ޤައުމުތަކުގެ މާލީ ޙާލަތާއި ދަރަނި ދެެއްކުމުގެ ޤާބިލުކަން ހުންނަ މިންވަރު ވަޒަން ކުރާ އަމިއްލަ ކުންފުންޏެއް ކަމަށްވާ މޫޑީސުން ސްރީ ލަންކާގެ ކްރެޑިޓް ރޭޓިންގ މަތި ކޮށްފިއެވެ.
2022ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ބޭރުގެ ލޯނުތައް އަދާ ނުކުރެވޭ ވަރަށް ސްރީ ލަންކާގެ މާލީ ޙާލަތު ފުރަތަމަ ފަހަރަށް ގޯސްވީ ދަރަނި ގިނަވެ ދައުލަތުގެ ރިޒާވްގައި ހުރި ފައިސާގެ ޢަދަދު ދަށަށް ދިއުމުންނެވެ. މޫޑީސުން މީގެ ކުރިން އެ ޤަައުމަށް ދީފައި އޮތީ ސީއޭ ދަރަޖައެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ޙާލަތު ބަދަލުވާނެ ގޮތް ދިރާސާކޮށް އެ ޤައުމަށް ދީފައިވާ ރޭޓިންގ އަލުން މުރާޖަޢާ ކުރުން އެކަށީގެންވާ ކަމަށް އޭރު މޫޑީސުން ބުނެފައި ވެއެވެ.
އެންމެ ފަހުގެ ދިރާސާއަށް ފަހު މޫޑީސުން މިހާރު ވަނީ ސްރީ ލަންކާއަށް ދީފައިވާ ރޭޓިން ސީއޭން ސީއޭއޭ1އަށް މަތިކޮށްފައެވެ. މޫޑީސްގެ ޜޭޓިން މަތިކޮށްފައި މި ވަނީ ސްރީ ލަންކާއިން ދައްކަން ޖެހޭ 12.55 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި ދައްކާނެ ގޮތުގެ ރޭވުންތައް މިދިޔަ ހަފުތާގައި އަލުން އެކުލަވާލައިފައި ވަނިކޮށެވެ. ސްރީ ލަންކާއަށް ލޯނު ދޫކުރާ ފަރާތްތަކުން ވަނީ ދަރަނިތައް އަލުން އިންތިޒާމު ކުރުމަށް އައު ރޭވުންތައް ރޭވުމަށް ފުރުޞަތު ދީ އެ ޤައުމަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު މާލީ އަޑިގަނޑުން އަރައިގަތުމަށް އެހީތެރިވެދީފައެވެ.
ރޭޓިންގ ބަދަލު ކުރި ސަބަބުގެ ތަފްޞީލު ދެމުން މޫޑީސުން ބުނީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ސްރީ ލަންކާގެ މާލީ ޙާލަތު ރަނގަޅުވެފައިވާ ކަމަށާއި ދަރަނި ނުދެއްކޭ ވަރަށް ނުވަތަ ސަރުކާރު ނުހިންގޭ ވަރަށް ޤައުމުން ފައިސާ ހުސްވުމުގެ ފުރުޞަތު ކުރިއަށް ވުރެ ކުޑަވެފައިވާ ކަމަށެވެ.
މޫޑީސުުން ސްރީ ލަންކާގެ ކްރެޑިޓް ރޭޓިންގ މަތި ކޮށްފައިވާ އިރު މާލީ ޙާލަތު ވަަޒަން ކުރާ މަޝްހޫރު އެހެން ކުންފުންޏެއް ކަމަށްވާ ފިޗުން ވެސް ވަނީ ސްރީ ލަންކާގެ ރޭޓިން ރިސްޓްރިކްޓެޑް ޑިފޯލްޓުން (ދަރަނި ނުދެއްކޭ ޙާލަތް) ސީސީސީ ޕްލަސްސަށް (ނުރައްކާ އޮތް އެކަމަކު ކުރިއަށް ވުރެ ރަނގަޅު) ހުކުރު ދުވަހު މަތި ކޮށްފައެވެ.
ސްރީ ލަންކާގެ މާލީ ޙާލަތަށް ހެޔޮ ބަދަލެއް އައިސްފައި މި ވަނީ އެ ޤަައުމުގެ އިންފްލޭޝަންގެ ނިޞްބަތަށް ވެސް ހެޔޮ ބަދަލެއް އައިސްފައި ވަނިކޮށެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހުގައި ސްރީ ލަންކާގެ އިންފްލޭޝަން ހުރީ -0.7 އިންސައްތައިގައި ނަމަވެސް ނޮވެމްބަރު މަހު އެ ޢަދަދު ވަނީ -1.7 އިންސައްތަ ބަދަލުވެފައެވެ. މިއީ ފާއިތުވި ނުވަ އަހަރުގެ ތެރޭގައި އެ ޤައުމުގެ އިންފްލޭޝަން އެންމެ ދަށްވި މިންވަރެވެ. ސްރީ ލަންކާއަށް ކުރިމަތިވެފައިވާ މާލީ ޙާލަތުން އަރައިގަންނަމުންދާ މި ދުވަސްކޮޅު މިއީ އެ ޤައުމަށް ލިބުނު ރަނގަޅު ކުރިއެރުމެކެވެ.
ކޮންސިއުމަރ ޕްރައިޒް އިންޑެކްސުން ދައްކާ ގޮތުގައި ސްރީ ލަންކާގައި ކާބޯތަކެތީގެ އަގުތަކަށް ބަދަލެއް ނައިސް ސުން ޕަސަންޓުގައި ނޮވެމްބަރު މަހުގައި ވަނީ ހިފެހެއްޓިފައެވެ. އަދި ކާބޯތަކެތި ނޫން އެހެން ސާމާނުގެ އަގުތައް ވެސް ވަނީ ނޮވެމްބަރު މަހުގެ ތެރޭގައި 3.1 އިންސައްތަ ކުޑަވެފައެވެ. މި ކުރިއެރުމުގެ އަސްލަކީ ކަރަންޓުގެ އަގު ދަށްވުމާއި ތެލުގެ އަގު ހެޔޮވުމާއި ސްރީ ލަންކަން ރުޕީގެ އަގު އުފުލުމެވެ. ކުރިއަށް އޮތް 2025ވަނަ އަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައި ވެސް އިންފްލޭޝަން ރޭޓު ދަށް ވާނެ ކަމަށް ބެލެވޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ހިނގަމުންދާ 2024ވަނަ އަހަރު ސްރީ ލަންކާގެ އިޤްތިޞާދު 4.5 ނުވަތަ 5 އިންސައްތައިން އިތުރުވާނެ ކަމަށް ބެލެވެއެވެ. މިއީ ވޯލްޑު ބޭންކުން ލަފާ ކޮށްފައިވާ 4.4 އިންސައްތައަށް ވުރެ މަތީ ޢަދަދެކެވެ.