ސުނާމީ ކާރިސާއާށް 20 އަހަރު ފުރުމާ ގުޅުވައިގެން، "ވިލުންތެރި 20"ގެ ނަމުގައި ޙާއްޞަ މައުރަޒެއް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭއިން ހުޅުވައިފިއެވެ. ނޭޝަނަލް އާރޓް ގެލަރީގައި ކުރިއަށްގެންދާ މި މައުރަޒު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއަޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ.
އެންޑީއެމްއޭއިން ވިދާޅުވީ މިއީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއަށްފަހު ރާއްޖެ އަލުން އާރާސްތުކޮށް ކާރިސާތަކަށް ވިލުންތެރި ޤައުމަކަށް ރާއްޖެ ހެދުމަށްޓަކައި އެންމެން ގުޅިގެންކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭނެ މަޢުރަޒެއްކަމަށެވެ.
އެންޑީއެމްއޭއިން އިސްނަގައިގެން ކުރިއަށްގެންދާ މި މައުރަޒުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އެންޑީއެމްއޭ އިން ވަނީ ރައީސުލްޖުމްހޫރިއަޔާގެ ނައިބަށް ފޮޓޯ ފޮތެއް ހަދިޔާކުރައްވާފައެވެ. އަދި ހަމައެހެންމެ، 2024-2030ގެ މެދުރާސްތާގައި ޤައުމީ ފެންވަރުގައި ހާސިލްކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ފާހަގަކޮށް ތައްޔާރުކޮށްފައިވާ "މޯލްޑިވްސް ޑިސާސްޓަރ ރިސްކް ރިޑަކްޝަން ސްރެޓެޖީ" ވެސް އިފްތިތާހްކޮށްފައިވެއެވެ.
ނެޝަނަލް އާޓް ގެލަރީގައި ފެށި މި މައުރަޒު ކުރިއަށް ދާނީ ބުރާސްފަތި އަދި ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00އަށެވެ. އަދި ހޮނިހިރު އަދި އާދީއްތަ ދުވަހު ހެންދުނު 10:00 އިން ހަވީރު 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.