ޢާންމުންގެ 60 މީހުން ޖަލަށްލުމަށް ޕާކިސްތާނުގެ އަސްކަރީ ކޯޓަކުން ޙުކުމްކޮށްފިއެވެ. އެ މީހުން ޖަލަށްލުމަށް ޙުކުމް ކޮށްފައި ވަނީ، ހުސްވި އަހަރުގެ ތެރޭގައި ސަރުކާރާ ދެކޮޅަށް ހިންގި މުޒާހަރާތަކެއްގެ ތެރެއިން، އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ޙަމަލާތަކެއް ދިން ކަމުގެ ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅައެވެ. އެ މީހުންނަށް އިއްވާފައި ވަނީ ދެ އަހަރާއި 10 އަހަރާއި ދެމެދުގެ ޖަލު ޙުކުމްތަކެކެވެ.
ޖަލަށްލުމަށް ޙުކުމް ކޮށްފައިވާ މީހުންގެ ތެރޭގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޢާއިލާއަށް ނިސްބަތްވާ ބޭފުޅުންނާއި އަސްކަރިއްޔާއިން ރިޓަޔަރ ކޮށްފައިވާ ދެ އޮފިސަރުން ހިމެނެއެވެ. ޕާކިސްތާނުގެ އަސްކަރީ ކޯޓުން 60 މީހަކު ޖަލަށްލުމަށް ޙުކުމް އިއްވާފައި މި ވަނީ، އިތުރު 25 މީހަކު ޖަލަށްލުމަށް ޙުކުމްކުރިތާ ދުވަސްކޮޅެއް ފަހުންނެވެ. އެ މީހުންނާ ދެކޮޅަށް ވެސް ޝަރިޢަތް ހިންގާފައި ވަނީ 2023 މޭ މަހުގެ ތެރޭގައި ހިންގި ހަމަނުޖެހުންތަކުގައި، އަސްކަރީ މަރުކަޒުތަކަށް ދިން ޙަމަލާތަކާ ގުޅުވައެވެ.
2023 މޭ މަހުގެ ތެރޭގައި ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ފަށާފައި ވަނީ ޚާން ހައްޔަރު ކުރުމާ ގުޅިގެންނެވެ. އެ މުޒާހަރާތަކުގައި ބައިވެރިވި ގިނަ މީހުންނަކީ ޚާނަށް ތާޢީދު ކުރާ މީހުންނާއި، އޭނާގެ ޕާކިސްތާން ތަޙްރީކް އިންސާފް (ޕީޓީއައި) ޕާޓީގެ މެމްބަރުންނެވެ. އެ މުޒާހަރާތަކުގައި ބައިވެރިވި ބައެއް މީހުން، އަސްކަރީ މަރުކަޒުތަކަށް ޙަމަލާ ދިނުމަށް މަސައްކަތް ކޮށްފައިވެއެވެ.
އެ ކުށްތަކާ ދެކޮޅަށް ހިންގަމުންދާ ޝަރީޢަތާ ގުޅޭ ގޮތުން ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ، އިންސާފު ޤާއިމުކޮށް، ސަރުކާރުގެ އަމުރުތައް ތަންފީޒު ކުރުމުގައި އަސްކަރިއްޔާއިން ދެމިއޮންނާނެ ކަމުގައެވެ. ޕާކިސްތާނުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް އެ ޤައުމުގެ އަސްކަރީ ކޯޓުގައި ޝަރިޢަތް ހިންގަމުންދާތީ ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ ކަމާ މެދު ނުރުހުން ފާޅުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް އަދި ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ މެންބަރު ޤައުމުތައް ހިމެނެއެވެ.
މި ކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައި އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ "2023 މޭ 9ވަނަ ދުވަހު ބޭއްވި މުޒާހަރާތަކުގައި ބައިވެރިވި މީހުންގެ ތެރެއިން ބައެއް ޢާންމު ރައްޔިތުންނާ ދެކޮޅަށް [ޕާކިސްތާނުގެ] އަސްކަރީ ކޯޓެއްގައި ޝަރިޢަތްކޮށް، ޙުކުމް ކުރުމަކީ [ވޮޝިންގޓަނުން] ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް" ކަމުގައެވެ.
