ޚަބަރު

"މެދުކެނޑުމެއްނެތި ކުޅުންތެރިން ކުރާ މަސައްކަތް ފެނޭ"


މި އަހަރުގެ އިންޓަރ ސްކޫލް މުބާރާތުން ފެނިގެންދިޔަ ކުޅުންތެރިންގެ ހުނަރާއެކު އެންމެ ބޮޑަށް ފެނިގެންދިޔައީ މެދުކެނޑުމެއްނެތި ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތް ކަމަށާއި، އެއީ މުސްތަގުބަލަށް ލިބިގެންދިޔަ ފެހި ސިގުނަލެއް ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ޔޫތު ޑިވަލޮޕްމެންޓް އޮފިސަރު ފަތުހުﷲ ވަހީދު (ފައްލޯ) ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް އިން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފައްލޯ ވިދާޅުވީ މުބާރާތުގައި މެޗަކަށްފަހު މެޗެއް ކުޅުންތެރިންގެ ހުނަރު ދިޔައީ އިތުރުވަމުން ކަމަށެވެ. އަދި އެ ހުނަރު ފެނިގެންދިޔައީ ކޮންމެ ޓީމެއްގެވެސް ކޯޗުންގެ އިރުޝާދާ އެއްގޮތަށް، އެ ޓީމަކުން ކުރި މަސައްކަތުން ކަމަށްވެސް ވިދާޅުވިއެވެ.

"އޭގެ މާނައަކީ މެދުކެނޑުމެއްނެތި އެ ކުދިން އެ ކުރާ މަސައްކަތް އަޅުގަނޑުމެންނަށް މުސްތަގުބަލުގައި ވަރަށް އުޖާލާކޮށް ފެނިގެންދާނެއޭ." ފައްލޯ ވިދާޅުވިއެވެ.

ފައްލޯ ވިދާޅުވީ މި ފަހަރުގެ އިންޓަރ ސްކޫލް ވޮލީ މުބާރާތް ފެށީ ގިނަ ޝަކުވާތަކާއެކު ކަމަށާއި، ސަޕޯޓަރުންނަށް ހަމަޖެހިގެން ތިބެ ކުޅިބެލުމުގެ ފުރުސަތު އޮތީ ވަރަށް ބޮޑަށް ގެއްލިފައި ކަމަށެވެ. އެގޮތުން ޓާފް ދަނޑުގައި ތިން ކޯޓެއްގައި އެއްފަހަރާ މެޗުތައް ކުޅެމުންދާއިރު، އެ ތަނުގައި ކުޅިބެލުމުގެ އިންތިޒާމު އޮތީ ދަތިކޮށް ކަމަށް ވިދާޅުވިއެވެ. އަދި އެކެޑަމީ ކޯޓުގައިވެސް މެޗު ކުޅެމުންދިޔައިރު، ސަޕޯޓަރުންނަށް ހުރި ދަތިކަމާ ގުޅޭގޮތުން ކުރި ޝަކުވާތައް ބަލައިގަންނަކަން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"ފައިނަލް މެޗުތައް އަޅުގަނޑުމެން ފަށައިފިން ހެނދުނު ހެނދުނާ. ހުކުރު ދުވަހެއްގެ ހެނދުނު ފައިނަލް ފަށައިގެން، ދެ ކޯޓުގައި އެއްފަހަރާ ފައިނަލް މެޗުތައް ކުރިއަށްދިޔައިރު ސަޕޯޓަރުންގެ ފޯރިއަކަށް އެއްވެސް ކަހަލަ އުނިއިތުރުކަމެއް ނާދޭ." ފައްލޯ ވިދާޅުވިއެވެ.

އެހެންނަމަވެސް މުބާރާތް ނިމިގެންދިޔައިރު ޓީމުތަކުން ކުރި ކޮމެންޓުތައް ތަފާތު ކަމަށާއި، އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ފައިނަލް މެޗުތައް އިންޑޯއަށް ބަދަލުކުރުމާއި، ފައިނަލުގައި ފެނިގެންދިޔަ އާދަޔާ ޚިލާފު ފޯރި ކަމަށްވެސް ފައްލޯ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފައްލޯ ވަނީ ވޮލީގައި އުޖާލާކަން ގެނެސްދިނުމަށްޓަކައި ބެލުންތެރިން އަދި ވަކިން ޚާއްސަކޮށް ބެލެނިވެރިން ވަރަށް ބޮޑު ގުރުބާނީއެއް ވާކަން ފާހަގަކުރައްވާފައެވެ.