުންސިލެއްވެސް މިހާރު އުފައްދަވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވީ، މިވަގުތު މަސައްކަތް ކުރަމުން ދަނީ ދިރާސާ ކުރުމަށް ކަނޑައަޅާނެ ދާއިރާތަކާއި އެކަމުގެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތްކަމަށެވެ. ވުޒާރާއިން ބޭނުންވަނީ އެކަން ކުރިއަށްދާއިރު ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އަދި ރާއްޖެއަށް އެންމެ އިސްކަން ދޭން ޖެހިފައި މިވަގުތު ހުރި ދާއިރާތަކަށް ހުޅުވާލައިގެން އެކަންކަން ކުރިއަށްގެންދިއުމަށްކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"މިއަހަރު ފަންޑަށް ފުރަތަމަވެސް ފަށައިގަތުމަށްޓަކައި 10 މިލިޔަން ރުފިޔާގެ އެލޮކޭޝަންއެއް އެބައޮތް. ދެން އަޅުގަނޑުމެންނަށް ދެން އަންނަ އަހަރުގެ ބަޖެޓްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އިޝާރާތްކުރައްވާފައި އޮތީ އަންނަ އަހަރުވެސް ދިރާސާ ފަންޑަށް ފައިސާ ވަދެގެންދާނެކަމަށް. އެހެންވީމަ ރިސާޗް ހެދުމަށްޓަކައި ހަމަ ގްރާންޑްތަކެއް ދޫކުރެވިގެންދާނީ." ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ޤައުމީ ދިރާސާ ކައުންސިލަށް މެމްބަރުން އައްޔަންކޮށްފައިވާއިރު މި މެންބަރުންނަކީ "ޤައުމީ ދިރާސާ ފަންޑު" ހިންގައި ބެލެހެއްޓުމަށް ޢައްޔަންކޮށްފައިވާ މެމްބަރުންނެވެ. އެބޭފުޅުންގެ މައިގަނޑު މަސްޢޫލިއްޔަތުތަކުގެ ތެރޭގައި، ފަންޑުން ޚަރަދުކޮށްގެން ދިރާސާކުރާނެ ދާއިރާތައް ކަނޑައެޅުމާއި، އެ ދާއިރާތައް ކަނޑައެޅުމުގެ އުޞޫލުތައް ކަނޑައެޅުމާއި، ފަންޑުން ފައިސާ ދޫކުރާނެ ހަމަތަކެއް ޤާއިމްކޮށް، އެ ހަމަތައް ތަންފީޒުކުރުން ހިމެނެއެވެ.