ޚަބަރު

ނިރުބަވެރި ނަތަންޔާހޫގެ ޕްރޮސްޓޭޓު އޮޕަރޭޝަނެއް ކޮށްފި


ޔަހޫދީ ދައުލަތުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޕްރޮސްޓްރޭޓުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.

ބޮޑުވަޒީރުގެ އިދާރާއިން ބުނީ ނަތަންޔާހޫގެ އޮޕަރޭޝަނަކީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށާއި އޮޕަރޭޝަނަށް ފަހު އޭނާ ހޭ އަރާފައިވާ ކަމަށެވެ. އެނާ މިހާރު ވަނީ ބިމުއަޑީގައިވާ ރައްކާތެރި ޔުނިޓަކަށް އަރާމު ކުރުމަށްޓަކައި ގެންގޮސްފައެވެ. އެ ތަނުގައި ކުޑަ ދުވަސްކޮޅެއް ވަންދެން ޑޮކްޓަރުންގެ ބެލުމުގެ ދަށުގައި އޭނާ އޮންނާނެކަމަށް އެ އިދާރާއިން ބުނެއެވެ.

ނަތަންޔާހޫގެ ޕްރޮސްޓޭޓު އޮޕަރޭޝަނެއް ކޮށްފައި މި ވަނީ އޭނާގެ މޭސްތިރިކަމުގެ ދަށުން ޔަހޫދީ އިސްތިޢުމާރީ ފައުޖުން ޣައްޒާގެ މުސްލިމުން ކަތިލަމުންދާ ދަނޑިވަޅެއްގައެވެ. ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023 އޮކްޓޫބަރު 7ގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން ޒަޔަނިސްޓުންގެ ރަށްތަކަށް ދީފައިވާ ޖިހާދީ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. ޔަހޫދީންގެ ޢުދުވާނުގެ ދަށުން ދެމުންދާ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޣައްޒާގެ ޢާންމު ރައްޔިތުންގެ ގެދޮރާއި ރެފިއުޖީ ކޭމްޕުތަކަށެވެ. އަދި ހަސްފަތާލުތަކާއި މަދަރުސާތަކާއި މިސްކިތްތަކަށާއި ޢުމްރާނީ ވަސީލަތްތަކަށެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 45,300އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 108,038 މީހުން ޒަޚަމު ކޮށްލާފައެވެ.