ޚަބަރު

ސޫރިޔާ އަލުން އާރާސްތު ކުރުމަށް ޤަޠަރާއި އުރުދުންގެ އެހީ


ސޫރިޔާގެ ހަކަތައިގެ ދާއިރާއަށާއި ބަނދަރުތައް ހެދުމަށް ޚަރަދު ކުރުމަށް ތައްޔާރަށް އޮތް ކަމަށް ޤަޠަރުން ބުނެފިއެވެ.

ސޫރިޔާގެ ކުރީގެ ރައީސް ބައްޝަރު އަލް-އަސަދުގެ ވެރިކަން ޑިސެމްބަރު މަހުގެ 8ވަނަ ދުވަހު ކުއްލި ގޮތަކަށް ނިމުމަކަށް އައުމުން, އެ ކަމުގައި އެންމެ އިސް ދައުރެއް އަދާކުރި ހަނގުރާމަވެރި ޖަމާޢަތް, ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ އަޙްމަދު އަލް ޝަރާޢު ވަނީ ޤައުމުގެ ހިންގުމާ ޙަވާލުވެފައެވެ. ޤައުމު އަލުން ބިނާކޮށް އާރާސްތު ކުރުމަށް އިންތިޤާލީ ސަރުކާރުން މަސައްކަތް ފަށައިފާވާ ދަނޑިވަޅެއްގައި އެކި ޤައުމުތަކުން ދަނީ އެ ސަރުކާރާ ގުޅުން ބަދަހި ކުރަމުންނެވެ.

އެ ގޮތުން ޤަޠަރުގެ ދާޚިލީ ވުޒާރާގެ ސްޓޭޓު މިނިސްޓަަރު މުޙައްމަދު އަލް-ޚުލަފީ ވަނީ ހޯމަ ދުވަހު ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ވަޑައިގެންފައެވެ. އޭނާ އެ ޤައުމަށް ވަޑައިގަތީ އަސަދުގެ ވެރިކަން ނިމުނު ފަހުން އެ ޤައުމަށް ދަތުރުކުރި ޤަޠަރު އެއާވޭސްގެ ފުރަތަމަ ފުލައިޓުގައެވެ. އެ ދަތުރުގައި އޭނާ ވަނީ އިންތިޤާލީ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި ސޫރިޔާއަށް ޤަޠަރުން ކޮށްެދެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލް-ޝަރާޢު ބުނީ ހަކަތައިގެ ދާއިރާއިންނާއި ބަނދަރުތައް ހެދުމުގެ މަސައްކަތަށް ޚަރަދު ކުރުމަށް ޤަޠަރުން ޝަޢުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދިމާވެދާނެ ދަތިތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށާއި ސޫރިޔާއަށް ޒިޔާރަތް ކުރުމަށް ޤަޠަރުގެ އަމީރު ޝައިޚު ތަމީމް ބިން ޙަމަދު އަލް-ޘާނީއަށް ދަޢުވަތު އަރުވާފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޚުލައިފީ ވިދާޅުވީ ސޫރިޔާގެ އަޚުންނާއި އުޚުތުންނާ އެކު, ޚާއްޞަކޮށް މި ވަގުތު, ޤަޠަރުން ދެމިތިބޭނެ ކަމަށެވެ. މި ހައްސާސް ޙާލަތުގައި ސޫރިޔާއާއި އެ ޤައުމުުގެ ރައްޔިތުންނަށް ވާގިވެރިކަމާއި އެހީތެރިކަން ވަރަށް މުހިންމު ކަމަށާއި ހުރިހާ އެންމެންގެ މަސައްކަތާއި އެއްބާރުލުން, ޚާއްސަކޮށް އެ ޤައުމާ ދެކޮޅަަށް އަަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމުގައްޔާއި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ޤަތަރުގެ އިތުރުން އުރުދުނުން ވެސް ވަނީ ސޫރިޔާ އަލުން އާރާސްތު ކުރުމުގައި އެހީތެރިވެދޭނެ ކަމަށް ބުނެފައެވެ. މީގެ ދެ ހަފުތާ ކުރިން ދިމިޝްޤަށް ޒިޔާރަތް ކުރެއްވި އުރުދުންގެ ދާޚިލީ ވަޒީރު އައިމަން އަލް-ސަފާދީ ވިދާޅުވީ އުރުދުނުން ސޫރިޔާއަށް އެހީ ދޭނެ ކަމަށާއި ސޫރިޔާގެ އައު ސަރުކާރަށް ޤައުމު އަލުން ބިނާ ކުރާނެ ގޮތަކާ މެދު ގޮތް ނިންމާ ރޭވުންތައް ރޭވުމަށް ފުރުޞަތު ދޭން ޖެހޭ ކަމަށެވެ.