މެންޗެސްޓާ ޔުނައިޓެޑަށް ރަނގަޅު ނަތީޖާތަކެއް ނުހޯދޭނަމަ އޭނާގެ މަގާމު ގެއްލޭނެ ކަމަށް ގަބޫލުކުރާކަމަށް އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް ބުނެފިއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި މާދަމާ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އަމޮރިމް ބުނެފައިވަނީ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗަކަށް ކޮންމެ މީހެއް ހުރިނަމަވެސް އެ ޓީމަށް ރަގަޅު ނަތީޖާތަކެއް ނުހޯދޭނަމަ މަގާމުގައި ދެމި ނުހުރެވޭނެކަން ގަބޫލުކުރާނެ ކަމަށެވެ.
އަމޮރިމް ޔުނައިޓެޑްގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ ކުރިން އެ މަގާމުގައި ހުރި އެރިކް ޓެންހާގް މަގާމުން ވަކިކުރުމަށްފަހުގަ އެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން ޕްރިމިއާ ލީގުގައި މިހާތަނަށް ހަތް މެޗު ކުޅެފައިވާއިރު, އެ ހަތް މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.
މީގެ މަހެއްހާ ދުވަސް ކުރިން މަގާމާއި ހަވާލުވި އަމޮރިމްގެ ބެލުމުގެ ދަށުން ޔުނައިޓެޑް އިން ހުރިހާ މުބާރާތެއްގައި 10 މެޗު ކުޅެފައިވާއިރު ފަސް މެޗުން ވަނީ ބަލިވެފަ އެވެ. މިއީ ޔުނައިޓެޑްގެ ކޯޗު ކަމާއި އަލަށް މީހަކު ހަވާލުވިފަހުން އެ ޓީމުން ކުޅުނު ފުރަތަމަ 10 މެޗުގެ ތެރެއިން 1930 ވަނަ އަހަރަށްފަހު ހޯދިފައިވާ އެންމެ ދަށް ނަތީޖާ އެވެ.
ޕޯޗުގަލްގެ ސްޕޯޓިން އަށް ކުރިން ކޯޗުކޮށްދެމުންދިޔަ އަމޮރިމް ހޯދުމަށް މެންޗެސްޓަރ ޔުނައިޓެޑް އިން ވަނީ އެ ކްލަބަށް ދިހައެއް ޕޮއިންޓް ހައެއް މިލިއަން ޕައުންޑްގެ ފީއެއް ދީފަ އެވެ.
އަމޮރިމް ބުނެފައިވަނީ އޭނާ އާއި ކްލަބުގެ ވެރިންނާއި ދެމެދު ގާތް ގުޅުމެއް އޮތް ނަމަވެސް ނަތީޖާތައް ގޯސްވާނަމަ އެ މަގާމުގައި ދެމިނުހުރެވޭނެ ކަމަށާއި އަދި އެއީ ފުޓްބޯޅައިގައި އަބަދުވެސް ކަން ހިނގާ ގޮތް ކަމަށެވެ.