މިއަހަރުގެ 3 ވަނަ ކުއާޓަރގައި އިމާރާތްކުރުމުގެ ސިނާއަތާއި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ ކުއާރޓާލީ އިކޮނޮމިކް ބުލެޓިންއިން ދައްކައިފިއެވެ.
އެމްއެމްއޭގެ މިއަހަރުގެ 3 ވަނަ ކުއާޓަރގެ އިކޮނޮމިކް ބުލެޓިންގ ރިޕޯޓުން ދައްކާގޮތުން އިމާރާތްކުރުމުގެ ސިނާއަތާއި ރިއަލް އެސްޓޭޓްގެ ދާއިރާ ވަނީ ކުރިއަރާފައެވެ. އެގޮތުން 3 ވަނަ ކުއާޓަރގައި އިމާރާތްކުރުމުގެ ސިނާއަތް ވަނީ %1.6 ކުރިއެރުމެއް ހޯދާފައެވެ. އަދި ރިއަލް އެސްޓޭޓްގެ ދާއިރާ ވަނީ %7.1 ކުރިއެރުމެއް ހޯދާފައެވެ.
އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން އަހަރުގެތެރޭގައި ރާއްޖެއަށް އިމާރާތްކުރުމުގެ ސިނާއަތައް ބޭނުންވާ ތަކެތި އިމްޕޯޓްކޮށްފައިވާ އަދަދު ވަނީ %4 ދަށްވެފައެވެ. އަދި އިމާރާތްކުރުމުގެ ސިނާއަތައް މާލީ އިދާރާތަކުން ލޯނު ދޫކުރި އަދަދު އަހަރުގެ ތެރޭގައި ވަނީ އިތުރުވެފައެވެ. އެއީ %15 ކުރިއެރުމެކެވެ.
3 ވަނަ ކުއާޓަރގައި އިމާރާތްކުރުމުގެ ސިނާއަތައް ލޯނު ދޫކޮށްފައިވާ މައިގަނޑު ބޭނުންތަކަކީ ރިސޯޓްތައް މަރާމާތުކުރުމަށް ދޫކޮށްފައިވާ ލޯނުތަކާއި، އަމިއްލަ ފަރާތްތަކާއި އަދި ކުންފުނިތަކުން އިމާރާތްކުރަމުންދާ ހައުސިން ޕްރޮޖެކްޓްތަކަށް ވަނީ ލޯނު ދޫކޮށްފައެވެ.
ފަތުރުވެރިކަމުގެ ސިނާއަތްވެސް ވަނީ 3 ވަނަ ކުއާޓަރގައި ކުރިއެރުން ހޯދާފައެވެ. އެގޮތުން މި ސިނާއަތް %10 ކުރިއަރާފައިވެއެވެ. އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން ފަތުރުވެރިކަމުގެ ސިނާއަތުން ކުރިއެރުން ހޯދާފައިވާއިރު ޗައިނާ އަދި ޔޫރަޕްގެ ޤައުމުތަކުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. ނަމަވެސް އިންޑިއާ މާކެޓުން ރާއްޖެއައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރާ އަޅާބަލާއިރު ދަށްކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.
އިމާރާތްކުރުމުގެ ސިނާއަތާއި ފަތުރުވެރިކަމުގެ ސިނާއަތައް މިއަހަރުގެ 3 ވަނަ ކުއާޓަރގައި ކުރިއެރުން ލިބިފައިވީނަމަވެސް މަސްވެރިކަމުގެ ސިނާއަތް ވަނީ މި ކުއާޓަރގައި ދަށްވެފައެވެ.
އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން ކުންފުނިތަކުން މަސް ގަނެފައިވާ އަދަދު މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރއާއި އަޅާބަލާއިރު މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ވަނީ %53 ދަށްވެފައެވެ. އަދި ރާއްޖެއިން މަސް އެކްސްޕޯޓްކުރި އަދަދުވެސް ވަނީ ދަށްވެފައެވެ. މީގެ މައިގަނޑު ސަބަބަކީ މަސްވެރިކަން މި މުއްދަތުގެ ތެރޭގައި ދަށްވުމެވެ.
އެމްއެމްއޭގެ ކުއާޓަލީ ބިޒްނަސް ސާރވޭ ރިޕޯޓަކީ ރާއްޖޭގެ އިޤްތިޞާދުގެ މިހާރުގެ ޙާލަތާއި ކުރިއަށް އޮތް ކުއާޓަރުގައި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތަކާއި ގުޅޭގޮތުން ނެރޭ ރިޕޯޓެކެވެ. މި ރިޕޯޓް އެކުލަވާލަނީ އިޤްތިޞާދުގައި ހިމެނޭ މުހިންމު 4 ދާއިރާކަމަށްވާ ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރު އަދި މުއާސަލާތީ ޚިދުމަތްތައް، ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތަކާއި ސުވާލުކޮށް މައުލޫމާތު އޮޅުން ފިލުވުމަށްފަހުއެވެ.