ޚަބަރު

ލީބިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި


  • ލީބިޔާގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ލީބިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ވެރިންނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ލީބިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާގެ މެސެޖު ފޮނުއްވީ އެ ޤައުމުގެ ޕްރެޒިޑެންޝަލް ކައުންސިލުގެ ރައީސް މުޙައްމަދު ޔޫނުސް އަލް މަންފީއަށާއި، އެ ޤައުމުގެ އެއްބައިވަންތަކަމުގެ ސަރުކާރުގެ ބޮޑުވަޒީރު ޢަބްދުލްޙާމިދު މުޙައްމަދު އަލް ދަބީބާއަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި މި ތަހުނިޔާގެ މެސެޖުތަކުގައި އެމަނިކުފާނު ވަނީ، ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެ ޤައުމުގެ އިސް ވެރިންނާއި ރައްޔިތުންނަށް، އުޚުއްވަތްތެރިކަމާއެކު، ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ލީބިޔާގެ ރައީސާއި ބޮޑުވަޒީރު ފުރިހަމަ ސިއްޙަތުގައި ލެހެއްޓެވުމަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ފާގަތިކަން އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.

ލީބިޔާގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހެވެ. ދިވެހިރާއްޖެ އާއި ލީބިޔާ އާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1975 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.