އިނގިރޭސިވިލާތުގެ ޚާރިޖީ ވުޒާރާއިން ބުނީ "އަސްކަރީ ކޯޓުތަކުގައި ޢާންމުންނާ ދެކޮޅަށް ޝަރިޢަތް ހިންގުމަކީ ހާމަކަމާއި މިނިވަންކަމާ ދެކޮޅު، އިންސާފުވެރި ޝަރިޢަތެއްގެ ޙައްޤުން މަޙްރޫމު ކުރުވި އަމަލެއް" ކަމުގައެވެ. ޕާކިސްތާނުގެ އަމަލާ މެދު އީޔޫން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ އިއްތިޙާދުން ބުނީ، އެއީ މަދަނީ އަދި ސިޔާސީ ޙައްޤުތަކާ ބެހޭ މުޢާހަދާއާ ދެކޮޅަށް ޕާކިސްތާނުން ހިންގާފައިވާ އަމަލެއް ކަމުގައެވެ.
ޚާނަށް ތާޢީދު ކުރާ މީހުން ވެސް ދަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ގިނަ ދަޢުވާތަކެއް އުފުލާފައިވާ ޚާނާ ގުޅުން ހުރި މައްސަލަތަކަށް ބާރާއި ނުފޫޒު ފޯރުވަން ޕާކިސްތާނުގެ އަސްކަރިއްޔާއިން މަސައްކަތް ކުރަމުންދާ ކަމަށް އެ މީހުން ތުހުމަތު ކުރެއެވެ. ޚާނާ ދެކޮޅަށް އުފުލާފައިވާ ބައެއް ދަޢުވާތަކުގެ ތެރޭގައި، އަސްކަރިއްޔާއާ ދެކޮޅަށް ޙަމަލާތައް ދިނުމަށް ޢާންމުންނަށް ހިތްވަރު ދިނުމުގެ ދަޢުވާ ހިމެނެއެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން، އަސްކަރީ ކޯޓުގައި ހިންގަމުންދާ ޝަރިޢަތްތައް އެ ޤައުމުގެ ސަރުކާރުން ވަނީ ދިފާޢު ކޮށްފައެވެ. އެ ޤައުމުގެ މުއާޞަލާތާ ބެހޭ ވުޒާރާއިން ބުނީ، އަސްކަރީ ކޯޓުގައި ދަޢުވާ އުފުލާފައިވާ މީހުންގެ ހުރިހާ ޙައްޤުތަކެއް ކަށަވަރު ކޮށްދެމުންދާ ކަމުގައެވެ.
މި ގޮތުން، އެ މީހުންނަށް ދިފާޢީ ވަކީލުންގެ ޚިދުމަތްތައް ހަމަޖައްސައިދީފައިވާނެ ކަމަށާއި، އެ މީހުންގެ ޢާއިލާގެ މެންބަރުންނާ ބައްދަލު ކުރުމުގެ ފުރުޞަތު ފަހިކޮށްދީފައިވާނެ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ. މީގެ އިތުރުން، މަދަނީ ކޯޓުތަކެކޭ އެއްފަދައިން، އެ މީހުންނާ ދެކޮޅަށް ސާބިތުވެފައިވާ ޙުކުމްތައް އިސްތިޢުނާފު ކުރުމުގެ ޙައްޤު ލިއްބައިދޭނެ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.
ޚާނަށް ތާޢީދު ކުރާ މީހުން ބުނީ، 2023 މޭގެ ތެރޭގައި ހިންގާފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން އެ މީހުން ގޯސްކޮށް އެއްވެސް އަމަލެއް ހިންގާފައި، ނުވަތަ ކުށްތަކަށް އަރައިގަނެފައި ނުވާނެ ކަމުގައެވެ. ޚާން ވެސް ވިދާޅުވަމުން ގެންދަވަނީ، އޭނާއާ ދެކޮޅަށް އުފުލާފައި ވަނީ ސިޔާސީ ދަޢުވާތަކެއް ކަމުގައެވެ. އަދި، އެ ކަމުގެ އަޑީގައި އޮތީ ޕާކިސްތާނުގެ ބާރާއި ނުފޫޒު ގަދަ އަސްކަރިއްޔާ ކަމަށް އޭނާ ތުހުމަތު ކުރައްވަައެވެ. ނަމަވެސް، ޕާކިސްތާނުގެ އަސްކަރިއްޔާއިން ދަނީ މި ތުހުމަތުތައް ދޮގު ކުރަމުންނެވެ. އަދި، ޢާންމު ރައްޔިތުންނާ މެދު ނާއިންސާފުން އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމުގައި އަަސްކަރިއްޔާއިން ބުނެއެވެ.