ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާއަށް ވާގިވެރިވުމަށް އުތުރު ކޮރެޔާއިން އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވަން ތައްޔާރުވަމުންދާ ކަމަށް ދެކުނު ކޮރެެޔާއިން ބުނެފިއެވެ.
އުތުރު ކޮރެޔާއިން މިހާރު ވެސް 240އެމްއެމްގެ ރޮކެޓު ލޯންޗަރުތަކާއި 170އެމްއެމްގެ އަމިއްލައަށް ޕްރޮޕެލްކުރާ ބަޑި ރަޝިޔާއަށް ފޯރުކޮށްދީފައިވެއެވެ. މިދިޔަ މަހު ހަތިޔާރު ތަޖުރިބާ ކުރެއްވުމަށް ފަހު އިތުރު ސުއިސައިޑު ޑްރޯނުތައް ރަޝިޔާއަށް ފޮނުވުމަށް އުތުރު ކޮރެޔާއިން ތައްޔާރު ކުރާތަން ފެނިފައިވާ ކަމަށް ދެކުނު ކޮރެޔާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްސް, ޖޭސީއެސުން ބުނެއެވެ. ސުއިސައިޑު ޑްރޯނު ފޮނުވުމަކީ އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮން އުން މި ވަގުތަށް އެންމެ މުހިންމުކަން ދެއްވާ މަސަައްކަތް ކަމަށާއި ރަޝިޔާއަށް އެ ޑްރޯންތައް ފޮނުވުމުގެ ނިޔަތް އުތުރު ކޮރެޔާއިން ކުރިން ފާޅުކޮށްފައިވާ ކަމަށް ޖޭސީއެސުން ބުނެއެވެ.
މި ދަފަ ސުއިސައިޑް ޑްރޯންތައް ގިނަ ޢަދަދަކަށް މިހާރުވެސް ޔޫކްރޭނު ހަނގުރާާމައިގައި ބޭނުން ކުރެއެވެ. ވައިގެ މަގުން ބޭނުން ކުރާ މި ފަދަ އެތައް ހަތިޔާރެއް ތައްޔާރު ކުރަން ކިމް އަމުރު ކުރައްވާފައިވާ ކަމަށާއި އަސްކަރީ ތަޢުލީމު އިތުރަށް ހަރުދަނާ ކުރުމަށް އަންގަވާފައިވާ ކަމަށް އުތުރު ކޮރެޔާގެ ދައުލަތުގެ ޓީވީން ބުނެއެވެ.
ދެކުނު ކޮރެޔާއާއި އެމެރިކާއާއި ޔޫކްރޭނުން ބުނާ ގޮތުގައި އުތުރު ކޮރެޔާގެ 12,000އަށްވުރެ ގިނަ ސިފަަައިން ރަޝިޔާއާ އެކު ޙަރަކާތްތެރި ވެއެވެ. ޖޭސީއެސުން ބުނީ އޭގެ ތެރެއިން 1,100 ހަނގުރާމައިގައި މަރުވެފައި ނޫނީ ޒަޚަމްވެފައިވާ ކަމަށެވެ. މިިދިޔަ ހަފުތާގެ ތެރޭގައި ދެކުނު ކޮރެޔާގެ ޖާސޫސީ އިދާރާއަކުން ވެސް އުތުރު ކޮރެޔާގެ 100 ސިފައިން މަރުވެފައިވާ ކަމަށާއި އިތުރު 1,000 ސިފައިން ކޫރްސްކް ސަރަޙައްދުގައި ޒަޚަމްވެފައިވާ ކަމަށް ވަނީ ބުނެފައެވެ.
ރަޝިޔާއާއި އުތުރު ކޮރެޔާއާ ދެމެދު އޮންނަ އަސްކަރީ ގުޅުން ވަރުގަދަ ކުރަމުން ދިއުމަކީ އުތުރު ކޮރެޔާއަށް އޮންނަ ނުރައްކާ އިތުރުކޮށްދޭ ކަމެމެވެ. ދެކުނު ކޮރެޔާގެ އަސްކަރިއްޔާއަށް ވުރެ ބަލިކަށިކަމަށް ބެލެވިފައިވާ އުތުރު ކޮރެޔާގެ އަސްކަރިއްޔާ އިތުރަށް ޒަމާނީކޮށް ކުރިއެރުމަކީ ދެކުނު ކޮރެޔާއަށް އޮތް ހިރާހެކެވެ.
ޖޭސީއެސުން ބުނީ ވަރަށް ދުރަށް ދަތުރުކުރުމުގެ ޤާބިލިއްޔަތު ހުރި ހައިޕަސޮނިކް މިސޭލު މި އަހަރުގެ ފަހުކޮޅުގައި އުތުރު ކޮރެޔާއިން ތަޖުރިބާ ކުރުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނު ކޮރެޔާއަށް ފޮނުވާ ކުނި ބެލޫންގެ ޢަދަދު އިތުރުކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައި ވެއެވެ.
އުތުރު ކޮރެޔާއިން ކުނި ހަރުކޮށްފައި ހުންނަ ފުއްޕާހަންތައް މިދިޔަ މެއި މަހުގެ ފަހުކޮޅުން ފެށިގެން ދަނީ ދެކުނު ކޮރެޔާއަށް ފޮނުވަމުންނެވެ. އެ ޤައުމުން ބުނީ އެ ފުއްޕާހަންތައް ފޮނުވަނީ ދެކުނު ކޮރެޔާގެ އެކްޓިވިސްޓުން ލީފްލެޓު ހަރުކޮށްފައި ފޮނުވަމުންދާ ފުއްޕާހަންތަކުގެ ބަދަލުގައި ކަމަށެވެ.
ޖޭސީއެސުން ބުނީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ރަޝިޔާގެ ވާގިވެރިކަމާ އެކު އެކި ކަހަލަ އިސްތިރާޖީ ޖެއްސުންތައް އުތުރު ކޮރެޔާއިން ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ބައްރުތައް ހުރަސްކޮށް ދަތުރުކުރެވޭ ބެލިސްޓިކް މިސައިލު ފޮނުވުމާއި ނިއުކުލިއާ ތަހުލީލުތައް ކުރުން ހިމެނޭ ކަމަށް ޖޭސީއެސުން ބުނެއެވެ.