ޚަބަރު

މިމަހުގެ މިހާތަނަށް 6300 އަށްވުރެ ގިނަ ދިވެހީން ޢުމްރާގެ އަޅުކަމަށް މައްކާއަށް


  • ރާއްޖެއިން ޢުމްރާއަށްދިޔަ ހުރިހާ ދިވެހީންގެ ޙާލުވެސް ރަނގަޅު

  • މިމަހުގެ ތެރޭގައި 8000 އެއްހާ ދިވެހީން އެކި ގޮތްގޮތުން ޢުމްރާއަށްދާނެކަމަށް ބެލެވޭ

ޢުމްރާގެ އަޅުކަން އަދާކުރުމަށް، ރާއްޖޭގެ އެކި ކުންފުނިތަކުގެ ޙަވާލުގައި މިމަހުގެ މިހާތަނަށް 6300 އަށްވުރެ ގިނަ ޢުމްރާވެރިން މައްކާއަށް ގޮސްފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަހަރުތެރޭގައި ރާއްޖެއިން ރިކޯޑު މިންވަރަކަށް ޢުމްރާގެ އަޅުކަން އަދާކުރުމަށް ދިވެހީން ދަނީ މައްކާއަށް ދަތުރުކުރަމުންނެވެ.

ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ޚިދުމަތް ދެމުންދާ އެކި ކުންފުނިތަކުގެ ޙަވާލުގައި މިއަހަރު ގިނަ ޢަދަދެއްގެ މީހުން އަންނަނީ ޢުމްރާގެ އަޅުކަމަށް ފުރަމުންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއަހަރު ޢުމްރާގެ އަޅުކަމަށް މައްކާއަށް ގޮސްފައި ތިބި ދިވެހީންގެ ޙާލު ރަނގަޅުކަމަށެވެ. އަދި މިހާތަނަށް 6373 އަށްވުރެ ގިނަ ދިވެހީން ޢުމްރާއަށް ގޮސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޢާއްމުގޮތެއްގައި ރާއްޖެއިން ޑިސެމްބަރު މަހުގެ ޢުމްރާއަށްދަނީ 4000 އެއްހާ މީހުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެހެންނަމަވެސް މިއަހަރު ރިކޯޑު ޢަދަދަކަށް މީހުން އަންނަނީ ޑިސެމްބަރު މަހުގެ ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދަތުރުކުރަމުންނެވެ.

ޢުމްރާއަށްދާ ފަރާތްތަކަށް ރަނގަޅު ޚިދުމަތެއް ދިނުމަށް ބާރުއެޅުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިންވަނީ އެކި ގްރޫޕްތަކަށް އިލްތިމާސްކުރައްވާފައެވެ. އަދި އެންމެ ރަނގަޅަށް ޚިދުމަތްދޭ ޢުމްރާ ގްރޫޕް ކޮންމެ އަހަރަކުވެސް ހޮވުމަށް މިހާރުވަނީ ނިންމާފައެވެ. އަދި ޢުމްރާވެރިންނާމެދު އިހުމާލިވާ ގްރޫޕްތަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންވަނީ ވިދާޅުވެއެވެ.

ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ 50 ގްރޫޕަކަށްވަނީ ދީފައެވެ. ގްރޫޕްތަކުގެ ޙަވާލުގައި ގިނަ ބަޔަކު ޢުމްރާގެ އަޅުކަން އަދާކުރަމުން އަންނައިރު، ގްރޫޕްތަކުގެ އެހީއާއި ނުލައި، އަމިއްލައަށްވެސް އެތައް ބަޔަކުދަނީ ޢުމްރާކުރުމަށް މައްކާއަށް ދަތުރުކުރަމުންނެވެ.

މިއާއެކު މިމަހު ޢުމްރާއަށް 8000 އެއްހާ މީހުން ރާއްޖެއިން ދާނެކަމަށް ބެލެވޭކަމަށް ކަމާބެހޭ އިދާރާތަކުން ފާހަގަކުރައްވައެވެ. ޑިސެމްބަރު މަހުގެ ޗުއްޓީއާއި ދިމާވާތީ ޢުމްރާގެ އަޅުކަން އަދާކުރުމަށް ޢާއިލާގެ ހުރިހާ މެމްބަރުންނާއެކު ޒުވާނުންނާއި ތުއްތު ކުދިންވެސް ގިނަ ޢަދަދަކަށް ދާކަން ފާހަގަކޮށްލެވެއެވެ.

ޢުމްރާގެ އަޅުކަމަކީ، އެއް ޢުމްރާއާއި އަނެއް ޢުމްރާއާއި ދެމެދު ކުރެވޭ ކުދި ފަފަތަކުގެ ކައްފާރާއެއްކަމުގައި ބަޔާންކުރައްވާފައިވެއެވެ.