ޚަބަރު

އަފްޣާނިސްތާނުގެ ޠާލިބާނުން ޕާކިސްތާނަށް ޙަމަލާ ދޭން ފަށައިފި


އަފްޣާނިސްތާނުގައި ވެރިކަން ކުރާ ޠާލިބާނުން، އެ ޤައުމާ އިންވެގެން އޮތް ޕާކިސްތާނުގެ ބައެއް ސަރަޙައްދުތަކަށް އަމާޒުކޮށް ޙަމަލާ ދޭން ފަށައިފިއެވެ. އަފްޣާނިސްތާނުގައި ޠާލިބާނުން ޤާއިމު ކޮށްފައިވާ ދިފާޢީ ވުޒާރާއިން ބުނީ، މިއީ ޕާކިސްތާނުން އެ ޤައުމުގެ ރަށްތަކަށް އަމާޒުކޮށް ދާދިފަހުން ދީފައިވާ ވައިގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ހިންގަމުންދާ އަސްކަރީ ހަރަކާތެއް ކަމުގައެވެ.

ނަމަވެސް، ބަދަލު ހިފުމުގެ ގޮތުން ޠާލިބާނުން ޙަމަލާ ދީފައި ވަނީ ޕާކިސްތާނުގެ ކޮން ސަރަޙައްދުތަކަކަށް ކަން ސާފެއް ނޫނެވެ. އަދި، ބަދަލު ހިފުމުގެ ގޮތުން ޙަމަލާތަކެއް ދީފައިވާނެ ކަމުގައި ބުނި ނަމަވެސް، އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޕާކިސްތާނަށް ކަން ސާފުކޮށް ބަޔާން ކޮށްދިނުމަށް ވެސް ޠާލިބާނުންގެ ދިފާޢީ ވުޒާރާއިން ވަނީ ދެކޮޅު ހަދާފައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޠާލިބާނުންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ، ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އޮތް ސަރަޙައްދީ ރޮނގުގައި، މިލްކުވެރިކަމާ މެދު ސުވާލު އުފެދިފައިވާ ސަރަޙައްދުތަކަށް ކަމަށް ބެލެވޭ ކަމުގައެވެ.

މި ކަމާ ގުޅޭ ގޮތުން ޠާލިބާނުންގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނު ޢިނާޔަތުالله ޚަވާރިޛްމީ ބުނީ، ޙަމަލާތައް ދީފައިވާ ސަރަޙައްދަކީ ޕާކިސްތާނުގެ ބިމެއް ކަމަށް އަފްޣާނިސްތާނުން ޤަބޫލު ނުކުރާ ކަމުގައެވެ. އަދި، އެއީ ޕާކިސްތާނަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކެއް ކަން ކަށަވަރުކޮށް ބުނަން ދަތި ކަމުގައެވެ. ނަމަވެސް، ޙަމަލާތައް އަމާޒުކޮށްފައި ވަނީ، ސަރަޙައްދީ ރޮނގުގެ "އަނެއް ފަޅިއަށް" ކަމުގައި އޭނާ ބުންޏެވެ.

އަފްޣާނިސްތާނާއި ޕާކިސްތާން ގުޅޭ ސަރަޙައްދީ ރޮނގުގެ ބައެއް ސަރަޙައްދުތަކަށް ދީފައި ނަމަކީ 'ޑިޔުރެންޑް ލައިން' ނުވަތަ ރޮނގެވެ. އެ ދެ ޤައުމުގެ ދެމެދުގައި ސަރަޙައްދީ އިން ކަނޑައަޅާފައި ވަނީ އިނގިރޭސިވިލާތުގެ އިސްތިޢުމާރީ ސިފައިންނެވެ. އެއީ، 19ވަނަ ޤަރުނުގެ ތެރެއިންނެވެ. ނަމަވެސް، އަފްޣާނިސްތާނުން ވަނީ އެ ސަރަޙައްދީ ރޮނގުގެ ސައްޙަކަމާ މެދު ސުވާލު އުފައްދައި، އެ ރޮނގު ބަލައިގަތުމަށް ދެކޮޅު ހަދާފައެވެ.

ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ އަފްޣާނިސްތާނުގެ ޠާލިބާނުން ޕާކިސްތާނަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައިވާ ކަން ސާފެއް ނޫނެވެ. މި ކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރަން ޕާކިސްތާނުގެ އަސްކަރިއްޔާ އަދި ޚާރިޖީ ވުޒާރާއިން ވެސް ވަނީ ދެކޮޅު ހަދާފައެވެ.

އަފްޣާނިސްތާނުގެ ބައެއް ރަށްތަކަށް އަމާޒުކޮށް ޕާކިސްތާނުގެ އަސްކަރީ މަތިންދާބޯޓުތަކުން ދާދިފަހުން ދީފައިވާ ވައިގެ ޙަމަލާތަކުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ޠާލިބާނުން ދީފައިވެއެވެ. އެ ޙަމަލާތަކުގައި 50އެއްހާ މީހުން މަރުވެފައިވާއިރު، އެއީ ޢާންމުންގެ ބަޔެއް ކަމުގައި ޠާލިބާނުން ބުންޏެވެ. ޕާކިސްތާނުން ބުނީ، ޙަމަލާތައް އަމާޒުކޮށްފައި ވަނީ، ޕާކިސްތާނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތައް ދިނުމުގެ ފަހަތުގައި ތިބި ޖަމާޢަތްތަކަށް އަމާޒުކޮށް ކަމުގައެވެ.

ފާއިތުވި ދުވަސްތަކުގައި އަފްޣާނިސްތާނާއި ޕާކިސްތާނުގެ ގުޅުން ވަނީ ގޯސްވެފައެވެ. އެ ގޮތުން ނުރައްކާތެރި ހަނގުރާމަވެރިންނަށް ހިމާޔަތް ދޭ ކަމަށް ބުނެ އެއް ޤައުމު އަނެއް ޤައުމު ދަނީ ކުށްވެރިކުރަމުންނެވެ. އަފްޣާނިސްތާނަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބޮން އަޅާފައި ވަނީ މަސްރަޙު ފިނި ކުރުމަށް ޕާކިސްތާނުގެ ވަފުދެއް އަފްޣާނިސްތާނުގެ ވެރިރަށް ކާބުލަށް ދަތުުރު ކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ.