އިންޑިޔާގެ ޙިމާޔަތް ހޯއްދަވައިގެން އުޅުއްވައި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އަނބުރާ ޤައުމަށް ފޮނުވައިދިނުމަށް ބަންގްލަދޭޝުން އެދެފިއެވެ.
މި އަހަރުގެ ޖުަލައި މަހުގެ ތެރޭގައި ސަރުކާރުގެ ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް ބަންގްލަދޭޝްގެ ގިނަ ޢަދަދެއްގެ ދަރިވަރުން ވަނީ މުޒާހަރާ ކޮށްފައެވެ. މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުންކޮށް, ގިނަ ޢަދަދެއްގެ ދަރިވަރުން މަރައިލުމުން މުޒާހަރާތައް ހޫނުވެ އެންމެ ފަހުން ޙަސީނާ ބޮޑުވަޒީރު ކަމުން އިސްތިޢުފާ ދިނުމަށް މަޖުބޫރު ވިއެވެ. އޮގަސްޓު މަހުގެ 5ވަނަ ދުވަހު އިސްތިޢުފާ ދެއްވުމަށް ފަހު ޤައުމު ދޫކޮށް ވަޑައިގަންނަވައި ޙަސީނާ މި ވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އަވަށްޓެރި އިންޑިޔާގައެވެ. އިންޑިޔާއިން ކުރިން ބުނެފައި ވަނީ ޙަސީނާ ކުއްލި ގޮތަކަށް އެ ޤަައުމަށް ވަޑައިގަތީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ. އަދި އޭނާ ދިރިއުޅުއްވަމުން ގެންދަނީ އިންޑިޔާގައި ކަން އެ ޤައުމުން ކަށަަވަރު ކޮށްދެއެވެ. ނަމަވެސް އޭގެ ތަފްޞީލެއް ދީފައެއް ނުވެއެވެ.
ޙަސީނާ އިންޑިޔާއަށް ދިއުމާ ގުޅިގެން ވިޔަފާރި އަދި ސަގާފީ ގުޅުންތައް ވަރުގަދަ ދެ އަވަށްޓެރިން ކަމުގައިވާ އިންޑިޔާއާއި ބަންގްލަދޭޝާ ދެމެދު އޮތް ގުޅުން ވަނީ ކޮންމެވެސް ވަރަކަށް ހީނަރުވެފައެވެ. ނަމަވެސް މީގެ ދެ ހަފުތާ ކުރިން އިންޑިޔާގެ ދާޚިލީ ވަޒީރު ވިކްރާމް މިސްރީ ވަނީ ބަންގްލަދޭޝަށް ޒިޔާރަތް ކުރައްވާ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވައި ބިނާކުރަނިވި ގުޅުމެއް ޤާއިމު ކުރުމަށް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
ބަންގްލަދޭޝްގެ ދާޚިލީ ވުޒާރައިގެ ވަގުތީ ވެރިޔާ ތައުހީދު ޙުސައިން ވިދާޅުވީ ޝަރުޢީ މަރުޙަލާއަށް ޝައިޚް ޙަސީނާ ޤައުމަށް އަނބުރާ ފޮނުވައިދިނުމަށް އިންޑިޔާގެ ކިބައިން އެ ޤައުމުން އެދިފައިވާ ކަމަށެވެ. ނަމަވެސް ޝަރުޢީ މަރުޙަލާ މާނަ ކުރައްވައި ގޮތް އޭނާ ސާފު ކޮށްދެއްވާފައެއް ނުވެއެވެ.
އިންޑިޔާގެ ދާޚިލީ ވުޒާރައިގެ ތަރުޖަމާނަކު ވަނީ ޝައިޚު ޙަސީނާ ބަންގްލަދޭޝަށް އަނބުރާ ފޮނުވައިދިނުމަށް އެ ޤައުމުން އެދިފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. އެ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ ބަންގްލަދޭޝްގެ ހައި ކޮމިޝަނުން ޝައިޚު ޙަސީނާ އަނބުރާ ޤައުމަށް ފޮނުވައިދިނުމަށް ރަސްމީކޮށް އެދިފައިވާ ކަމަށާއި މި ވަގުތު އެކަމާ ގުޅޭގޮތުން ބުނާނެ އެއްވެސް އެއްޗެއް އަދި ނެތް ކަމަށެވެ.
ޙަސީނާއާ ދެކޮޅަށް އުފުލާފައިވާ ދަޢުވާތަކުގެ ތެރޭގައި އިންސާނިއްޔަތާ ޚިލާފު ކުށް ކުރުމާއި ނެސްލުހޭދު ކުރުމާއި ގަސްތުގައި މީހުން މެރުމާއި އެ ނޫނަސް ގިނަ ދަޢުވާތަކެއް ހިމެނެއެވެ. އެ ދަޢުވާތަކަށް ޙަސީނާ އިންކާރު ކުރައްވައެވެ.
ޙަސީނާގެ އިސްތިޢުފާއަށް ފަހު ބަންގްލަދޭޝްގައި އުފައްދާފައިވާ އިންތިޤާލީ ސަރުކާރުގެ އިސްވެރިޔާ ނޮބެލް ސުލްޙައިގެ އިނާމު ޙާޞިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސް ވިދާޅުވީ ޙަސީނާއާ ދެކޮޅަށް މުޒާހަރާ ކުރި މީހުންނަށާއި އިދިކޮޅު މީހުންނަށް އޭނާ ކޮށްފައިވާ ކުށްތަކާއި ވެރިކަމުގެ 15 އަހަރުގެ ތެރޭގައި ކޮށްފައިވާ ކުށްތަކަށް އޭނާ ޖަވާބުދާރީ ކުރުވުމަށް ޝަރުޢީ ކޯޓު މަރުޚަލާ ފެށުމަށް އިންޑިޔާއިން އޭނާ ބަންގްލަދޭޝަށް ފޮނުވައިދޭން ޖެހޭ ކަމަށެވެ. އިންޑިޔާގައި ހުރެ އިންތިޤާލީ ސަރުކާރާ ގުޅޭގޮތުން ޙަސީނާ ދައްކަވަމުންދާ ވާހަކަތަކާ މެދު ވެސް ޔޫނުސް ވަނީ ހިތްހަމަނުޖެހިވަޑައިގެންފައެވެ.